1602 ވަނަ އަހަރުގެ ޖުލައި މަހުން 2 ވަނަ ދުވަހު ފަރަންސޭސި ވިލާތުގެ ނަވެއް ކަމުގައިވާ ”ކޯބިން“ މާޅޮސްމަޑުލު ދެކުނުބުރި (ބ އަތޮޅު ތެރޭ) ފަރަކަށް އެރުން ދިމާވީ ފަރަންސޭސި ދަތުރުވެރިއެއްކަމަށްވާ ޕިރާޑް (ފްރެންކޯއި ޕިރާޑް ދި ލަވަލް – ފަރަންސޭސިން ކިޔާ ގޮތުންނަމަ ”ފޮޝްވަ ޕިރާޑް“) ރާއްޖެއާއިމެދު ތާރީޚީ ލިއުމެއް ލިއުމަށް މެދުވެރިވި ސަބަބުކަމުގައެވެ.
ފްރެންކޯއީ ޕިރާޑުގެ އާއިލާއާއި ނަސަބަށް ބަލާއިރު އެންމެ ގާތުން ފެންނަން އޮތީ ޕިއަރ ޕްރާޑް (1581 ން 3 އެޕްރިލް 1667 އަށް ދުނިޔޭގައި އުޅެފައިވާ ) އޭ ނަމަކަށް ކިއުނު ގެ ދެބެންގެ ދެދަރި މީހެކެވެ. ޕިއަރ ޕިރާޑަކީ ފަރަންސޭސި ފިލޯސަފަރެއްގެ އިތުރުން ފްރެންކޯ ޒެވިއަރ އިސްވެހުރެ ފަރަންސޭސި ވިލާތުގައި 1534 ވަނަ އަހަރު އުފެއްދި ނަސޯރާދީނުގެ ޖަމްއިއްޔާގައި ހަރަކާތްތެރިވި ފާހަގަ ކުރެވޭ ތިއޮލޮޖިސްޓެކެވެ. މިގޮތުން ޕިއަރ ޕިރާޑްގެ ފޮތްތައް އެދުވަސްވަރު ޝާއިޢު ކުރެވުނެވެ.
ފްރެންކޯއި ޕިރާޑް ދަތުރު ކުރަމުންދިޔަ ނަވުކަމުގައިވާ ”ކޯބިން“ ގައި ދަތުރު ކުރުމަށް އޭނާ އެއްވެސް ޚަރަދެއް ކުރިކަމެއް އޭނާގެ ލިއުންތަކަކުންވެސް އަދި އެދަތުރުގެ އެެއްވެސް ބައިވެރިއެއްގެ ފަރާތަކުންވެސް އިނގޭކަށްނެތެވެ. ހަމަ އެހެންމެ ޕިރާޑަކީ މި ނަވުގައި ހިމެނޭ އިސްމީހުންތެރެއިން މީހެއް ނޫންކަން އެންމެހާ ދަތުރުގެ ބައިވެރިންނާއި އިސްމީހުން އޭނާ ބަޔާންކޮށްފައިވާ ގޮތުން ދޭހަވެއެވެ.
މީގެ އިތުރުން މިދަތުރަކީ ޕިރާޑު މިގޮތުން ކުރި ފުރަތަމަ ދަތުުރުކަމާއި އޭނާ އަކީ މިދަތުރުގެ ކުރިން ފޮތްލިޔެ ނުވަތަ އޭނާގެ ދެބެންގެ ދެދަރި ޕިއަރ ޕިރާޑް ފަދަ ތިއޮލޮޖިސްޓެއް ނުވަތަ ފިލޯސަފަރެއް ކަމަކަށް ފެންނާކަށްނެތެވެ.
15 ވަނަ ޤަރުނު ނިމުމުނު އިރު ޕޯޗްގީޒުގެ ވެރިކަމުގައި ހުރީ އެލެގްޒެންޑަރ 6 ވެރިކަން ކުރަމުންދިޔައީ ޕޯޗްގީޒާއި މުޅި އިރުމަތީގައި އެދުވަސްރު ނަސޯރާއިންގެ އެންމެ އިސްމީހަކަށް ހުރި ޕޯޕް އިރުޝާދާއިވެސް އެކުގައެވެ.
ނިމިގެން ދިޔަ ޤަރުނުގައި އެންމެފަހުރުވެރި ކާމިޔާބެއްކަމަށް ދެކެވެމުންދިޔައީ ކޭޕް ރޫޓުން އިންޑިޔާއަށް ކަނޑު ހުރަސްކުރުމުގެ މަގު ހޯދުމެވެ. އަދި ހަމައެހެންމެ ކަނޑާއި އެކު ހިންދުކަރައިގެ މައްޗަށް ޕޯޗްގީޒުންގެ ނުފޫޒާއި ބާރުވެރިކަން ފެތުރިފައި އޮތްއޮތުމެވެ.
1498 ވަނަ އަހަރު ޕޯޗުގީޒުންގެ ދަތުރުވެރިޔާ ވަސްކޮ ޑަ ގާމާ އިންޑިޔާގެ ކަލްކަޓަށް (ކަލްކަތާ އަށް) އައުން ވެގެން ދިޔައީ ފުރަތަމަ ފަހަރަށް ޔޫރަޕްބައްރުން އިންޑިޔާއަށް ކަނޑުމަގުން ދަތުރުކުރެވިފައި އައިއައުމަށެވެ. މިކަމުގެ ސަބަބުން ޕޯޗުގީޒުންނަށް އިރުމަތީގެ ކަނޑުތައް ހިސޯރުކުރުމަށް މަގުފަހިވެގެންދިޔައެވެ.
މިކަމުގެ ބޭނުމަކީ ސަރައްދީ ބިންތަކާއި ކަނޑުތައް ހިސޯރުކުރުން އެކަންޏެއްނޫނެވެ. ވިޔާފާރި ކަމު އެއްޤައުމު އަނެއްޤައުމަށް ދަތުރުކުރެވެމުންދާ މަގުތައް ބާރުގެ ދަށުގައި ބޭއްވުމާއި އެކަމުގެ ސަބަބުން އިތުރު ފައިދާތަކެއް އެދުވަސްވަރު ލިބެމުންދިޔަކަމަށްޓަކައެވެ. އެދުވަސްވަރު ޤަބޫލު ކުރެވެމުން ދިޔައީ ކަނޑަކީވެސް ހިސޯރު ކުރެވުނު ބައެއްގެ ބެލުމުގެ ދަށުގައި އޮތް އެބައެއްގެ މުދަލެއްކަމުގައެވެ.
މިގޮތަށް މިކަން އޮއްވާ ކަނޑުތަކަކީ ހުރިހާ އިންސާނުންނަށް އޮތް މުދަލެއްކަމުގައި ނިންމީ އެލިޒަބަތެވެ. އަދި އެއަށްފަހު ހޮލެންޑްގެ ޤާނޫނީ ޢިލްމުވެރިޔާ ހޫގޯ ޤަރުތޮސް މިކަމަށް ވަކާލާތުކުރިއެވެ. މިކަމުގެ ސަބަބުން އިނގިރޭސިންނާއި ހޮލެންޑްގެ ދަތުރުވެރިން އިންޑިޔާއަށް ދަތުރުކުރާނޭ އެހެން މަގެއް ފެންނަންދެން އިންޑިޔާގެ ކަނޑު ބޭނުންކުރުމުގައި ހަމަހަމަ އިޚްތިޔާރު ލިބި އޮތްކަމަށް ޤަބޫލުކޮށް އެފަދަ މަގެއް ހޯދުމުގައި ގިނަދުވަސްތަކެއް ވޭތިވެދިޔައެވެ.
މިކަންކަމުގެ މައްޗަށް ޕޯޕް ނެރެފައިވާ އަމުރު މުގުރާލާ ފުރަތަމަފަހަރަށް 1503 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ ޕައުލްމިލަ ދި ގޮންވިލެ މަޑަގަސްކަރަ އަށް ދަތުރުކުރިއެވެ.