އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަލް ސިޓީ އާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.
ޗެލްސީން ހަލްސިޓީގެ މައްޗަށް ކުރިހޯދާފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާ އާއެކު ޕްރިމިއަރ ލީގުގެ އެއްވަނައިގައި ޗެލްސީން އަށް ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ.
އެގޮތުން ރޭގެ މޮޅާއެކީ ޗެލްސީ އެއްވަނައިގައި އޮތީ 55 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި 47 ޕޮއިންޓާއެކީ އާސެނަލް އޮތްއިރު، 46 ޕޮއިންޓާއެކީ ތިންވަނައިގައި ޓޮޓެންހަމް އަދި 45 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ.
ރޭ ޗެލްސީ އަތުން ބަލިވި ހަލް ސިޓީ އޮތީ 16 ޕޮއިންޓާއެކީ ލީގުގެ 19 ވަނައިގައެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ނަގައިދިނީ ޑިއޭގޯ ކޮސްޓާ ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާއެކު ކޮސްޓާ ލީގުގައި ކާމިޔާބުކުރި ގޯލްގެ އަދަދު 15 އަށް އެރިއިރު ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކީވެސް އޭނައެވެ.
ޗެލްސީގެ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ހަލް ސިޓީން ދިޔައީ އިތުރަށް ކުޅުން ރަނގަޅުކޮށް ޗެލްސީއަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް އެޓީމުން ފޮނުވާލާފައިވެއެވެ.
މި މެޗުން ޗެލްސީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ 81 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެރީ ކޭހިލްއެވެ.
ލީގުގައި ދެން ޗެލްސީ ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.