
ރެއާލް ސޮސިއެދާދް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ކަޕް ސެމީ ފައިނަލަށް
ސްޕެނިޝް ކަޕްގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 5-2 ގެ ނަތީޖާއިން މޮޅުވެ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.
ސްޕެނިޝް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ބާސެލޯނާ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުންވެސް މޮޅުވެފައިވާއިރު ދެ ލެގުން އެ ޓީމު ކުރި ހޯދީ 6-2 ގެ އެގްރިގޭޓު ނަތީޖާއިންނެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ އެޓީމު ކުޅުނު މެޗުގައި ޑެނިސް ސުއަރޭޒް ކާމިޔާބުކޮށްދިން ގޯލާއެކު މެޗުގެ ފުރަތަމަ ހާފް ނިންމާލިނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުރީހާފާ ޚިލާފަށް ބާސެލޯނާ ވަނީ އެޓީމުގެ މޮޅުކުޅުން ދައްކާ އިތުރު ގޯލްތަކެއް ކާމިޔާބުކޮށްފައެވެ.
އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ލިއޮނަލް މެސީ ޕެނަލްޓީއަކުން ޖެހި ލަނޑާ އެކު އެ ޓީމު ލީޑުފުޅާކުރިއެވެ. މިއާއެކު ބާސެލޯނާ ރަނގަޅު ލީޑެއްގައި އޮއްވާ ސޮސިއެޑާޑުގެ ޖުއަންމީ 62 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ތަފާތު ކުޑަކުރި އެވެ. ޖެހިގެން އައި މިނެޓުގައި ލުއިސް ސުއަރޭޒް ގޯލް ޖަހައި އަނެއްކާ ވެސް ބާސެލޯނާ އަށް ތަފާތު ބޮޑުކޮށްދިނެވެ.
ސޮސިއެޑާޑުގެ ދެ ވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިލިއަން ހޯސޭ އެވެ. އެހެންނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ޓުރާން އަދި 83 ވަނަ މިނެޓުގައި ޑެނިސް ސުއަރޭޒް ޖެހި ލަނޑުތަކާ އެކު ބާސެލޯނާ ސެމީ ފައިނަލް ކަށަވަރުކުރިއެވެ.
ބާސެލޯނާއާ އެކު ސްޕެނިޝް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ޑިޕޯޓިވޯ އަލަވެސް އާއި ރެއާލް މެޑްރިޑް ކަޓުވާލި ސެލްޓާ ވީގޯ އާއި އެތުލެޓިކޯ މެޑްރިޑެވެ. ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމުތައް އެނގޭނީ މިއަދު ބާއްވާ ގުރުނެގުމުންނެވެ.