ޚަބަރު ފީތާ

އެތްލެޓިކޯ ސްޕެނިޝް ކަޕްގެ ކުއާޓާފައިނަލަށް.

ސްޕެނިޝް ކަޕްގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ލަސް ޕަލްމަސް އާއި ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާފައިނަލަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.

އެތްލެޓިކޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ 3-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އެތްލެޓިކޯއަށް 3-4 ގެ އެގްރިގޭޓް ލިބުނީ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު، 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވިނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެންޓޮއިން ގްރިޒްމަން ވަނީ ލަނޑެއް ޖަހާ އެތްލެޓިކޯއަށް މެޗުގެ ލީޑުނަގާދީފައެވެ.

ގްރީޒްމަންގެ ލަނޑުން އެތްލެޓިކޯ ލީޑު ނެގިނަމަވެސް ލަސް ޕަލްމަސްއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގެ 57 ވަނަ މިނެޓްގައި ލަނޑުޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މާކޯ އެވެ.

އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އެންހެލް ކޮރީއާ ވަނީ ދެވަނަ ފަހަރަށް އެތްލެޓިކޯއަށް މެޗުގެ ލީޑުނަގާދީފައެވެ.

މެޗުގެ 89 ވަނަ މިނެޓްގައި ދެވަނަ ފަހަރަށް، ލަސް ޕަލްމަސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި މާކޯގެ ލަނޑުންނެވެ. އެހެން ނަމަވެސް މެޗުގެ ފަހު މިނެޓްގައި މަޓެއޯ އެޒީކުއެލް ގާސިއާ ވަނީ މި މެޗުން އެތްލެޓިކޯ މޮޅުކޮށްދީފައެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް އެތްލެޓިކޯ ދަތުރުކޮށްފައިވާއިރު، ކުއާޓާފައިނަލުގެ ޖާގައެއް ހޯދުމަށް ބާސެލޯނާއިން މިރޭ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ނިކުންނާނެއެވެ.

މި ދެ ޓީމު ގަދަ 16 ގެ ފުރަތަމަ ލެގުގައި ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ބިލްބާއޯއެވެ.

ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ފަށާނީ، މިރޭ ރާއްޖެގަޑިން 1:15 ގައެވެ.

Rate this post