މުސްލިމް އަންހެނާ އަކީ އިސްލާމީ މުޖްތަމަޢެއްގެ އެންމެ މުހިންމު އެއް ތަނބެވެ. މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރަކީ ވަރަށް ފުޅާ، އެހާމެ މުހިއްމު ދައުރެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީ ކަމައިގެން ފޮނުއްވުމާއި އެކު ހިނގައިދިޔަ ކަންތަކުންވެސް މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފަހު އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލު ކުރެއްވީ އަންހެން ކަނބަލެކެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި އަނބިކަބަލުން އުއްމުލްމުއިމިނީނަ ޚަދީޖާ ބިންތި ޚުވައިލިދެވެ. އިސްލާމްދީނަށް ޓަކައި އެންމެ ފުރަތަމަ ޝަހީދުވެ ވަޑައިގަތީވެސް އަންހެން ކަނބަލެކެވެ. އެއީ އައްސައްޔިދާ ސުމައްޔާ ރަޟިޔަﷲ ޢަންހާ އެވެ. މިއީ އިއްތިފާގެއް ނޫނެވެ. މިއީ ﷲ އެކަން މިންވަރު ކުރައްވާފައިވާ ގޮތެވެ. އެއީ، މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެނުންގެ ދައުރުގެ ބޮޑު ކަން ހާމަ ކުރެއްވުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާ އަށް ފަހު އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގަތީ އަންހެން ކަނބަލެއް ކަމުގައި ލެއްވުމުން އެކަނބަލުން މާތް ކުރައްވާ ޝަރަފުވެރި ކުރެއްވިއެވެ.
ހަމައެފަދައިން ދީނުގެ މަގުގައި ޖިހާދު ކުރުމުގައިވެސް އަންހެން ކަނބަލުންނަށް މިވަނީ ކުރި ދެއްވާފައެވެ. އެހެނީ، ދީނަކީ ހަމައެކަނި ފިރިހެނުންގެ ދީނެއް ނޫނެވެ. ދީނުގެ ޙުކުމްތަކަށް ބޯލަނބަން ޖެހެނީވެސް ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. ދަރުމަ އާއި ޘަވާބު ލިބެނީވެސް ހަމައެކަނި ފިރިހެނުންނަކަށް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ)[1]
މާނައަކީ: “ مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.“
މުސްލިމް އުޚްތާއެވެ. ތިބާ އަކީ ކާކު ކަމާއި، މުޖްތަމަޢު ބިނާ ކުރުމުގައި ތިބާގެ ދައުރަކީ ކޮބައިކަން ދެނެގަންނަންވީ ވަގުތު އައިސް ޖެހިއްޖެ އެވެ. އިސްލާމްދީނުގެ ޢަދާވާތްތެރިން މަސައްކަތް ކުރަނީ މި ޙަގީގަތްތައް އުޚްތާ އަށް ފޮރުވުމަށެވެ. ޚާލިދު ބިން ވަލީދު، ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބް ފަދަ ދަރިޔަކު އުޚްތާގެ ފަރާތުން ދުނިޔެއަށް އުފަންވެދާނެ ކަމަށް ބިރުންނެވެ.
އުޚްތާއެވެ. ތިބާ އަކީ މުޖްތަމަޢުގެ ދެބައިކުޅަ އެއްބައެވެ. މުޖްތަމަޢުގެ އަނެއްބައި ވިހައި، ގެންގުޅެ، ތަރްބިއްޔަތު ކުރުމުގެ ޛިންމާ އޮތީ އުޚްތާގެ ކޮނޑުގައި އެޅިފައެވެ. ގޭގެ ރޫޙަކީ ތިޔައީ އެވެ. މަންމަ އާއި ބައްޕަގެ ލޮލުގެ ފިނި ކަމަކީ ތިޔައީ އެވެ. ތިބާ އަށް ރަގަޅު ތަރްބިއްޔަތުދީ، ރަގަޅު ގޮތުގައި ބަލައި ބޮޑު ކުރުމުން އެދެމީހުން ސުވަރުގެ އަށް ވަދެވެއެވެ. ފިރިމީހާގެ ހިތްހަމަޖައްސައިދޭ ފަރާތަކީ ތިޔައީއެވެ.
ދަރިންނަށް ފުރިހަމަ ތަރްބިއްޔަތެއް ދޭން ފަށާ މަރްކަޒަކީ ތިބާގެ ގޯއްޗެވެ. ރަގަޅު މުޖްތަމަޢެއް ބިނާ ކުރުމަށް ބޭނުންވާ ޢާއިލާ އެއްގެ މައިބަދަ އަކީ ޞާލިޙް މަންމަ އެކެވެ. ތުއްތު ކުދިން ބަލަހައްޓާ ފަރާތަކީ ތިޔައީއެވެ. މުންކަރާތް ތަކާއި ގޯސްމަގުތަކުން ކުއްޖާ ދިޔަ ނުދީ ހިފަހައްޓާ ފަރާތަކީ ތިޔައީއެވެ.
ލޯތްބާއި ކުލުނު ދީގެން ކުދިންތަކެއް ބިނާކޮށް މުޖްތަމަޢަށް ނެރުމުގެ އެންމެ މުހިއްމު ޛިންމާ އުފުއްލައިގެން ތިބި ބަޔަކީ ތިޔައީއެވެ. ކުޑަ ކުދިން ބަލައި، އެކުދިންނަށް ބޭނުންވާ ލޯތްބާއި ކުލުނު ހޯދައިދޭ ބަޔަކީ ތިޔައީއެވެ. ﷲ ގެ ރަޙްމަތާއި އެކު، ބަސްއަޙާ ރަގަޅު ކުދިންތަކެއްގެ ގޮތުގައި މުޖްތަމަޢަށް ކުދިންތަކެއް ނެރޭ ބަޔަކީ ތިޔައީއެވެ.
ޔުނިވަރސިޓީ ތަކުގައި ލެކްޗަރ ދީ، އެތައް ކުދިންނަކަށް ތަޢްލީމް ދިނުމުގެ މަތިވެރި ޛިންމާ އުފުއްލާ ބަޔަކީ ތިޔައީއެވެ.
އަންހެން ކަނބަލުންގެ ޢައުރަ ހިލޭ ފިރިހެނުންނަށް ފެނުނަ ނުދިނުމަށް ޓަކައި، އެކަނބަލުންނަށް ބޭސްފަރުވާ ކުރުމާއި ޙަވާލުވެގެން ތިބި ބަޔަކީ ތިޔައީއެވެ.
ކޮންމެ މައިދާނެއްގައިވެސް، ކޮންމެ ޙާލަތެއްގައިވެސް ﷲ ގެ މަގަށް ގޮވާ، މީސްތަކުން ސީދާވެގެންވާ މަގަށް ގެނައުމުގެ ޛިންމާ އުފުއްލުމަކީވެސް އަންހެން ކަނބަލުންގެ މަސްއޫލިއްޔަތެކެވެ.
އިސްލާމްދީނުގެ ޢަދުއްވުން އަންހެން ކަނބަލުން އިހްމާލު ކުރުވަން އުޅެނީ ކީއްވެ؟
އިސްލާމީ މުޖްތަމަޢެއް ބިނާ ކުރުމުގައި އަންހެން ކަނބަލުންގެ ދައުރުގެ މުހިއްމުކަން އެބައިމީހުންނަށް އެނގުމާއި އެކު، މުސްލިމް އަންހެން ކަނބަލުންގެ ގޯތިތެރެ ހަލާކު ކޮށްލުމަށް ދުޝްމިނުން ވިސްނަން ފެށިއެވެ. އެކަމަށްޓަކައި، އެބަޔެއްގެ ކިބައިގާ ޣީރަތްތެރި ކަމެއް ނެތް ދައްޔޫޘު ފިރިހެނުންތަކެއް އުފެއްދިއެވެ. އަދި، އަންހެން ކަނބަލުންގެ ޢިއްފަތާއި ލަދުވެތިކަން ގެއްލިގެންދާ ފަދަ ކަންތައް ކުރުމަށް މަޖްބޫރު ކުރުވިއެވެ.
މިއުއްމަތުގެ ފިރިހެނުންނަށް އޮތް އެންމެ ބޮޑު ފިތުނަ އަކީ އަންހެނުން ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅު އެބައިމީހުންނަށް ވަރަށް ރަގަޅަށް އެނގެއެވެ. އެހެންކަމުން، އިޝްތިހާރުތައް ކުޅުމަށާއި، އެނޫންވެސް އަގެއްނެތް، ފިރިހެނުންނަށް ފިތުނަވެރިވާނެ ފަދަ ކަންކަމުގައި އަންހެނުން މަޝްޣޫލު ކުރުވިއެވެ.
އެބައިމީހުން ބުނަމުން ގެންދާ ބަހެއް އޮވެއެވެ. ”މުސްލިމް އަންހެނުން ތިމަންނާ މެންނާއި ދިމާލަށް އަތް ދިއްކޮށްލައިފިނަމަ (ތިމަންނާ މެންގެ މަސައްކަތުގައި އެހީތެރިވެއްޖެނަމަ) މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އުއްމަތުގެ މީހުންނަށް ބޭނުން ގޮތެއް ހަދައިލާނަމެވެ.
އަދިވެސް އެބައިމީހުން ބުނަމުން ގެންދާ ވާހަކަ އެއް އޮވެއެވެ. ”މުސްލިމް އަންހެނުންގެ މޫނުގައި އޮތް ބުރުގާގެ ފޮތިކޮޅު ނުނެގޭހާ ހިނދަކު އަހަރުމެން ބޭނުން ކަންތަކެއް ނުކުރެވޭނެއެވެ.“
މުސްލިމް އަންހެނުން ފާސިދު ކުރުމަށް ޓަކައި ޢަދާވާތްތެރިން ރާވާފައިވާ ބައެއް ރޭވުންތައް:
- އަންހެނާގެ ޒީނާތްތެރި ކަމަކީ އެކަމަނާގެ ފިރިކަލުންނަށް ޚާއްޞަ އެއްޗެކެވެ. ނަމަވެސް، ޢަދާވާތްތެރިން ކަންކުރަމުން ގެންދާ ގޮތަކީ ގެއިން ބޭރަށް ނިކުންނަށް އިރުގައި މުޅި މޫނުގައި ކުލަހާކާ ޒީނާތްތެރި ކުރުވައެވެ. އަދި ގެއަށް ވަނުމާއި އެކު ޒީނަތްތެރި ވުމުގެ ގޮތުން މޫނުގައި ހާކުވާފައި ހުރި ހުރިހާ ކުލަތަކެއް ދޮއްވަވައެވެ. އޭނާގެ ޙަގީގީ ޒީނަތްތެރިކަން ފެނިގެން ދަނީ ފިރިމީހާގެ ބަދަލުގައި ހިލޭ ފިރިހެނުންނަށެވެ. ނަތީޖާ އެއްގެ ގޮތުން، ކައިވެނި ރޫޅި ޢާއިލާ ހަލާކުވެގެން ދެއެވެ.
- އަންހެނުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތަކުގެ ބަދަލުގައި ގެއިން ބޭރަށް ނިކުމެ ކުރާނެ ކަންތައްތަކެއް ހޯދައިދިނެވެ. އަދި ގޭގައި ދަރިން ތަރްބިއްޔަތުކޮށް، ފިރިމީޙާ އަށް ޚިދުމަތް ކުރުމަށް ހުރުމަކީ ”ކަޓު“ ކަމެއްގެ ގޮތުގައި އެކަނބަލުންނަށް ވިސްނުވައި ދިނެވެ.
- އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ހެދުން އެޅުމަކީ އެކަނބަލުންގެ މިނިވަންކަން ގެއްލި، ޖަލަކަށް ލެވުން ފަދަ ކަމެއްގެ ގޮތުގައި ވިސްނުވައިދިނެވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަންހެން ކަނބަލުން ރައްކާތެރި ކުރެއްވުމުގެ ގޮތުން އެޅުމަށް އަމުރު ކުރައްވާފައިވާ ހެދުން ނަގައި އެއްލައިލުމުން ދެން އެކަމަނާ ހުށަހެޅެނީ ފިތުނައިގެ ތެރެއަށް ނޫން އެހެން ކޮން ކަމަކަށްތޯއެވެ؟
[1] ސޫރަތުއްތައުބާ 71