ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއަކަށް 2004 ވަނަ އަހަރު ބަދަލުވުމާއި ގުޅިގެން އަސްކަރީ ތަމްރީނުތަކުން ދުރަށް ގޮސް ފުލުހުންނަށް ޚާއްސަ ތަމްރީނުތަކެއް ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި ދެވެން ފެށުނެވެ. ކޮމިއުނިޓީ ޕޮލިސިން އަށް ދިވެހި ފުލުހުން ފައްކާކުރުމަށް ބޭރުގެކަމާގުޅޭ ތަޖުރިބާ ކާރުންގެ ބެލުމުގެ ދަށުން ޚާއްސަ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. އެކަމަށް އެކަށީގެންވާ ފެންވަރެއްގެ ޕޮލިސް ޓްރޭނިންގ ސްކޫލެއް އައްޑޫގައި ޤާއިމްކުރެވިގެން ދިޔަވެސް މެއެވެ.
އެހެންނަމަވެސް 2008 ވަނަ އަހަރު ހިނގާދިޔަ ހާދިސާއާއެކު އެތަންވަނީ ބޭނުން ނުކުރެވޭވަރު ވެފައެވެ. އޭގެ ފަހުން ފުލުހުންނަށް ތަމްރީނު ފޯރުކޮށްދިނުމަށް އެކި ފަހަރުމަތިން އެކި ފެންވަރުގެ ޕޮލިސް ސެންޓަރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވީ ނަމަވެސް ޒަމާނީ ފެންވަރުގެ ވަޞީލަތްތައް ހުރި ޓްރޭނިންގ ޤާއިމްކުރެވިފައެއް ނުވެއެވެ. އެހެންކަމުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށްޓަކައި ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުރި ޓްރެއިނިންގ ސްކޫލަކަށް މިވަނީ ބޭނުންވެފައެވެ.
އައު އަހަރު ފެށިގެންދާއިރު ޒަމާނީ ޕޮލިސް ޓްރޭނިންގ ސްކޫލަކަށް ކުރެވޭ އުންމީދުތައް އަނެއްކާވެސް މިވަނީ އާވެފައެވެ. އެގޮތުން އިންޑިޔާ ސަރުކާރުން ފަންޑުކޮށްގެން ރާއްޖޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ފެންވަރުގެ ޕޮލިސް ޓްރެއިނިންގ ސްކޫލް އައްޑޫގައި ޤާއިމްކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ވެފައެވެ. އެގޮތުން އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ބެލެވޭއިރު އެތަން ބިނާކުރުމަށް ހަމަޖެހިފައިވާ ބިން މިހާރު ވަނީ ސާފުކޮށް ނިމިފައެވެ. އަދި މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި އެތަނުގެ ބިންގާ ރަސްމީކޮށް އެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ 18 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ފުލުހުންގެ ޒަމާނީ ޓްރެއިނިންގ ސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވާނެއެވެ. އެގޮތުން ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްސްތަކާއި، މެޑިކަލް ޚިދުމަތްދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕޭޑާއި އެހެންވެސް ޓްރެއިނިންގ ސެންޓަރެއްގައި ހުންނަންޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެއެވެ. 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏަކާއެވެ.
2012 ވަނަ އަހަރު އިންޑިޔާ ސަރުކާރާއެކު އެކުލަވާލެވުނު އެމްއޯޔޫގެ ދަށުން މި ޓްރެއިންގ ސްކޫލް އެޅުމަށް އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ ޅ. ދިއްފުށިމާދޫގައެވެ. އޭގެފަހުން ކ. މާބިންހުރާ އަދި ދ. ވާނީގައިވެސް މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެއްސިއެވެ. އެގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެ ދިގުލައިގެން ދިއުމަށްފަހު އައްޑޫގައި މި ޕްރޮޖެކްޓްގެ މަސައްކަތް ހިނގަން ފެށުމުން ކައިރި މުސްތަޤަބަލެއްގައި ފުލުހުންގެ ތަމްރީނުތައް ހިންގުމަށް ޒަމާނީ ފެންވަރުގެ ޓްރެއިނިންގ ސެންޓަރެއް ލިބުމުގެ އުންމީދު މިވަނީ އާވެފައެވެ.
ހަމައެއާއެކު ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ސެންޓަރެއް ޤާއިމްވެގެންދިއުމާއެކު ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމަށް ފަސޭހަތަކެއް ވެގެންދާނެއެވެ. އަދި އެކަމުގެ މަންފާ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫންނެވެ. އެހެންކަމުން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ދިވެހި ފުލުހުންގެ ވެސް އުންމީދަކީ ދުރު ނޫން މުސްތަޤުބަލެއްގައި ޒަމާނީ ފެންވަރުގެ ޕޮލިސް ޓްރޭނިންގ ސްކޫލެއް ޤާއިމްވެގެން ދިއުމެވެ.