“އަހަރެން ބޮޑުވެގެން އައިރު ގޭތެރެއިން ކަލާނގެ ނަންފުޅެއް އަޑުނީވޭތާ އަޅުކަމެއް ކުރާ މަންޒަރެއްވެސް ނުފެނޭ” : ހެލީނާ

އަހަރެން ބޮޑުވެގެން އައީ ކްރިސްތިއަން ދީން ގަބޫލުކުރާ އެހެން ނަމަވެސް އެ ދީނަށް ސަމާލުކަމެއް ދިން އާއިލާއެއްގައެއް ނޫނެވެ. އަހަރެން ބޮޑުވެގެން އައިރު ގޭތެރެއިން ކަލާނގެ ނަންފުޅެއް އަޑުނީވޭތާ އަޅުކަމެއް ކުރާ މަންޒަރެއްވެސް ނުފެނެއެވެ. ނަމަވެސް އަހަަރެމެންގެ އާއިލާއިން ކްރިސްމަސް އާއި އީސްޓާ ފަދަ ކަންތައްތައް ފާހަގަކުރެއެވެ. އަހަންނަށް އެއީ ކީއްކުރަން ފާހަގަކުރާ ކަންކަންކަމުގައި ނޭނގުނަސް އަހަރެންވެސް އެކަންކަމުގައި ބައިވެރިވަމެވެ.

އެއީ ސްވީޑަންގެ ސަގާފަތެއް ކަމުގައިވެސް އަހަންނަށް ގަބޫލުކުރެވުނެވެ. ކްރިސްތިއަން ދީނުގައި ކުއްޖާގެ އުމުރުން 15 އަހަރުގައި ކޮންފަމޭޝަން ކިޔާ ސްޓޭޖެއްގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ދާންޖެހެއެވެ. އެއީ ދީނާއި ބެހޭގޮތުން ދަސްކޮށްދީ އެ ކުއްޖެއްގެ އީމާންތެރިކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ބާއްވާ ކްލާސްތަކެކެވެ.

އިޝްތިހާރު Below Header ad

ކްރިސްތިއަން ދީން ދެނެގަތުމަށް ތިން ހަފްތާގެ އެ ކްލާސްތަކުގައި ބައިވެރިވާން އަހަރެން ނިންމީމެވެ. ހެނދުނުގެ ވަގުތުތަކުގައި އަހަރެމެންނަށް ކްލާސްތައް ނަގައިދެނީ ފާދިރީއެކެވެ. ހަވީރު އޮންނަނީ ގޮލްފް ކުޅުމެވެ. އެހެންވެ ގޮލްފު ކުޅުމަށް ޝައުގުވެރިކަން ހިފާފައި ހުންނަލެއް ބޮޑުކަމުން ހެނދުނުގެ ކްލާސްތަކަށް އަހަންނެއް މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. އެހެންކަމުން އެ ކޭމްޕުން މާބޮޑު އެއްޗެއް ދަސްނުވިއެވެ.

އަަހަރެންގެ ހައި ސްކޫލްގެ ދުވަސްތައް ދިޔައީ ވަރަށް އުފާވެރި ކޮށެވެ. އަހަރެންގެ މާކްސްތައް ވަރަށް ރަނގަޅެވެ. އަހަރެންގެ ކޮންފިޑެންސް ހުރީ އުޑާއި ހިސާބުގައޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެންކަމުން އެއްވެސް އެއްޗަކަށް، މީހަކަށް އަަހަންނަށް ގެއްލުމެއް ނުދެވޭނެ ކަމަށް އަހަރެން ގަބޫލުކުރީމެވެ. އަހަރެންގެ ދިރިއުޅުން އުފާވެރިކަމުން ދީނަކީ ދިރިއުޅުމުގެ އެއްވެސް މުހިއްމު ކަމެއް ދެވޭ އެއްޗަކަށް ނުވިއެވެ.

އަހަރެން ދަންނަ ދީނީ މީހުން ބުނާ ގޮތުން އެ މީހުން ދީނަށް ލޯބި ކުރަން ފެށީ ކަންބޮޑުވެ ދިރިއުޅުމާއި މެދު މާޔޫސްވެގެން ނޫނީ ވަރަށް ބޮޑަށް ބަލިވުމަށް ފަހުއެވެ. އެމީހުން ބުނާ ގޮތުގައި ދިރިއުޅުމައިގެން އިތުރަށް ކުރިއަށްދާން އީސާގެފާނަށް އެމީހުން ބޭނުންވެއެވެ. އަހަންނަށް ގަބޫލު ކުރެވުނީ އަހަރެން ބޭނުން ކޮންމެ ކަމެއް އަހަންނަށް ކުރެވޭނެ ކަމަށާއި ދީނަކީ ހަގީގަތް ފޮރުވާލުމަށް ދައްކާ ބަހަނާއެއް ކަމަށެވެ.

ކޮލަޖަށް ދާން ފެށިފަހުން ދިރިއުޅުމުގެ ހަގީގީ މަގްސަދަކީ ކޮބައިތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދެން ފެށުނެވެ. އަދި އެކަމާއި ވިސްނަން ފެށުނެވެ. ދީންތަކާއި ގުޅުވައިގެން ކުރެވޭ ބޮޑު ހަނގުރާމަތަކާއި އުފެދޭ މައްސަލަތަކުގެ ސަބަބުން އެއްވެސް ދީނެއް ގަބޫލުކުރަން އަހަންނަށް ފަސޭހައެއް ނުވިއެވެ.

އަހަރެން، އަހަރެންގެ އަމިއްލަ ފިލޯސަފީއެއް އުފެއްދީމެވެ. ހުރިހާ އެއްޗެއްވެސް އުފެއްދެވީ އާދަޔާ ހިލާފު ބާރަކުން ކަމަށް އަހަންނަށް ވިސްނުނެެވެ. ނަމަވެސް އެއީ ކަލާނގެއެއް ކަމަށް ގަބޫލުކުރަން އަހަންނަށް ދަތިވިއެވެ. އަހަންނަށް ކަލާނގެ ސިފަކުރެވެނީ ކްރިސްތިއަނުން ގަބޫލުކުރާ އުމުރުން ދުވަސްވެފައިވާ ހުދު ތުނބުޅިއެއް ހުންނަ މީހާގެ ގޮތުގައެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހަކަށް ދުނިޔެ ނުއުފެއްދޭނެކަން އަހަންނަށް ގަބޫލުކުރެވެއެވެ. ދުނިޔޭގައި އިންސާފު ނުލިބޭނެކަން އަހަންނަށް ގަބޫލުކުރެވޭތީ މަރުވުމަށްފަހު އަލުން ދިރުއްވާނެކަން އަހަރެން ގަބޫލުކުރީމެވެ. އަދި ކޮންމެ ކަމެއްވެސް މެދުވެރިވަނީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށްވެސް އަހަރެން ގަބޫލުކުރީމެވެ.

ކްރިސްތިއަން ދީނުގައި ކުޑައިރު އުޅެވިފައި ހުރުމުންނާއި އަދި ސްކޫލުން ކިޔަވައިދިން ތަކެތީގެ ސަބަބުން ޑާވިންސް ތިއަރީ އަހަންނަށް ގަބޫލުކުރެވުނެވެ. ދިރިއުޅުމުގެ މަގްސަދާއި މެދު ވިސްނުނު ވަރަކަށް އަހަރެން ކަންބޮޑުވެ މާޔޫސްވާގޮތް ވިއެވެ. އަދި ދުނިޔެއަކީ ޖަލެއްގެ ގޮތުގައި އަހަންނަށް ސިފަ ކުރެވެން ފެށުނެވެ. ދިރިއުޅުން މަތިން އަހަރެން ފޫހިވާން ފެށިއެވެ.

ބުދު ދީނާއި ހިންދޫ ދީނުގެ ކަންތައްތައް ސްކޫލުގައި އަހަރެން ކިޔަވާފައިވާތީ އަހަންނަށް އެ ދެ ދީނުގެ ކަންތައްތައް ކޮންމެވެސް ވަރަކަށް އެނގެއެވެ. ސްކޫލުގައި ކިޔެވިއިރު އެ ދީނުގައި އަޅުކަން ކުރާ ގޮތާއި އެ ދީނުގެ ވިސްނުން ހުންނަ ގޮތް އަހަރެމެންނަށް ކިޔަވައިދިނެވެ. ނަމަވެސް އިސްލާމްދީނާއި ބެހޭ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ހައި ސްކޫލުގައި ކިޔެވިއިރު މުސްލިމުން އަޅުކަން ކުރާ ގޮތް ކަމަށް ބުނެ ކާޓޫނުތަކެއް ކުރަހާފައި ހުންނަ ހަނދާން އަހަރެންވެއެވެ. ނަމަވެސް އިސްލާމްދީނަކީ ކޮބައި ކަމެއް އަހަންނަކަށް ނޭނގެއެވެ. މުސްލިމުންނާއި ގުޅުވައިގެން މީޑިއާތަކުން ފަތުރާ ޕްރޮޕަގެންޑާގެ ސަބަބުން އަހަންނަށް ގަބޫލުކުރެވިފައި ހުރީ މުސްލިމުން ފިރިހެނުން އެ މީހުންގެ އަނބިންނަށް އަނިޔާކޮށް ދަރިންގެ ގައިގައި ތަޅާ ކަމަށެވެ. އަދި މުސްލިމުންނަކީ ވަރަށް އަނިޔާވެރި މީހަކު މަރާލަންވެސް ފަސްނުޖެހޭނެ ބައެއް ކަމަށެވެ.

ކޮލެޖުގެ ފަހު އަހަރު ސައިންސްގެ ކަންތައްތަކަށް އަހަރެންގެ ޝައުގުވެރިކަން އިތުރުވިއެވެ. އެއިރު އަހަރެން ހުރީ ވަޒީފާގެ ބާޒާރަށް ނިކުންނަން ތައްޔާރުވެފައެވެ. އަހަރެންގެ އިނގިރޭސީ ފެންވަރު ރަނގަޅު ކުރުމަށް ބައިނަލްއަގްވާމީ ތަނެއްގައި ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރުމަށް އަހަރެން ބޭނުންވިއެވެ. އެންމެ ފަހުން ތަޖުރިބާ ހޯދަން އެމަރިކާގެ ބޮސްޓަން އަށް ދާން ފުރުސަތު ލިބުނެވެ.

ބޮސްޓަންގައި އަހަރެން މަސައްކަތް ކުރަން ޖެހުނީ ހަތަރު މުސްލިމުންނާއެކުއެވެ. އެ ހިސާބަށް ދިޔައިރުވެސް ކީރިތި ރަސޫލާގެ ނަންފުޅަކީ ‘މުހައްމަދު’ ކަމެއް އަދި މާތް ﷲ އަކީ ކަލާނގެ ކަމެއް އަހަންނަަކަށް ނޭނގެއެވެ. އަހަރެން އެ މީހުންނާއި އަހަރެންގެ ހިތުގެ ތެރޭގައި ހުރި ސުވާލުތައް ކުރަން ފެށީމެވެ. އަދި ފޮތްތައްވެސް ކިޔަން ފެށީމެވެ. އަދި މުސްލިމުންނާއެކު ގުޅުން ބަދަހި ކުރަން ވެސް ފެށީމެވެ.

އޭގެ ކުރިން ސްވީޑަން އިން ބޭރުގައި އަހަރެންގެ އެއްވެސް ރަހުމަތްތެރިއެއް ނުހުރެއެވެ. އަހަރެން ދަންނަ އެންމެންނަކވެސް ސްވިޑަން މީހުންނެވެ. އަހަންނާއި ދިމާވި މުސްލިމުންނަކީ ވަރަށް ހިތްހެޔޮ ބައެކެވެ. އެމީހުން އަހަރެން ބަލައިގަތީ އެއްވެސް ވަރަކަށް އަހަންނަށް ޖަޖް ކުރުމެއް ނެތިއެވެ. އަދި އަހަންނަށް އެއްވެސް ކަމެއް މަޖުބޫރެއްވެސް ނުކުރެއެވެ. އަހަރެންގެ އަމިއްލަ އާއިލާއަށް ވުރެ ބޮޑަށް އެމީހުން އަހަންނަށް އޯގާތެރިވިއެވެ.

އިސްލާމްދީނަކީ ދިރިއުޅުމަށް ރަނގަޅު ނިޒާމެއް އަދި ރަނގަޅު ބަންގަލެއް ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެއީ އަހަންނަށް އޮތް ދީނެއް ނޫން ކަމުގައިވެސް ގަބޫލުކުރެވުނެވެ. އަހަންނަށް ދިމާވި މައްސަލައަކީ ކްރިސްތިއަން ދީނުން އަހަންނަށް އެނގިފައި އޮތް ކަންކަމުން ދީނާއި ސައިންސާއި ފުށުއަރާކަމެވެ. އަހަރެންގެ ވިސްނުން އެހެން ހުއްޓައި އަހަންނާއެކު އުޅުނު މުސްލިމަކު މައުރީސް ބުސައިލީ ލިޔެފައިވާ ‘ދަ ބައިބަލް، ދަ ގުރުއާން އެންޑް ސައިންސް’ގެ ކޮޕީއެއް އަހަންނަށް ދިނެވެ.

އެ ފޮތް ކިޔާލުމާއެކުު އަހަރެންގެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ލިބިގެންދިޔައެވެ. ސައިންސާއި އިސްލާމްދީނާއި ފުށުނާރާކަން އަހަންނަށް ވިސްނުނެވެ. އަދި ހޯދާ އީޖާދުތަކަކީ އެތައް ހާސް އަހަރެއް ކުރިން ގުރުއާނުގައި އައިސްފައިވާ ކަންތައްތައްކަން އަހަންނަށް އެނގުނެވެ. އަހަރެން ވަރަށް ބޮޑަށް އިސްލާމްދީނާއިމެދު ޝައުގުވެރިވިއެވެ.

އަހަންނަށް އަލަށް ދަސްވި ކަންތައްތަކާއިމެދު ފުންކޮށް ވިސްނަން އަހަރެން ފެށީމެވެ. މުސްލިމެއްގެ ގޮތުގައި އަހަރެންގެ ދިރިއުޅުން ހުންނާނެ ގޮތާއި މެދު ވިސްނެން ފެށުނެވެ. ސުލްހަވެރިކަމާއި އިހުތިރާމާއި ޒިންމާދާރުކަމާއި ދީލަތިކަމާއެކު އުޅެވޭނެ ދިރިއުޅުމެއް އަހަންނަށް ފެނުނެވެ. އެންމެ މުހިންމު ކަމަކަށް ދިރިއުޅެންވީ މަގްސަދެއް އަހަންނަށް ލިބުނެވެ.

އަހަރެން ދެ ފަހަރެއްގެ މަތިން އަހަރެންގެ ނަފްސާއި ސުވާލުކުރީމެވެ. “މުސްލިމް ނުވެ މަނާވެ ތި ގަންނަނީ ކޮން ސަބަބަކާހުރެ؟” ފުރަތަމަ ފަހަރު ދޭނެ ޖަވާބެއް އަހަންނަށް ނުވިސްނުނެވެ. ދެވަނަ ފަހަރަކުވެސް އެ ސުވާލު ކުރީމެވެ. ނަމަވެސް އަހަންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެއްވެސް އުޒުރެއް އަހަންނަކަށް ނުފެނުނެވެ. އަހަރެން ޖެހިގެން އައި ދުވަހު ޝަހާދަތް ކިޔައި އިސްލާމްވީމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.