އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އޮނިގަނޑަށް ބޮޑެތި ބަދަލު ގެނެސް މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރ އަލުން އިއުލާންކޮށްފިއެވެ.
އާ އަހަރުގެ ފުޓްބޯޅަ ކަލަންޑަރަށް ގެނައި މި ބަދަލުތަކާއެކު އިއުލާންކުރީ އެކަމަށްޓަކައި މިއަދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އާހަރުގެ ސީޒަން ފެބްރުއަރީ 16 ވަނަ ދުވަހު ފެށޭއިރު މި މުބާރާތް ފެށޭނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. މިމެޗްގައި ބައްދަލުކުރާނީ ވޭތުވެދިޔަ ސީޒަންގެ ޗެމްޕިއަން މާޒިޔާއާއި އެފްއޭކަޕްގެ ޗެމްޕިއަން ކްލަބް ވެލެންސިއާއެވެ.
މިއަހަރުގެ ސީޒަން އަލުން ފެށުމަށް ތައްޔާރުވަމުންދާއިރު މާލޭ ލީގު ވަނީ މިފަހަރުގެ މުބާރާތަށް އިތުރުކޮށްފައެވެ. ފުރަތަމަ ޑިވިޝަންގެ އަށްޓީމް ކުޅޭ ދެބުރު ހިމެނޭ މާލޭ ލީގު ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 26 ވަނަ ދުވަހުއެވެ.
ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ މާލޭ ލީގުގެ ގަދަ ހަތަރަކާއި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.
ޕްރިމިއަރ ލީގުގައިވެސް ދެބުރު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިނިވަން ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ މާޗް 15ގައެވެ.
ޕްރިމިއަރ ލީގަށް ކޮލިފައިވަނީ އަތޮޅު ތަކުގެ ޗެމްޕިއަނުން މާލޭގައި ވާދަކުރާ ޒޯން މުބާރާތުގެ ގަދަ ހަތަރު ޓީމެވެ.
މިބަދަލުތަކާއެކު އޮޓޯ ރެލިގޭޝަން ނުވަތަ ޕްރޮމޯޝަން ވަނީ އުވިފައެވެ. މާލޭ ލީގަށް ޕްރޮމޯޓް ވާނީ ލީގުގެ އެންމެ ދަށް ހަތަރު ޓީމާއި ދެވަނަ ޑިވިޝަންގެ ގަދަ ދެޓީމް ކުޅޭ ކޮލިފިކޭޝަން ބުރުން ހޮވޭ ގަދަ ހަތަރު ޓީމެވެ.
ދެވަނަ ޑިވިޝަންއާއި ތިންވަނަ ޑިވިޝަންގެ ރެލިގޭޝަން ނުވަތަ ޕްރޮމޯޝަންއަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު ތިންވަނަ ޑިވިޝަންގެ ގަދަ ދެޓީމް ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާނެއެވެ. އަދި ދެވަނަ ޑިވިޝަންގެ އެންމެ ދަށް ދެޓީމް ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ.
މިއަހަރުގެ އެންމެ ފަހު މުބާރާތަކީ ނޮވެމްބަރ 24 ގައި ފަށާ ޕްރެސިޑެންޓްސް ކަޕެވެ. މީ ގިނަ ދުވަސްތަކަކު މެދު ކެނޑުމަށްފަހު ނިމިގެނަދިޔަ އަހަރު އަލުން ފަށައިގެން ކުރިޔައްގެންދާ މުބާރާތެކެވެ.
މިފަހަރުގެ ފުޓްބޯޅަ ސީޒަން މުޅިން ނިމޭނީ މިއަހަރުގެ ޑިސެމްބަރ 4 ގައެވެ.