މިހާރު ލ.ފޮނަދޫ ގައި ކުރިޔަށްދާ ”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު ރެކޯޑް ނަތީޖާއަކުން ކަންމަތި ޓީމް މޮޅުވެއްޖެއެވެ.
16:10 ގައި ފޮނަދޫ މެދު އަވަށު ކުޅޭ ބިމުގައި ވިކިންގްސް އާއި ދެކޮޅަށް ކުޅުނު މި މެޗު ގަމު މުކުރިމަގަށް ނިސްބަތްވާ ކަންމަތި ޓީމުން ކާމިޔާބުކުރީ 31:1 ގެ ނަތީޖާއަކުންނެވެ.
މީ މިހާތަނަށް މި މުބާރާތުގައި ކުޅެވުނު 30 މެޗުގެ ތެރެއިން އެންމެ ގިނަ ގޯލް ފެނިގެންދިޔަ ހަމަ އެކަނި މެޗެވެ. ދެވަނަ އަށް އެންމެ ގިނަގޯލް ފެނިގެންދިޔައީ މީގެ 3 ދުވަސް ކުރިން ގާދޫ ފޮގް ޖޫނިއަސް އާއި ގޯޅި އެސްސީ ބައްދަލުކުރި މެޗުގައެވެ. މި މެޗު ނިމިގެން ދިޔައީ 18:0 ގޯލުންނެވެ.
މި މޮޅާ އެކު ކަންމަތި ދެވަނަ ބުރު ޔަގީން ކުރިއިރު އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނާގައިވެސް އޮތީ ކަންމަތި ޓީމެވެ. އެޓީމު ވަނީ މިހާތަނަށް ކުޅުނު 3 މެޗުންވެސް ތަފާތު ބޮޑުކޮށް މޮޅުވެފައެވެ.
ކަންމަތި ޓީމަކީ މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަދި ގިނަބަޔަކު މިފަހަރުގެ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބުނަމުން އަންނަ ޓީމެވެ.
ކަންމަތި ޓީމު ގިނަ ގޯލް ތަކަކާއި އެކު މިއަދު މޮޅުވިއިރު މި މެޗުގެ މޮޅުކުޅުންޔެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކާ ގިނަ ގޯލްތަކެއްވެސް ކާމިޔާބުކުރި ކަންމަތީ ޓީމުގެ 7 ނަމްބަރ ހަލީމް އެވެ.
މިއަދު ހަވީރު ވަނީ މި މުބާރާތުގެ އިތުރު މެޗެއްވެސް ކުޅެވިގެން ގޮސްފައެވެ. ހަވީރު 17:10 ގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ދި ލެޖެންޑްސް އާއި ބްލޫ ބްރިޖް އެވެ. މި މެޗު ނިމުނީ 3:3 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބްލޫ ބްރިޖްގެ 10 ނަމްބަރ ހައްޔާން ޝަރީފްއެވެ.