ސޫރަތުއް ޝަމްސި (2)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

(كَذَّبَتْ ثَمُودُ بِطَغْوَاهَا ﴿١١﴾)

(ثَمُودُ) އަކީ ގަބީލާ އަކަށް ކިޔޭ ނަމެކެވެ. އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބިއްޔަކީ ޞާލިޙް ޢަލައިހިއްސަލާމް އެވެ. އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބިއްޔާ ޞާލިޙް ޢަލައިހިއްސަލާމްގެ ބަސް އެބައިމީހުން ދޮގުކުޅައޫއެވެ. އެހެންވެސް ނަބީބޭކަލުންނެކޭ އެއްފަދައިން ޞާލިޙް ޢަލައިހިއްސަލާމްވެސް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ގޮވާލައްވަމުން ގެންދެވީ ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށެވެ. ސޫރަތުލް އަންބިޔާގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

އިޝްތިހާރު Below Header ad

(وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾  ) މާނައަކީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!”

އެކަލޭގެފާނުގެ ނަބީކަމުގެ ތެދުކަން ބަޔާން ކުރެއްވުމުގެ ގޮތުން މުޢްޖިޒާތެއްގެ ގޮތުން ﷲ ދެއްވީ ބޮޑުވެގެންވާ ޖަމަލެކެވެ. އެޖަމަލު އެއްދުވަހު ވަޅުން ފެންބޮއިފައި އަނެއްދުވަހު އެބައިމީހުންނަށް ކިރުދެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މީހަކު ތެއްޔެއްގެ ފެން އެޖަމަލަށް ދީފިނަމަ އެތެލިފުރާ ކިރު އެޖަމަލުގެ ފަރާތުން ލިބެއެވެ. ނަމަވެސް މިއީ ރަގަޅު ވާހަކަ އެއް ނޫނެވެ. ސަބަބަކީ ސޫރަތުއް ޝުޢަރާގެ 155 ވަނަ އާޔަތުން ދޭހަވަނީ އެޖަމަލު އެއްދުވަހު ފެންބޮއިފައި އަނެއްދުވަހު ކިރުދޭކަމަށެވެ. މާތް ﷲ ވަޙީ ކުރައްވައެވެ.

(قَالَ هَـٰذِهِ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ ﴿١٥٥﴾) މާނައަކީ: “އެކަލޭގެފާނު (ޞާލިޙް ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. މިއޮތީ جمل އެކެވެ. އެ އެއްޗަށް ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّة އެއް ވެއެވެ.”

ކޮންމެއަކަސް އެޖަމަލު އެއްދުވަހު ފެންބޮއިފައި އަނެއްދުވަހު އެބައިމީހުންނަށް ކިރުފޯރުކޮށްދިނެވެ. ނަމަވެސް، އެބައިމީހުންނަށް މި މުޢްޖިޒާތުން ފައިދާ އެއް ނުކުރިއެވެ. އެބައިމީހުން ކަންތައް ކުރި ގޮތް ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ.

(كَذَّبَتْ ثَمُودُ بِطَغْوَاهَا ﴿١١﴾) މިތަނުގައި (بِطَغْوَاهَا) ގެ “ބާ” އަކީ “ސަބަބިއްޔާ” އެވެ. މާނައަކީ: “ޘަމޫދު ބާގައިގެ މީހުން އަނިޔާވެރިވުމުގައި ޙައްދުފަހަނައަޅާ ގޮސްފައިވުމުގެ ސަބަބުން އެބައިމީހުންގެ ގާތަށް ފޮނުއްވުނު ނަބިއްޔާ އާއި ނަބިއްޔާގެ ތެދުކަން އެންގެވުމަށް މާތް ﷲ ދެއްކެވި މުޢްޖިޒާތް ދޮގުކުރިއެވެ.”

އެބައިމީހުން އަނިޔާވެރިވުމުގެ ޙައްދުފަހަނަ އަޅާ ދިޔަގޮތް ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ.

(إِذِ انبَعَثَ أَشْقَاهَا ﴿١٢﴾) “އެއުރެންކުރެ އެންމެ އަބާއްޖަވެރިމީހުން (ޖަމަލު މެރުމަށް) އަވަސްވެގަތްހިނދެވެ.”

(فَقَالَ لَهُمْ رَسُولُ اللَّـهِ نَاقَةَ اللَّـهِ وَسُقْيَاهَا ﴿١٣﴾) އެބައިމީހުންގެ ގާތުގައި އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މާތް ﷲ ފޮނުއްވާފައިވާ ޞާލިޙް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ތިޔަ ޖަމަލު ނުމަރާ ބިންމަތީގައި ކައިބޮއި ހަދަން ދޫކޮށްލާށެވެ. ސޫރަތުލް އަޢްރާފްގެ 73 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً ۖ فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ ۖ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴿٧٣﴾) މާނައަކީ: “އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެކެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ.”

މިހުރިހާ ގޮތަކަށް އެބައިމީހުންނަށް ހަނދުމަކޮށްދެއްވުމުންވެސް ނަތީޖާ އަކަށްވީ އެބައިމީހުން އެކަލޭގެފާނުގެ ރަސޫލުކަން ގަބޫލުނުކޮށް އެކަލޭގެފާނުގެ ބަސްދޮގުކުރުމެވެ. މިއީ ރަސޫލުކަމައިގެން ފޮނުއްވުނު ހުރިހާ ބޭކަލުންނަށްވެސް ކަންތައް ދިމާވިގޮތެވެ. ސޫރަތުއް ޛާރިޔާތުގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ﴿٥٢﴾ ) މާނައަކީ: “އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسول އަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.”

ނަމަވެސް، މިފަދަ ހަޑިހުތުރު ލަގަބުތަކުން މުޚާޠަބު ކުރިނަމަވެސް އެބޭކަލުން އެކަމަށް ކެތްތެރިވެވަޑައިގެން ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދިވަޑައިގަތެވެ. އެކަމުގެ ސަބަބުން އެބޭކަލުންގެ ދަރަޖަ ﷲ ގެ ޙަޟްރަތުގައި ދަރަޖަ މަތިވެރިވެގެން ދިޔައެވެ.

(فَعَقَرُوهَا ) އެޖަމަލު ޛަބަޙަ ކުރިއެވެ.

(فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ) އެބައިމީހުންގެ ފާފަތަކުގެ ސަބަބުން ﷲ އެބައިމީހުން ހަލާކު ކުރެއްވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް ބަޔެއްގެ މައްޗަށް އަނިޔާވެރިވޮޑި ނުގަންނަވާނެއެވެ. ނަމަވެސް، އެބައިމީހުން އަމިއްލަ އަށް ނުބައިވެގަނެ، ފާފަކުރަން ފެށީމާ، ﷲ ގެ ކޯފާ އާއި ޢަޛާބު އެބައިމީހުންގެ މައްޗަށް އަންނަނީއެވެ. ސޫރަތުއް ރޫމްގެ 41 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴿٤١﴾ ) މާނައަކީ: “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عمل ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.”

ސޫރަތުލް އިސްރާގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(وَإِذَا أَرَدْنَا أَن نُّهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيرًا ﴿١٦﴾) މާނައަކީ: ” އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ أهل ވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) أمر ކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި فاسد عمل ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް حق ވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ.”

ސޫރަތު އާލުޢިމްރާންގެ 165 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (أَوَلَمَّا أَصَابَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٦٥﴾  ) މާނައަކީ: “މިކަންތައްއައީ ކޮންތާކުންހޭ ތިޔަބައިމީހުން ބުނީ، ތިޔަބައިމީހުންނަށް مصيبة އެއް އައިސް ޖެހުނީމާ ހެއްޔެވެ؟ ހަމަކަށަވަރުން، އެ مصيبة ގެ ދެގުނަ (އެއުރެންނަށް) ތިޔަބައިމީހުންވަނީ ޖައްސާފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ، ތިޔަބައިމީހުންގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

ކޮންމެ އަކަސް އިންސާނުންނަށް ބަލާ އާއި މުޞީބާތްތައް ޖެހެނީ އެބައިމީހުންގެ އަތުންފައިން ކޮށްއުޅުނު ކަންތައްތަކެއްގެ ސަބަބުންނެވެ.

(فَسَوَّاهَا) އެބައިމީހުން އެންމެން ހަލާކުވެގެން ދިޔައެވެ. އެކަކުވެސް ސަލާމަތެއް ނުވެއެވެ. ސޫރަތުލް އަޢްރާފްގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ ﴿٧٨﴾  ) މާނައަކީ: “ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ.”

(وَلَا يَخَافُ عُقْبَاهَا ﴿١٥﴾) މާތް ﷲ އެބަޔެއްގެ މައްޗަށް ކޯފާ އާއި ޢަޛާބު ފޮނުއްވާ ހަލާކު ކުރެއްވި މީހުންގެ ފަހުންވެދާނެ ކަމަކާއި މެދު ﷲ ބިރުފުޅުވޮޑިގެންނުވެއެވެ. ސަބަބަކީ ހުރިހާކަމެއްގެ މިލްކިއްޔާތާއި އާރާއި ބާރު ލިބިވޮޑިގެންވަނީ ﷲ އަށެވެ. ދުނިޔޭގެ ބައެއް ރަސްރަސްކަލުންނާއި ވެރިން އެބައިމީހުންނަށް ބާރުލިބުނު ދުވަހުގައި މީސްތަކުންނާއި މެދުގައި ގޮތްގޮތަށް ކަންތައްކޮށްފައި ފަހުންވެދާނެ ގޮތަކާއި މެދުގައި ބިރުން އުޅެއެވެ. ނަމަވެސް، އެފަދަ ބިރުވެރި ކަމެއް ﷲ އަކަށް ނުވެއެވެ. އެކަލާންގެއީ ހުރިހާ އެއްޗެއްގެ މިލްކުވެރި އިލާހެވެ. ހުރިހާ ބާރެއްގެ ވެރި އިލާހެވެ.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.