
ނިޤާބް އެޅުމަކީ ކުށެއްތޯއެވެ!!!
ބަލައިލި ކޮންމެ ދިމާއަކުންވެސް އިވޭ އަޑަކީ އަންހެނުންގެ ޙައްޤުތަކޭކިޔާ އަޑެވެ. އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ޙައްޤުތަކެއް ލިބިފައިވާ ވާހަކައެވެ. އެ ޙައްޤުތައް އަންހެނުންނަށްވެސް ލިބެންޖެހޭވާހަކައެވެ. ނަމަވެސް މި ޙައްޤުތަކުން މަޙްރޫމްވެފައިވާ އަންހެނުންގެ ލިސްޓް ކިޔާލާއިރު އެ ލިސްޓުން އެއްކިބާވެފައިވާ ބައެއްތިބިކަން ދަންނަނީ ކިތައް މީހުންތޯއެވެ؟ ޢިލްމު އުނގެނުމަށް ފެންބޮވައިގެންފައިތި އެތައް ކަނބަލުންނަށް އެފުރުސަތު ނުލިބިފައި ތިބިކަން ނޭނގޭ ކިތައް މީހުން އެބަތިބިތޯއެވެ؟ ޑިގްރީއާއި، މާސްޓަރސް ހަދައިގެން ތިބި ތަޖުރިބާކާރު ހުނަރުވެރި އެތައް ކަނބަލުންނެއް ވަޒީފާގެ މާހައުލުން ބޭރުކޮށް އެއްލައިލާފައި ތިބިކަން ތިބާ އަށް އެނގޭ ހެއްޔެވެ؟
މިއީ އެކަބަލުންގެ ވާހަކައެވެ. އަންހެނުންގެ ޙައްޤުތަކަށްވަކާލާތުކުރާ ބޭފުޅުންވެސް ހަނދާންނެތިފައި ތިބި ކަނބަލުންގެ ވާހަކައެވެ. އާދެ! މޫނުބުރުގާއެޅި ދިވެހި އަންހެން ކަބަލުންގެ ވާހަކައެވެ. އެކަނބަލުންގެ މޫނު ނިވައި ކުރުމަށް އައްސާލެވިފައިވާ ފޮތިކޮޅުގެ ސަބަބުން އެކަބަލުންވަނީ މުޖުތަމަޢުއިން އެކަހެރި ކޮށްލާފައެވެ. ޢިލްމު އުގެނުމާއި ވަޒީފާގެ މާހައުލުން އެއްކިބާ ކުރެވިފައެވެ. އެތައްބައެއްގެ ފުރައްސާރައާއި ރުޅިވެރިކަން އެކަނބަލުންނަށްވަނީ އަމާޒުވެފައެވެ.
އެހެންނަމަވެސް، މޫނުބުރުގާ އެޅުން އެއީ މައްސަލައަކަށްވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ. އަހަރެމެންނަށް ހެވާއި ނުބައި އަންގަވައި ދެއްވަން ﷲ ސުބުޙާނަހޫވަތަޢާލާ ފޮނުއްވެވި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބި އަނބި ކަބަލުންނާއި ދަރި ދަރި ކަލުންނާއި ސަޙާބާއިން އުޅުއްވީ މޫނު ނިވައިކޮށްގެންކަން ސުންނަތުން ސާބިތުވާންއެބައޮތެވެ. މޫނު ބުރުގާއަކީ ފިތުނައެއްނަމަ ނުވަތަ އެއީ މުޖުތަމަޢުގެ ފަރުދުންނަށްހުރި ބޮޑު ނުރައްކަލެއްނަމަ އަހަރެމެންނަށް ނަމޫނާ ދައްކަވަން ތިއްބެވިކަބަލުން މޫނު ނިވައި ކުރައްވާނެތޯއެވެ؟ ނިކަން ވިސްނަވާ ބައްލަވާށެވެ.
އަޅުގަނޑު އެއްވެސް ޙާލެއްގައި، މޫނު ނިވައިކޮށްގެންތިބި ކަބަލުން އެހެންކަބަލުންނަށްވުރެ ދަރަޖައިގެގޮތުން މަތިކުރަނީއެއްނޫނެވެ. ނުވަތަ މޫނު ނިވައިކޮށްގެން ތިއްބެވި ކަބަލުންނާއި މި އުންމަތުގެ ސަޙާބާއިން އެއްދަރަޖައެއްގައި ހިމަނުއްވަނީއެއްވެސްނޫނެވެ. އެކަބަލުންނާއި ބަލާފައި އަޅުގަނޑުމެންމީ ކޮން ބައެއްތޯއެވެ؟ އަޅުގަނޑުމެން ކިތަންމެ މަސައްކަތްކުރިނަމަވެސް އެކަބަލުންފަދައިން ނުވާނެއެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ނަމަވެސް، އެއީ އެކަބަލުން އަހަރެމެންނަށް ދައްކަވައި ދެއްވިމަގުން ނުހިގުމަށް އޮތް ސަބަބެއްވެސް ނޫނެވެ.
އަޅުގަނޑުމެން އެންމެނަކީވެސް ފާފަކުރެވޭނެ ބައެކެވެ. އެހެންކަމުން އަބަދާއިއަބަދު ފާފަފުއްސެވުންއެދި ދުޢާކޮށް، އިސްތިޣްފާރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އަބަދުވެސް ބަލަންވީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ކުއްތަންވެވެން އޮތްމަގަކުން ހިނގޭތޯއެވެ. ހަމަ ޔަޤީނުންވެސް ނިޤާބަކީ އެތަނުން އެއްމަގެވެ. ނިޤާބު އެޅުމުން އެލިބޭ ހިތްހަމަޖެހުމާއި، އުފާވެރިކަން އިޙްސާސްކުރެވުމުން، ދުނިޔޭގެ އެހެނިހެން ހުރިހައި ޒީނަތްތެރިކަމާއި ރީތިކަން އެއީ މުހިންމު ކަމަކަށްނުވާނެއެވެ. މިއީ ދޮގެއްތޯ ނިޤާބް އަޅުއްވައިގެން ތިއްބެވި ކަބަލުންގާތުގައި އައްސަވައި ބައްލަވާށެވެ.
މި ހިތްހަމަޖެހުމާއި އުފާވެރިކަން ނިޤާބްއިން އަންހެނާއަށް ލިބިދިން ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ނިޤާބް އަޅައިގެން ހުންނަ އަންހެނާއަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމެވެ. ދިރިއުޅުމުގެ ފެންވަރު މިވަރަށް މައްޗަށް ގޮސްފައި އޮތްޒަމާނެއްގައި، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކޮށް ފަރުޖައްސާލެވޭވަރުވަނީ ވަރަށް މަދުބަޔަކަށެވެ. ނަމަވެސް ނިޤާބް އަޅާ އަންހެނާއަށް ވަޒީފާގެ މައިދާނުގައި އޮތީ ވަރަށްވެސް ހަނި ފުރުސަތު ތަކެކެވެ. އެ އަންހެނާއަށް ވަޒީފާގެ އެތައް ދޮރެއް ބަންދުވާކަމީ އެނާގެ އާއިލާ ނިޤާބްއާއި ދެކޮޅުވާ އެންމެބޮޑު އެއްސަބަބެވެ. ބައެއް ނިޤާބް އަޅުއްވައިގެން ތިއްބެވި ކަބަލުން އަމިއްލަ މަސައްކަތް ކުރެއްވި ނަމަވެސް އެންމެނަކީ އެފަދަ ނަސީބެއް ލިބޭނެ ބައެއްނޫނެވެ. އެފަދަ ކަބަލުންނަށް އާއިލާގެފަރާތުން ކުރިމަތިކުރުވާ ގޮންޖެހުންތައް ވަރަށްވެސް ގިނައެވެ. ކުއްޖާ ނުބައިމަގުން ހިނގުމުން އޭނާގެ އާއިލާއިން އޭނާއާ ގުޅުން ކަނޑާލާ އަޑު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އިވޭނެއެވެ. ނަމަވެސް، ދަރިފުޅު މޫނު ނިވައި ކުރުމުން އާއިލާއިން ގުޅުން ކަނޑާލީއޭ ބުނާތީ އިވޭތޯއެވެ؟ މިއީ ތޯ ތޯ ވާހަކައެއް ނޫނެވެ. ޙަޤީޤަތެވެ.
ވީ އިރު އަހަރުމެން މި ވާހަކަ ނުދައްކަންވީ ކީއްވެތޯއެވެ؟ މުސްލިމް އުންމަތަކީ އެއް ހަށިގަނޑެއްދަފަ އެއްޗެކެވެ. އެއިން އެންމެ ގުނަވަނަކަށް ގެއްލުންވިޔަސް މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރާނެއެވެ. ވީ އިރު އަހަރެމެންގެ ލޮބުވެތި އުޚުތުންގެ ޙައްޤުގައި ތެދުވާކަށް ހަމަ ނުވޭ ހެއްޔެވެ؟ އެ ކަބަލުން އެކުރީ ކުށެއް ނޫނެވެ. ވީ އިރު އެކަބަލުން އެކަހެރިކުރަންވީ ކީއްވެތޯއެވެ؟



