އަދުރޭ ފައުންޑޭޝަން އާއި ލ.ފޮނަދޫ ޒުވާނުންގެ ރޫޙް ގުޅިގެން ”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.
އަދުރޭ ފައުންޑޭޝަން އާއި ލ.އަތޮޅު ފޮނަދޫ ޒުވާނުންގެ ރޫޙް އިން އިސްނަގައިގެން ބާއްވާ
”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ގެ ނަމުގައި ބާއްވަން ތައްޔާރުވަމުންދާ މި ފުޓްސަލް މުބާރާތް މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ފެށިގެންދާއިރު، މި މުބާރާތް އަމާޒުކުރެވިފައިވަނީ ހަމަ އެކަނި ލ.އަތޮޅަށް ނިސްބަތްވާ ޓީމުތަކަށެވެ.
”އަދުރޭ ފުޓްސަލް ޗެލެންޖް 2017″ ގެ ނަމުގައި ކުރިއަށްދާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 އަށް ހަމަވެފައިވާއިރު މި މުބާރާތުގައި ޖުމްލަ 21 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
21 ޓީމު 4 ގުރޫޕަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތާ ބެހޭ ހުރިހާ ގަވާއިދެއް މިހާރު ނެރެ އާންމުކުރެވިފައިވާއިރު މި މުބާރާތާ ބެހޭ މި ގަވާއިދު Abdul-Raheem-Foundation ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.
މިމަހުގެ 27 ވަނަދުވަހުގެ ރޭ ފެށޭ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓްރޮފީ، މެޑެލް ލިބޭއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، މެޑަލް ލިބޭނެ އެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަށް 7500 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ، މެޑެލް ލިބިގެންދާއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަށް 3500 ރުފިޔާގެ ފައިސާގެ އިނާމްގެ އިތުރުން ޓްރޮފީއެއްވެސް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިއާގެ އިތުރުން މި މުބާރާތުގައި ކުޅޭ ކޮންމެ މެޗެއްގައިވެސް މެޗުގެ އެންމެ މޮޅު ކުޅުންތެރިއާ ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި މަގާމްތަކަށް ހޮވޭ ފަރާތްތަކަށް ޓްރޮފީ ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
ލ.ފޮނަދޫގައި ބާއްވާ މި ފުޓްސަލް މުބާރާތް އިންތިޒާމްކުރާ ފަރާތުން ’އެޓޯލް ނިއުސް“ އަށް މައުލޫމާތު ދެމުން ބުނީ އެ ރަށުގައި ބޭއްވޭ ފުޓްސަލް މުބާރާތުގެ މަގްސަދަކީ އެންމެހާ ފަރާތްތަކަށް ކުޅިވަރު ކުޅުމަށް މަގުފަހި ކޮށްދިނުމާއި، އަތޮޅު ފެންވަރުގައި ކުޅިވަރުގެ ފަންނާއި ރޫޙް އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ލ.އަތޮޅުން މޮޅު ކުޅުންތެރިން އުފެއްދުމާއި އިޖުތިމާޢީ ރޫޙް އާލާކޮށް ދިރުވުން ކަމަށެވެ.
އަދި މި މުބާރާތް ވަރަށް ފޯރިގަދަވާނެ ކަމުގެ ޔަގީންކަން ވެސް އެ ފަރާތުން ވަނީ ދީފައެވެ. ”އަދުރޭ ފުޓްސަލް ޗެލެންޖް 2017″ގެ ނަމުގައި ބޭއްވޭ މި މުބާރާތް މިމަހުގެ 27 ވަނަ ދުވަހުގެރޭ ފެށުމަށް ބޮޑެތި ތައްޔާރީތަކެއް އިންތިޒާމް ކޮމީޓީން ކުރަމުންގެންދާއިރު މި މުބާރާތުގައި ވާދަކުރާ 21 ޓީމުގެ ގުރުއަތުލުންވެސް ރޭ ވަނީ ބާއްވާފައެވެ.
މި މުބާރާތުގެ ގުރުއަތުލުން ރޭ އިރާކޮޅު ބާއްވާފައިވާއިރު މި ގުރުއަތުލުން ބޭއްވިފައިވަނީ ކައްދޫ ވައިގެ ބަނދަރުގައި ދާދި ފަހުން ހުޅުވިގެންދިޔަ ސީއައިޕީ ލައުންޖު ”ކިނބި މާލަމް“ ގައެވެ.