ށ އަތޮޅާއި ހދ އަތޮޅުގައި އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުމަށް އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ވަނީ ނިމި ދިޔަ ޑިސެމްބަރު މަހުގެ 22 އިން 30 އަށް އެ ދެއަތޮޅަށް ދަތުރެއް ކުރައްވާފައެވެ.
މި ދަތުރުގައި މިމިނިސްޓްރީގެ ފަރާތުން އެދެއަތޮޅަށް ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް އެގްޒެކެޓިވް އަލްއުސްތާޛް އަސަދުﷲ ޝާފިޢީ އަޙްމަދާއި މިނިސްޓްރީގެ ވާޢިޡް އައްޝައިޚް ޢިއްޒުއްދީން ޢަދުނާނެވެ.
9 ދުވަހުގެ މި ދަތުރުގައި މި ދެބޭފުޅުން ވަނީ 17 ރަށަށް ދަތުރު ކުރައްވައި، އެރަށްރަށުގެ މިސްކިތްތަކުގެ ޙާލަތު ބައްލަވާ، މިސްކިތްތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެ މުވައްޒަފުނަށް ދިމާވެފައިހުރި ދަތިތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ފޮޓޯ އިސްލާމިކް މިނިސްޓްރީ
މި ޓީމުން ވަނީ މިސްކިތްތަކުގެ އިމާމުންނާ ބައްދަލުކުރައްވާ އިމާމުންގެ ހުރި ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އިމާމުންގެ ފެންވަރު ދެނެގަތުމަށްޓަކައި މިހާރު މިނިސްޓްރީން ކުރިއަށްގެންދާ އިމާމުން ސްކްރީން ކުރުމުގެ މަސައްކަތް ވެސް މިދަތުރުގައި ވަނީ ކުރިއަށް ގެންދަވާފައެވެ. އަދި ވަޑައިގެންނެވި ހުރިހާ ރަށެއްގެ ރައްޔިތުންނަށް މިޓީމުން ވަނީ ދީނީ ދަރުސް ދެއްވާފައެވެ.
މިފަދަ ދަތުރުތަކުގެ މަޤްޞަދަކީ މިނިސްޓްރީއާ ގުޅުން ހުރި ޚިދުމަތްތައް ވީހާވެސް ހަރުދަނާ ކަންމަތީ ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމާއި، ރައްޔިތުންނާ މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިނިސްޓްރީގެ ވަޞީލަތްތަކުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ބޭނުން ކުރެވޭނެ މަގު ފަހިކޮށްދީ، އެކަމަށް މަސައްކަތް ކުރުމެވެ.