ނަސަބުފުޅާއި އުފަންވުން:
ޒައިނަބު ބިންތި ޖަޙްޝި ބިން ރިނާބް ބިން ޔަޢްމުރް ބިން ޞަބްރާ ބިން މުއްރާ ބިން ކަބީރު ބިން ދޫދާނު ބިން އަސަދު ބިން ޚުޒައިމް އަލްއަސަދިއްޔާ .
މަންމާ ފުޅަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައްޕާފުޅު ފަރާތުގެ ބޮޑުދައިތަ އެއް ކަމުގައިވާ އުމައިމާ ބިން ޢަބްދިލް މުއްޠަލިބް އެވެ.
އުފަންވެ ވަޑައިގަތީ ހިޖްރައިގެ 33 އަހަރު ކުރިން މައްކާ ގައެވެ. އެކަމަނާ ބޮޑުފުޅު ވެވަޑައިގަތީ ޝަރަފުވެރި ގަނޑުވަރެއްގެ ތެރޭގައެވެ. އެހެނީ އެކަމަނާ އަކީ ނަސަބާއި ޙަސަބުގެ ގޮތުން މަތިވެރި ކަނބަލެކެވެ. އެކަމަނާގެ ޢާއިލާގެ ޝަރަފުވެރި ކަމާއި މެދުގައި އަބަދުވެސް ފަޚުރުވެރިވެ ވަޑައިގަންނަވައެވެ. އެކަމަނާ ވިދާޅުވި ކަމަށް ރިވާވެގެން ވެއެވެ. ”ތިމަން ކަމަނާ އަކީ ޢަބްދު ޝަމްސު ޢާއިލާގެ އަންހެން ކަނބަލުންގެ ޞާޙިބާ އެވެ.“
އިސްލާމްވެ ވަޑައިގަތުން:
އެކަމަނާ ހިމެނިގެންވަނީ އެންމެ ފުރަތަމަ އިސްލާމްދީނަށް ވެދެވަޑައިގެންނެވި ކަނބަލުންގެ ތެރޭގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އެންމެ އިޚްލާޞްތެރި ކަނބަލުންގެ ތެރޭގައި އެކަމަނާ ހިމެނިގެން ވެއެވެ. އިސްލާމްދީން ގަބޫލު ކުރެއްވުމުގެ ސަބަބުން އެކަމަނާވަނީ ގުރައިޝުންގެ ކިބައިން އެތައް ދުއްތުރާ ތަކެއް ތަޙައްމުލް ކުރައްވާފައެވެ.
މަދީނާ އަށް ހިޖްރަ އަށް ވަޑައިގަންނަވަންދެން އެކަންތައް ތަޙައްމުލް ކުރައްވަމުން ގެންދެވިއެވެ. މަދީނާ އަށް ހިޖްރަ ކުރެއްވުމާއި އެކުގައި އަންޞާރުން އެބޭކަލުންގެ މުދަލާއި ގެދޮރު ދެބައި ކުރައްވައި މުހާޖިރުންނަށް މެހްމާންދާރީ އަދާ ކުރެއްވިއެވެ. އެކަމުގެ ސަބަބުން މުހާޖިރުންނަށް ލިބެމުންދިޔަ އަނިޔާތަކުގެ މަތިން އެބޭކަލުން ހަނދާން ނެތިގެން ދިޔައެވެ.
އެކަމަނާގެ އަޚްލާގާއި ހެޔޮ ޢަމަލު ކުރެއްވުން:
އެކަމަނާ ފާހަގަ ކުރެވިފައިވަނީ ގިނަގިނައިން ރޯދަ ހިއްޕަވާ، އަޅުކަމުގައި މަޝްޣޫލުވެ އިންނަވާ، ޞާލިޙް ކަނބަލެއްގެ ގޮތުގައެވެ. އެކަމަނާގެ އަތްޕުޅުގައިވާ ހުރިހާ ތަކެއްޗަކުން މިސްކީނުންނާއި ފަގީރުންނާއި އެހީތެރިކަމަށް ބޭނުންވެފައިވާ މީސްމީހުންނަށް ހޭދަކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. އަމިއްލަ ފުޅަށް ތަކެތި ހައްދަވައިގެން ވިއްކެވުމަށް ފަހުގައި ލިބޭ މަންފާ މިސްކީނުންނަށް ޞަދަގާތް ކުރައްވައެވެ. ގާތްތިމާގެ މީހުންނަށް ކަމޭ ހިއްތަވާ ރަޙިމްގެ ގުޅުން ދެމެހެއްޓުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަނބަލެކެވެ.
ޒައިދު ބިން ޙާރިޘާ އާއި ކައިވެނި ބައްލަވައިގަތުން:
ކީރިތި ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޒައިނަބު ބިންތި ޖަޙްޝްގެ ގަނޑުވަރަށް ވަޑައިގެން ޒައިދު ބިން ޙާރިޘާ އާއި އެކަމަނާ ކައިވެނި ކުރުމަށް ހުށަހެޅުއްވިއެވެ. އެވަގުތު އެކަމަނާ އެކަމާއި އިންކާރު ކުރެއްވިއެވެ. ސަބަބަކީ އެކަމަނާ އަކީ ގުރައިޝް ވަންހައިގެ މަތިވެރި ޢާއިލާ އަކަށް ނިސްބަތްވާ ކަނބަލަކަށް ވެފައި ޒައިދު ބިން ޙާރިޘާ އަކީ މިނިވަން ކުރެވުނު އަޅަކަށް ވާތީވެއެވެ.
އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”އަދިކިއެއްތަ، ކަމަނާ ޒައިދު އާއި ކައިވެނި ކުރައްވާށެވެ.“ ނަމަވެސް އެކަމަނާ އެކަމާއި އިންކާރު ކުރައްވާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ސޫރަތުލް އަޙްޒާބްގެ 36 ވަނަ އާޔަތް ބާވާލައްވައިފިއެވެ. (وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ) މާނައަކީ: ”އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ.
އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.“ އެހިނދު އެކަމަނާ ވިދާޅުވިއެވެ. ”ﷲ ގެ ރަސޫލާ އެވެ. ތިމަންކަމަނާ ޒައިދު އާއި ކައިވެނި ކުރުމަށް ކަލޭގެފާނު ރުހިވޮޑިގަންނަވަން ހެއްޔެވެ؟“ ޙަދީޘް ކުރެއްވިއެވެ. ”އާދޭހެވެ.“ އެކަމަނާ ވިދާޅުވިއެވެ. ”ﷲ ގެ ރަސޫލާ ގެ އަމުރުފުޅަކަށް ތިމަންކަމަނާ ނުކިޔަމަންތެރި އެއް ނުވާނަމެވެ.“ ދެން އެކަމަނާ ޒައިދު ބިން ޙާރިޘާ އާއި ކައިވެނި ބައްލަވައިގެންފިއެވެ.
މި ޙާދިޘާ އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޭނުންފުޅުވެ ވަޑައިގަތީ މުސްލިމް މުޖްތަމަޢުގެ ތެރޭގައި ފެތުރެމުން ދިޔަ ނަސްލީ ތަފާތު ކުރުންތައް ނައްތަވާލެއްވުމެވެ. ހުރިހާ އިންސާނުންނަކީވެސް ފުނަލުގެ ދަތްތައް ފަދައިން ހަމަހަމަވެގެންވާ ބަޔަކު ކަމާއި، ތަގްވާވެރި ކަމުން މެނުވީ މީސްތަކުންގެ މެދުގައި ތަފާތު ކުރުމެއް ނެތްކަން ބަޔާން ކުރެއްވުމެވެ.
އެހެންކަމުން ގުރައިޝް ވަންހައިގެ މަތިވެރި ކަނބަލެއް، އަދި އެކަލޭގެފާނުގެ ދެބެންގެ ދެދަރި ކަނބަލެއް އާދައިގެ ފަންތީގެ އިންސާނަކާ ކައިވެނި ކޮށްދެއްވައި މީސްތަކުންގެ މެދުގައި އޮތް ތަފާތު ކުރުން ނައްތަވާލެއްވިއެވެ.
ޒައިދުގެ ކިބައިން ވަރިވެވަޑައިގަތުމާއި ތަބައްނީ އުވާލެއްވުން:
ޒައިދު ބިން ޙާރިޘާ އާއި ޒައިނަބު ބިންތި ޖަޙްޝްގެ ކައިވެނި މާގިނަ ދުވަސްތަކެއް ވަންދެން ދެމި އޮންނަ ގޮތެއް ނުވިއެވެ. އެއްދުވަހަކު ޒައިދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ޒައިނަބު ވަރިކުރަން ބޭނުން ކަމުގައި ވިދާޅުވިއެވެ. މީގެ ކުރިން މާތް ﷲ ވަނީ ވަޙީގެ ޛަރީޢާ އިން މިކަން ހިނގާނެ ކަމާއި، ޒައިދު ޒައިނަބް ވަރި ކުރެއްވުމަށް ފަހުގައި މާތް ﷲ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޒައިނަބު ކައިވެނިކޮށް ދެއްވާނެ ކަމަށް އަންގަވާފައެވެ.
ޒައިދު އެވަހަކަ ވިދާޅުވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން ރައްދު ކުރައްވާ ޙަދީޘް ކުރެއްވިއެވެ.
”ﷲ އަށް ތަގްވާވެރިވެ އަނބިމީހާ ހިފަހައްޓައިގެން އުޅޭށެވެ.“ އެހިނދު އަޙްޒާބް ސޫރަތުގެ 37 ވަނަ އާޔަތް ބާވާލެވިއްޖެއެވެ. (وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّـهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّـهُ أَحَقُّ أَن تَخْشَاهُ )
މާނައަކީ: ”اللَّه، އެމީހަކަށް (إسلامى هداية ގެ) نعمة ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّه އަށް تقوى ވެރިވާށެވެ! އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حق ކަންބޮޑީ اللَّه ދެކެއެވެ.“
ޒައިނަބު ބިންތި ޖަޙްޝަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލެއް ކަމުގައި ވާނެ ކަން މާތް ﷲ ވަނީ އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަންގަވާފައެވެ. ނަމަވެސް، މުނާފިގުން ދައްކަފާނެ ވާހަކަތަކަކަށް ބިރުން އެކަލޭގެފާނު ހުންނެވީ އެވާހަކަތައް ސިއްރު ކުރައްވައިގެންނެވެ.
ސަބަބަކީ ޒައިދު ބިން ޙާރިޘާ އަކީ ތަބައްނީގެ ގޮތުން (އެޑޮޕްޓު ކުރުމުގެ ގޮތުން) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ދަރިއެކެވެ. މި އާޔަތުގައި މާތް ﷲ މިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅުގައި އޮތް ބިރުވެރިކަން ފިލުއްވައި ދެއްވާފައެވެ. އަދި އެކަލޭގެފާނު ޒައިނަބު ބިންތި ޖަޙްޝް އާއި ކައިވެނި ކުރެއްވުމުގައި މަތިވެރިވެގެންވާ ޝަރްޢީ ހިކްމަތްތަކެއް ވާކަން ބަޔާން ކުރައްވާފައެވެ. އެއީ ތަބައްނީ (އެޑޮޕްޓު) ކުރުމުގެ އުޞޫލު މަންސޫޚު ކުރެއްވުމެވެ.
އަދި އެކަން އެންމެފުރަތަމަ ތަންފީޛު ކުރައްވާ ބޭކަލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ލެއްވުމެވެ. އެހެނީ ކުރިން ޒައިދު ނިސްބަތް ކުރެވެނީ އެކަލޭގެފާނަށެވެ. އޭރު ކިޔާ އުޅެނީ ޒައިދު ބިން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ދެން ތަބައްނީގެ އުޞޫލު މަންސޫޚު ވުމާއި ގުޅިގެން ޒައިދުގެ އަޞްލު ބައްޕަ އަށް ނިސްބަތްކޮށް ޒައިދު ބިން ޙާރިޘާ އޭ ކިޔަން ފެށިއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކައިވެނި ބައްލަވައިގަތުން:
ޒައިދު ބިން ޙާރިޘާގެ ކިބައިން ވަރިވެވަޑައިގެން، ޢިއްދާ ހަމަވުމާއި އެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒައިދު ބިން ޙާރިޘާ އަށް ޙަދީޘް ކުރެއްވިއެވެ. ”ޒައިނަބުގެ ގާތަށް ގޮސް ތިމަންކަލޭގެފާނުގެ ވާހަކަ ދަންވާށެވެ.“ ޒައިދު ބިދާޅުވިއެވެ. ”އެކަމަކީ ތިމަންކަލޭގެފާނުގެ ނަފްސަށް ބޮޑުކަމަކަށް ވިއެވެ. އެއާއި އެކުވެސް ޒައިނަބުގެ ގަނޑުވަރުގެ ގާތަށް ގޮސް އެކަމަނާގެ ގަނޑުވަރުގެ ދޮރުގައި ބުރަކަށި ޖައްސައިގެން ހުރެ ބުނީމެވެ. ”ޒައިނަބު އެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަލޭގެފާނު ކަމަނާގެ ފާތަށް ފޮނުއްވީ އެކަލޭގެފާނުގެ ވާހަކަ ކަމަނާގެ ގާތުގައި ބުނުމަށެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. މާތް ﷲ ވަކިގޮތަކަށް އެންގެވީމާ ނޫނީ ތިމަންކަމަނާ އެއްޗެކޭ ނުބުނާނަމެވެ. އެހިނދު އަޙްޒާބް ސޫރަތުގެ 37 ވަނަ އާޔަތުގެ ފަހުކޮޅު ބާވާލެއްވިއެވެ. (فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ اللَّـهِ مَفْعُولًا)
މާނައަކީ: ”ފަހެ، زيد، އެކަމަނާގެ ކިބައިން ބޭނުމެއް ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް عدّة ހަމަވުމުން) ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ. އެއީ مؤمن ންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައި (ވަރިކޮށް) ފިހިނދު، އެއުރެންނާ ކާވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ.
އަދި اللَّه ގެ އަމުރުފުޅަކީ، ހިނގަނިވި ކަމެއްކަމުގައި ވެއެވެ.“ އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ ގާތަށް ވެދެވަޑައިގަތެވެ. އަދި އެކަމަނާ އާއި ސުވާލު ކުރެއްވިއެވެ. ”ކަމަނާގެ ނަމަކީ ކޮބައިތޯ އެވެ؟“ އެކަމަނާ ވިދާޅުވިއެވެ. ”ބައްރާ އެވެ.“ އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އެކަމަނާގެ ނަން ”ޒައިނަބު“ އަށް ބަދަލު ކުރެއްވިއެވެ.
މި އާޔަތް ބާވާލެއްވުމާއި ގުޅިގެން ޒައިނަބު ކީރިތި ރަސޫލަ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެހެން އަނބިއަނބި ކަނބަލުންގެ ގާތުގައި ފަޚުރުވެރިވެ ވަޑައިގެންފައި ވިދާޅުވެއެވެ. ”ކަމަނާމެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކައިވެނިކޮށްދިނީ ކަމަނާ މެންގެ ބައްޕަ އިންނެވެ. ނަމަވެސް ތިމަންކަމަނާ ކައިވެނި ކޮށް ދެއްވީ ހަތްއުޑުމަތިން ރައްބުލް ޢާލަމީން އެވެ.“
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒައިނަބު އާއި ކައިވެނި ބައްލަވައިގަތުމާއި ގުޅިގެން މުނާފިގުން ކިޔަންފެށިއެވެ. ”ދަރިންގެ އަނބިންނާއި ކައިވެނި ކުރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަރާމް ކުރެއްވިއެވެ. އެކަމަކު އެކަލޭގެފާނުގެ ދަރިފުޅު ވަރިކުރެއްވި ކަމަނާ އާއި ކައިވެނި ބައްލަވައިގަތީއެވެ. އެހިނދު ސޫރަތުލް އަޙްޒާބްގެ 40 ވަނަ އާޔަތް ބާވާލެއްވިއެވެ.
(مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا ) މާނައަކީ: ”ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.“
އަދި ސޫރަތުލް އަޙްޒާބްގެ 5 ވަނަ އާޔަތް ބާވާލެއްވުނެވެ. (ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّـهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّـهُ غَفُورًا رَّحِيمًا ) މާނައަކީ: ”އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ.
އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.“
އަވަހާރަ ވުން:
އުއްމުލް މުއިމިނީނަ ޒައިނަބު ބިންތި ޖަޙްޝް ދުނިޔެ އާއި ވަކިވެވަޑައިގަތީ ޢުމަރު ބިން އަލްޚައްޠާބުގެ ޚިލާފަތުގައި ހިޖްރައިން 20 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 53 އަހަރެވެ.