ޚަބަރު ފީތާ

”ތަޒްކިޔާ ރީޓްރީޓް“ ނ.އަތޮޅުގައި

އަލް ޢަސްރުގެ ”ތަޒްކިޔާ ރީޓްރީޓް“ މި ފަހަރު ނ.އަތޮޅުުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ. މިއީ ޒުވާނުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކި ހަރަކާތްތަކަކާއި އެކު ތިން ދުވަހުގެ މުއްދަތަކަށް ރޭވިފައިވާ ކޭމްޕެކެވެ.

”ތަޒްކިޔާ ރީޓްރީޓް“ މި ކޭމްޕްގައި ލައިފް ސްކިލްސް، ލީޑަރޝިފް ސްކިލްސް، ހެލްތް އަދި ފިޓްނަސް ގެ އިތުރުން ޒުވާނުންނާ ގުޅޭ ތަފާތު ހަރަކާތްތަކެއް ހިމަނާފައިވެއެވެ. އަދި މި ދަތުރުގައި އައްޝެއިހް ޝާފިއު އާއި  އައްޝެއިހް އަލީ ޒާހިރު ބިން ސައީދު ގާސިމް އާއި އެކު އިތުރު 4 ޝެއިހުން ބައިވެރިވެ ލައްވާނެ ކަމަށް އަލް ޢަސްރުގެ އޮފިޝަލް މައުލޫމާތު ދެއްވި އެވެ.

މި ކޭމްޕް އަކީ ބައިވެރިވެލައްވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލެވިގެން މިފަހަރު ނ.އަތޮޅަށް ހާއްސަަކޮށްގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމްއެކެވެ. ފަޅުރަށެއްގައި ދީނީ އިލްމުވެރިންނާ އަދި މުހިންމު އެހެނިހެން ފަންނުތަކުގެ ބޭފުޅުންނާއި އެކު ތިން ދުވަސް ހޭދަކޮށް ތަޖުރިބާ ކޮށްލަން އަލް ޢަސްރުގެ ފަރާތުން ޒުވާނުންނަށް މަގުފަހިކޮށްދީފައިވާ މި ކޭމްޕަކީ ވަރަށްވެސް ޒުވާނުންނާ ގުޅޭ ގޮތަށް އެކުލަވާލެވިފައިވާ ކޭމްޕެކެވެ.

ނ،އަތޮޅުގައި މި ކޭމްޕް ރޭވުމަށްޓަކައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިލެއްވިކަމަށް އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވިއެވެ. އެގޮތުން އެ އަތޮޅުގެ ހަތަރު ދީނީ ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތު ނިދާއު އަލްއިސްލާމް،ލަންދޫ އިސްލާމިކް ފްރަންޓް ފޯ އެޑިއުކޭޝަން،ޕާތު އޮފް އިސްލާމް އަދި ސޮސައިޓީ ފޯ މާފަރު ޑިވެލޮޕްމަންޓް އާއި ގުޅިގެން ކައުންސިލްތަކާއި އިތުރުފަރާތްތަކެއްގެ އެހީ އާއެކު ކާމިޔާބު ކޭމްޕެއް ކުރިއަށް ގެންދިއުމަށް އިއްޔެ ހަވީރު އަލް ޢަސްރުގެ ޓީމް އެ އަތޮޅަށްވަނީ ފުރާފައެވެ.

Rate this post