
އޮކްޓޯބަރު މަހު 109 މައްސަލައެއް ރިޕޯޓުކޮށްފައިވެ – ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަ އެވެ.
އެގޮތުން މި ބާވަތުގެ 27 މައްސަލައެއް ވަނީ ރިޕޯޓްކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 09 ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލަ އެވެ.
ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ އެވެ.
އެގޮތުން މި ބާވަތުގެ 24 މައްސަލައެއް ވަނީ ރިޕޯޓްކުރެވިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 06 ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލަ އެވެ.
ހަމައެހެންމެ، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ގޮތުން އިހުމާލުވުމުގެ 09 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 05 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 03 މައްސަލަ، ކުޑަކުދިންގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތަކާއި ގުޅޭ 02 މައްސަލަ، ކުޑަކުދިން ޖިންސީ ގޮތުން ”ގްރޫމް“ ކުތުމުގެ 01 މައްސަލައާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޯބަރ މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 62 މައްސަލައަކާއި ފިރިހެން ކުދިންގެ 47 މައްސަލައެކެވެ.



