
ޔާސީން ސޫރަތުގެ ތަފްސީރު 7
وَمَا لِيَ لَا أَعْبُدُ الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ 22
އަދި އިސްވެދިޔަ مثال އަކާ ނުލައި، ތިމަން އުފެއްދެވި ކަލާނގެއަށް ތިމަން އަޅުކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
ކުރު ޚުލާސާއެއް:
މި މީހާ ބުންޏެވެ: ”އަހަރެން އުފެއްދެވި އިލާހަށް އަޅުކަންކުރުން އަހަރެންނަށް މަނާކުރަނީ ކޮން ހުރަހެއް ހެއްޔެވެ؟“ އަދި ތިޔަބައިމީހުން އުފެއްދެވި، އަދި ގިޔާމަތްދުވަހުން ޖަޒާ ދެއްވުމަށްޓަކައި އެކަލާނގެ ހަޟްރަތަށް އެނބުރިދާންޖެހޭ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުމަށް ތިޔަބައިމީހުންނަށް އޮތް ހުރަހަކީ ކޮބައި ހެއްޔެވެ؟
ޖަލާލައިނި ތަފްސީރު:
އޭނާ ބުންޏެވެ: ”އަހަރެން އުފެއްދެވި ފަރާތަށް އަހަރެން އަޅުކަން ނުކުރަންވީ ކީއްވެ ހެއްޔެވެ؟“ މާނައަކީ އެކަލާނގެއަށް އަޅުކަން ނުކުރުމަށް އެއްވެސް އުޒުރެއް ނެތެވެ. އަދި މަރުވުމަށްފަހު ތިޔަބައިމީހުން އެނބުރިދާހުށީ އެކަލާނގެ ހަޟްރަތަށެވެ. އޭރުން ތިޔަބައިމީހުންގެ ކާފިރުކަމަށް އެކަލާނގެ ޖަޒާ ދެއްވާނެއެވެ.
ތަފްސީރުއް ސަޢުދީ:
އޭނާގެ ގައުމުގެ މީހުން އޭނާގެ ނަސޭހަތް ގަބޫލުނުކޮށް، އޭނާ ރަސޫލުންނަށް ތަބާވެ ﷲއަށް އިޚްލާޞްތެރިވުމުން އެކަމާ ނުރުހުން ފާޅުކުރުމުން އޭނާ ބުންޏެވެ: ”އަހަރެން އުފެއްދެވި ފަރާތަށް އަހަރެން އަޅުކަން ނުކުރަންވީ ކީއްވެ ހެއްޔެވެ؟ އަދި ތިޔަބައިމީހުން އެނބުރިދާހުށީ އެކަލާނގެ ހަޟްރަތަށެވެ.“ އެކަލާނގެ މެނުވީ އެއްވެސް މަޚްލޫގަކަށް އަޅުކަންކުރުން ހައްގުވެގެން ނުވެއެވެ. ދިރުއްވުމާއި، މަރުގެންނެވުމާއި، އަލުން ދިރުއްވުމަކީ ހަމައެކަނި އެކަލާނގެ ކުޅަދުންވަންތަކަމުގެ ތެރޭގައިވާ ކަންކަމެވެ.
أَأَتَّخِذُ مِن دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّي شَفَاعَتُهُمْ شَيْئًا وَلَا يُنقِذُونِ 23
އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ތިމަން ހިފަންވީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ، ތިމަންނާއަށް ގެއްލުމަކަށް އިރާދަކުރައްވާނަމަ، އެތަކެތީގެ شفاعة ތެރިކަމުން ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި އެތަކެއްޗަށް ތިމަން ސަލާމަތެއްވެސް ނުމެކުރެވޭނޭމެއެވެ.
ޚުލާޞާ މާނަ:
ޙަޤީޤީ ޙައްޤަކާ ނުލައި، އަހުރެން ހެއްދެވި ކަލާނގެ ފިޔަވައި ބުދުތަކަކީ އިލާހުން ކަމުގައި އަހުރެން ބަލާނީ ކިހިނެއް ހެއްޔެވެ؟ ރަޙްމާންވަންތަ ރަސްކަލާނގެ އަހުރެންނަށް ނުބައިކަމެއް މެދުވެރިކުރައްވަން އިރާދަކުރައްވައިފިނަމަ، އެ ބުދުތަކުގެ އާދޭހަކުން ނުވަތަ އެހީތެރިކަމަކުން އަހުރެންނަށް އެއްވެސް މަންފާއެއް ނުލިބޭނެއެވެ. އަދި ﷲ ތަޢާލާ އަހުރެންނަށް މެދުވެރިކުރައްވަން އިރާދަކުރެއްވި ކަމަކުން ސަލާމަތްކޮށްދިނުމުގެ ކުޅަދާނަކަމެއްވެސް އެތަކެއްޗަށް ލިބިގެނެއް ނުވެއެވެ.
ޖަލާލައިނި ތަފްސީރު:
”އަހުރެން ހިފާނެ ހެއްޔެވެ؟“ މި ސުވާލަކީ އެކަން ނަފީކުރުމުގެ މާނައިގައި ކުރެވިފައިވާ ސުވާލެކެވެ. އެބަހީ، އެކަލާނގެ ފިޔަވައި އެހެން އިލާހުންތަކެއް (ބުދުތަކެއް) އަހުރެން ނުހިފާނަމެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަހުރެންނަށް ގެއްލުމެއް ދެއްވަން އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން އެއީ އިލާހުން ކަމަށް ދަޢުވާކުރާ ތަކެތީގެ ޝަފާޢަތަކުން އަހުރެންނަށް އެއްވެސް މިންޖުވުމެއް ނެތެވެ.
ސަޢުދީ ތަފްސީރު:
އަހުރެން އެކަލާނގެ ފިޔަވައި އެހެން އިލާހުންތަކެއް ނުހިފާނަމެވެ. ސަބަބަކީ ﷲ ތަޢާލާ ގެއްލުމެއް ދެއްވަން އިރާދަކުރައްވައިފިނަމަ، އެކަލާނގެ އިޒުނަފުޅާ ނުލައި އެއްވެސް ފަރާތަކަށް ޝަފާޢަތްތެރި ނުވެވޭނެތީއެވެ. އެހެންކަމުން އެތަކެތީގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ.
إِنِّي إِذًا لَّفِي ضَلَالٍ مُّبِينٍ 24
އެހެންވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންވާހުށީ ފާޅުވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
ޚުލާޞާ މާނަ:
ﷲ ފިޔަވައި އެހެން ތަކެއްޗަކީ އިލާހުން ކަމުގައި އަހުރެން ބަލައިފިނަމަ، އަހުރެން އެވަނީ ފާޅުކަން ބޮޑު ކުށެއްގެ ތެރޭގައެވެ. އެއީ އަޅުކަން ޙައްޤުވެގެން ނުވާ ފަރާތްތަކަކަށް އަޅުކަންކޮށް، އަޅުކަން ޙައްޤުވެގެންވާ ފަރާތަށް އަޅުކަންކުރުން ދޫކޮށްލީތީއެވެ.
ޖަލާލައިނި ތަފްސީރު:
”ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަހުރެން އަޅުކަންކޮށްފިނަމަ، އަހުރެން ވާނީ ބަޔާންވެގެންވާ ފުރެދުމެއްގެ ތެރޭގައެވެ.“
ސަޢުދީ ތަފްސީރު:
މި ބުދުތަކަށް އަހުރެން އަޅުކަންކޮށްފިނަމަ، އަހުރެން ވާނީ ބަޔާންވެގެންވާ ފުރެދުމެއްގެ ތެރޭގައެވެ. މި ބަސްތަކުގައި އޭނާގެ ނަޞޭޙަތާއި، ރަސޫލުންގެ ރިސާލަތަށްދޭ ހެކިބަހާއި، ތައުޙީދުގެ ދަޢުވަތާއި، އެކަމުގެ ހެކިތައް އެކުލެވިގެންވެއެވެ. އަދި އެހެން ފަރާތްތަކަށް އަޅުކަންކުރުމަކީ ބާތިލު ކަމެއްކަމާއި، އެފަދަ މީހުން ވަނީ ފުރެދުމުގެ ތެރޭގައިކަން ހާމަކޮށް، މަރަށް ބިރުގަތުމެއް ނެތި އޭނާގެ އީމާންކަން ފާޅުކުރިއެވެ.
إِنِّي آمَنتُ بِرَبِّكُمْ فَاسْمَعُونِ 25
ހަމަކަށަވަރުން، ތިމަން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް إيمان ވެއްޖައީމެވެ. ފަހެ، ތިޔަބައިމީހުން ތިމަންގެ ބަސްއަހާށެވެ!
ޚުލާޞާ މާނަ:
އަހުރެން މިވަނީ އަހުރެންގެވެސް އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެއަށް އީމާންވެފައެވެ. އެހެންކަމުން އަހުރެން މިބުނާ ބަސްތައް އަޑުއަހާށެވެ. ތިޔަބައިމީހުން އަހުރެން މަރާލާނެކަމަށް ބުނެ ކުރާ އިންޒާރުތަކަކަށް އަހުރެން ބިރެއް ނުގަނެއެވެ. (ދެން އެމީހުން އޭނާ މަރާލިއެވެ. އަދި ﷲ ތަޢާލާ އޭނާ ސުވަރުގެއަށް ވެއްދެވިއެވެ.)
ޖަލާލައިނި ތަފްސީރު:
”އަހުރެން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އީމާންވެއްޖައީމެވެ. ފަހެ، އަޑުއަހާށެވެ.“ އެބަހީ އަހުރެން މިބުނާ ބަސްތަކަށް ހެކިވާށެވެ. ދެން އެމީހުން އޭނާ رجمކޮށް މަރާލިއެވެ.
ސަޢުދީ ތަފްސީރު:
އަހުރެން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އީމާންވެއްޖައީމެވެ. އެކަލާނގެ ބަސްފުޅު އަޑުއަހާށެވެ. އޭނާގެ އެ ބަސްތަކާއެކުވެސް، އޭނާގެ ގައުމުގެ މީހުން އޭނާ މަރާލިއެވެ.
ނުނިމޭ…
މިއީ surahquran.com ގައި ލިޔެފައިވާ ލިޔުމެއްގެ ދހިވެހި ތަރުޖަމާ އެވެ.
އާޔަތްތަކުގެ ދިވެހި ތަރުޖަމާ ނަގާފައިވާނީ tanzil.net އިންނެވެ.



