ފަޖްރު ސޫރަތުގެ ތަފްސީރު (5)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު، 1 ޖަަނަވަރީ 2017 އާ ގުޅޭ

(فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ ﴿٢٥﴾ وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾) މިއާޔަތްތަކުގައި ދެ ގިރާއަތެއްވެއެވެ. އެއީ:  1. (لَّا يُعَذِّبُ) ޛާލުގައި އިބިފިލި ޖަހައިގެން، އަދި (وَلَا يُوثِقُ) ޘާ ގައި އިބަފިލި ޖަހައިގެންނެވެ. މިހެންނަމަ އާޔަތުގެ މާނއަކީ: “ ފަހެ، އެދުވަހުން އެކަލާނގެ އޭނާޔަށް ދެއްވާފަދަ عذاب އެއް އެހެން އެކަކަށްވެސް ނުދެވޭނެތެވެ. އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ.“

  1. (لَّا يُعَذَّبُ) ޛާލުގައި އަބިފިލި ޖަހައިގެން، އަދި (وَلَا يُوثَقُ) ޘާ ގައި އަބަފިލި ޖަހައިގެންނެވެ. މިހެންނަމަ އާޔަތުގެ މާނައަކީ: ”ގިޔާމަތް ދުވަހު އޭނާ އަށް ދެވޭ ފަދަ ޢަޛާބެއް އެހެން މީހަކަށް ނުދެވޭނެއެވެ. އަދި އޭނާ ހައްޔަރު ކުރެވޭގޮތަށް ހައްޔަރެއްވެސް ނުކުރެވޭނެއެވެ.“

ކާފިރުންނަށް ގިޔާމަތްދުވަހުގައި ދެވޭ ފަދަ ގަދަފަދަ ޢަޛާބެއް އެހެން އެއްވެސް މީހަކަށް ނުދެއްވާނެއެވެ. އެހެނީ އޭނާ ނަރަކައަށް ހުށަހެޅޭއިރުގައި ހުންނާނީ ވަރަށް ބޮޑަށް ކަރުހިއްކައިގަނެފައެވެ. އޭނާ ނަރަކައަށް ބަލައިފިނަމަ އެތަން ފެންނާނީ އަވާމެންދުރެއްހެން ފެންގަނޑެއްގެ ޞިފާގައެވެ. ދެން އެފެންގަނޑުގެ ގާތަށް އޭނާދަތަނުން ކަން ހިނގައިދާނެގޮތް ބަޔާން ކުރައްވާ ސޫރަތު ޒުމަރުގެ 71 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ ﴿٧١﴾  ) މާނައަކީ: ”އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ آية ތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ إنذار ކުރައްވާނޭ رسول ން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، عذاب ގެ ބަސްފުޅު كافر ންގެ މައްޗަށް حق ވެއްޖެއެވެ.“ މިއީ އެބައިމީހުން ނަރަކައަށް ވަނުމުގެ ކުރިން ބަލިކަށިކޮށްލުމެވެ. އެބައިމީހުންނަށް މިފަދަ ހަރުކަށި މަލާމާތުގެ ރާގަށް ބަސްބުނެވޭނެއެވެ. ނަރަކައަށް ވަނުމަށް ފަހު ކަން ހިނގާނެ ގޮތް ބަޔާން ކުރައްވާ ސޫރަތުލް މުއިމިނޫންގެ 106 އިން 111 އަށް ވަޙީ ކުރައްވާފައިވެއެވެ. (قَالُوا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْمًا ضَالِّينَ ﴿١٠٦﴾ رَبَّنَا أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَالِمُونَ ﴿١٠٧﴾ قَالَ اخْسَئُوا فِيهَا وَلَا تُكَلِّمُونِ ﴿١٠٨﴾ إِنَّهُ كَانَ فَرِيقٌ مِّنْ عِبَادِي يَقُولُونَ رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ ﴿١٠٩﴾ فَاتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰ أَنسَوْكُمْ ذِكْرِي وَكُنتُم مِّنْهُمْ تَضْحَكُونَ ﴿١١٠﴾ إِنِّي جَزَيْتُهُمُ الْيَوْمَ بِمَا صَبَرُوا أَنَّهُمْ هُمُ الْفَائِزُونَ ﴿١١١﴾  ) މާނައަކީ: ”އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެންގެ އަބާއްޖަވެރިކަން ތިމަންމެންގެ މައްޗަށް ގަދަވެގަތީއެވެ. އަދި މަގުފުރެދިގެންވާ ބަޔަކު ކަމުގައި ތިމަންމެން ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެން އެ ނަރަކައިން ނެރުއްވައިފާނދޭވެ! ފަހެ، ތިމަންމެން (كافر ކަމުގެ ތެރެޔަށް) އެނބުރި ހިނގައްޖެނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ. އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! އަދި ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة އަށް ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެތެރެއިން ބަޔަކުވިއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ. ފަހެ، އެއުރެންނީ، ފުރައްސާރަކުރެވޭ ބަޔެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ތިމަންރަސްކަލާނގެ ހަނދުމަކުޅައުންމަތިން އެއުރެން ތިޔަބައިމީހުން ހަނދުމަނެތިކޮށްފުމަށް ދާނދެނެވެ. އަދި އެއުރެންނާމެދު މަލާމާތްކޮށް، ހޭނ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ. އެއުރެން ކެތްތެރިވިކަމަށްޓަކައި، މިއަދު ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް (ހެޔޮ) ޖަޒާދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންނީ، ހަމަ نصيب ވެރިންނެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

(وَلَا يُوثِقُ وَثَاقَهُ أَحَدٌ ﴿٢٦﴾) “ އަދި އެކަލާނގެ، އޭނާ ހައްޔަރުކުރައްވާ ފަދައިން، އެހެން އެކަކަށްވެސް ހައްޔަރެއް ނުކުރެވޭނެތެވެ.“ އެބައިމީހުން ހައްޔަރު ކުރެވޭ ގޮތް ބަޔާން ކުރައްވާ ސޫރަތުލް ޙާއްގާގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ ﴿٣٢﴾) މާނައަކީ:

”ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ!“ ކޮންމެ އަކަސް އެމީހުންގެ ހަތަރެސްފައިގާ ވާނީ ހިލިހިޖާ ޖެހި ކަސްތޮޅު އެޅިފައެވެ. އެދުވަހުގެ ކަންތައްތަކަކީ ތަޞައްވުރުކޮށްލަންވެސް ނޭނގޭހާ ނުރައްކާތެރި ކަންތައްތަކެވެ.

(يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ﴿٢٧﴾ ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً ﴿٢٨﴾) ”ސަ އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާއެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ حال، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް އެނބުރިދާށެވެ!“ މިއީ މުއިމިނުންގެ ފުރާނަ ނެރުއްވާ ހިނދުގައި މަލާއިކަތް ބޭކަލުން މުއިމިނުންގެ ފުރާނަ އާއި މުޚާޠަބު ކުރައްވާ ވިދާޅުވާނެ ގޮތެވެ. އެހިނދު އޭނާ އެކަމަށް އުފާކުރާނެއެވެ. އަދި ފަސޭހަކަމާއި އެކު ފުރާނަ ނިކުމެގެންދާނެއެވެ. ސަބަބަކީ ދުނިޔޭގައި މިވާ ހުރިހާ ކަމަކަށްވުރެ މަތިވެރި ނިޢްމަތްތަކާއި ދިމާލަށް ވާޞީލުވުމަށް ގޮވާލެވޭތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَلَمَوْضِعُ سَوْطٍ فِي الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا)[1] މާނައަކީ: ”ސުވަރުގޭގައި ޢަޞާ ބަހައްޓާލާވަރުގެ ކުޑަތަންކޮޅެއްވެސް ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗަށް ވުރެ ހެޔޮކަން ބޮޑެވެ.“ ހަމައެކަނި ތިބާ އުޅޭ ދުނިޔެ އެއް ނޫނެވެ. މުޅި ދުނިޔެ އާއި ދުނިޔޭގައިވާހާ ތަކެއްޗަކަށް ވުރެ ސުވަރުގޭގައި ޢަޞާކޮޅު ބާއްވާ ކުޑަ ޖާގަ މާ ހެޔޮކަން ބޮޑުވާހަކަ އެވެ. ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾ ) މާނައަކީ: “ ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“

( النَّفْسُ الْمُطْمَئِنَّةُ ) ”ހިތްހަމަޖެހިފައިވާ ފުރާނަ“ ގެ މުރާދަކީ މުއިމިން ނަފްސެވެ. ސަބަބަކީ މުއިމިން ނަފްސަކަށްވުރެ ހިތްހަމަޖެހުން ބޮޑުނަފްސެއް ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ”عَجَبًا لأَمْرِ الْمُؤْمِنِ ، إِنَّ أَمْرَ الْمُؤْمِنِ كُلَّهُ خَيْرٌ ، وَلَيْسَ ذَلِكَ لأَحَدٍ إِلا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ فَشَكَرَ فَكَانَ خَيْرًا ، وَإِنْ أَصَابَتْهُ ضَرَّاءُ فَصَبَرَ ، كَانَ خَيْرًا لَهُ“ މާނައަކީ: ”މުއިމިނުންގެ ކަންތަކަކީ ޢަޖާއިބެއް ފަދަ ކަމެކެވެ. ހަމަކަށަވަރުން މުއިމިނުންގެ ކޮންމެ ކަމަކީވެސް އޭގައި ހެވެއްވާ ކަމެކެވެ. މުއިމިނުން ފިޔަވާ އެހެން ބަޔަކަށް އެކަމެއް ނުވާނެއެވެ. އެބައިމީހުންނަށް އުފާވެރިކަމެއް ދިމާވެއްޖެނަމަ އެކަމާ އުފާކޮށް ޝުކުރު ކުރެއެވެ. އެގޮތް އެބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި އެބައިމީހުން ހިތާމަ ކުރާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. އެގޮތްވެސް އެބައިމީހުންނަށް ހެޔޮކަން ބޮޑެވެ.“

ﷲ ސުބްޙާނަހޫ ވަތަޢާލާ ތަގްދީރު ކުރައްވާފައިވާ ގޮތާއި މެދުގައި މުއިމިނުން ތިބެނީ ރުހިގެންނެވެ. މުޞީބާތެއް މެދުވެރިވީނަމަވެސް ރުޅިއެއް ނާދެއެވެ. ނިޢްމަތެއް ދެއްވުމުން ބޮޑާވެ ނުގަނެއެވެ. އަދިކިއެއްތަ، ނިޢްމަތަށް ޝުކުރުވެރިވެއެވެ. މުޞީބާތް ޖެހޭ ވަގުތު ކެތްތެރިވެއެވެ. ހުރިހާ ޙާލަތެއްގައިވެސް ހުންނަނީ ހިތްހަމަޖެހިފައެވެ. ނަމަވެސް ކާފިރުންނާއި އީމާންކަން ބަލިކަށި މީހުންގެ ހިތް ހަމައެއް ނުޖެހޭނެއެވެ. މުޞީބާތެއް މެދުވެރިވެއްޖެ ހިނދެއްގައި ރުޅިގަދަވެއެވެ. އަދި ﷲ އޭނާ އާއި މެދުގައި އަނިޔާވެރިވެ ވޮޑިގަތީ ކަމަށް ހީކުރެއެވެ. ބައެއް ފަހަރު ކެތް ނުކުރެވިގެން އަމިއްލަ ނަފްސު ގަތުލު ކޮށްލައެވެ. ހިތްހަމަ އެއް ނުޖެހެއެވެ. އަދިކިއެއްތަ، އަބަދުވެސް ހުންނާނީ ކަންބޮޑުވެފައެވެ. އޭނާގެ މުދާ މަދުކަމާއި، އަޅާލާނެ ބަޔަކު ނެތްކަމާއި، ޙިމާޔަތް ދޭނެ ބަޔަކު ނެތްކަމަށް ވިސްނައެވެ. އަދިބުނެއެވެ. އަހަރެންނަށް އެއްވެސް ކަހަލަ ނިޢްމަތެއް ނުލިބެއެވެ. ސަބަބަކީ މިވެނި މީހަކަށް މިހާ ނިޢްމަތް ލިބިފައިވެއެވެ. އޭނާގެ އަތުގައި މުދަލާއި އަނބިންނާއި ދަރިން އަހަންނަށް ވުރެ ގިނައިން އެބަ ތިއްބެވެ. އަހަންނަކަށް އެއްވެސް އެއްޗެއް ނުލިބެއެވެ. މިގޮތަށް ބުނަނީ އޭނާގެ އީމާންކަން ބަލިކަށިވީމައެވެ. އަދި އޭނާވަނީ ހިތްހަމަ ޖެހިފައެއް ނޫނެވެ. އަބަދު ހުންނަނީ ހާސްކަމުގެ ތެރޭގައެވެ.

މިތަނުގައި (النَّفْسُ الْمُطْمَئِنَّةُ) އޮތް ބަސްފުޅުގެ މުރާދަކީ މުއިމިން ނަފްސެވެ. ދުނިޔެމަތީގައި އެމީހުންވަނީ އީމާންވެގެންނެވެ. އަދި އާޚިރަތުގައި ﷲ ގެ ކޯފާ އާއި ޢަޛާބުން ރައްކާތެރިކަން ލިބިގެންނެވެ.

ބައެއް ސަލަފުން ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ. ”ދުނިޔޭގެ ރަސްރަސްކަލުންނާއި އެމީހުންގެ ދަރިންނަށް އަހަރުމެން މިއުޅެނީ ކިހާބޮޑު ނިޢްމަތެއްގައި ކަން އެނގޭނަމަ، އެމީހުން ކަނޑިން އަހަރުމެންނާއި ހަނގުރާމަ ކުރީހެވެ.“ ޝައްކެތްނެތް ގޮތުގައި ދުނިޔޭގައި އުޅޭ ރަސްރަސްކަލުންނާއި އެމީހުންގެ ދަރިންނަށް ދުނިޔެމަތީގައި ބޭރުފުށަށް ފެންނަން ހުންނަ ހުރިހާ ނިޢްމަތެއް ވާނީ ފުރިހަމަވެފައެވެ. ނަމަވެސް، އެމީހުންގެ ހިތުގެ ހަމަޖެހުމަކީ މުއިމިނުންގެ ހިތުގެ ހަމަޖެހުމާއި އެއްފަދަ ކަމެއް ނޫނެވެ. ލާނެ އެންމެ ހެނދުންގަނޑެއް އޮންނަ، ވާރޭ ހިޔާ ނުވާ ވަރުގެ ޖިފުޓިގަނޑެއްގައި އުޅޭ މުއިމިނުންވެސް ހިތުގެ މުއްސަންދި ކަމުގެ ގޮތުން ތިބެނީ މާކުރީގައެވެ. އެމީހުންގެ ހިތްތައް ވަނީ ﷲ ގެ ނޫރުން އަލިވެފައެވެ. އީމާންކަމުގެ އަލިކަމުން އެމީހުންގެ ހިތްތަކަށް އަލިކޮށްދެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ- ޖަލަށް ލެވި ތަޅުލެވުނު ހިނދުގައި ވިދާޅުވި ބަސްފުޅެއްގައި އޮވެއެވެ. ”އެންމެ ފުރަތަމަވެސް ކިޔަވާ ވިދާޅުވީ ސޫރަތުލް ޙަދީދްގެ 13 ވަނަ އާޔަތެވެ. (فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ ﴿١٣﴾  ) މާނައަކީ: “ ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ رحمة އެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ عذاب އެވެ.“ އަދި ވިދާޅުވިއެވެ. ”ޢަދާވާތްތެރިން އެއުޅެނީ އަހަރެންނާއި މެދު ކިހިނެއް ކަންތައް ކުރާނަމޭ ހިތާ ހެއްޔެވެ؟ އަހަރެންގެ ސުވަރުގެ ވަނީ އަހަރެންގެ ހިތުގައެވެ. އޭގެ މާނައަކީ އީމާންކަމާއި ޢިލްމާއި ޔަގީންކަމެވެ. އަހަރެންގެ ހައްޔަރުވުމަކީ އެކަހެރިވެ ހުރެ ﷲ އަށް އަޅުކަންކޮށްލަން ލިބޭ ފުރުޞަތެކެވެ. ރަށުން ބޭރުކޮށް އަރުވާލެވިއްޖެނަމަ އެއީ ފަތުރުވެރިކަމެކެވެ. އަހަރެން މަރާލައިފިނަމަ ޝަހީދަކަށްވީއެވެ.“  ޔަގީން ކަމަކީ މިއީއެވެ. ހިތްހަމަ ޖެހުމަކީވެސް މިއީއެވެ. ޢާއްމު ގޮތެއްގައި އިންސާނަކު ހައްޔަރު ކުރެވުމާއި އެކު ހިތަށް އަރާނީ ތިމަންނާގެ މުސްތަގްބަލް އޮތީ ކިހިނެއްބާޔޭ؟ އަނބިންނާއި ދަރިންނަށް ވެގެންދާނީ ކިހިނެއްބާޔޭ؟ މިކަހަލަ އެތައް ސުވާލުތަކެކެވެ. ނަމަވެސް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވަނީ ތިމަންނާގެ ސުވަރުގެ ވަނީ ތިމަންނާގެ މޭގައި ކަމަށެވެ. މިބަސްފުޅުން އިޝާރާތް ކުރައްވަނީ ސޫރަތުއް ދުޚާންގެ 56 ވަނަ އާޔަތަށް ކަމަށްވެދާނެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (لَا يَذُوقُونَ فِيهَا الْمَوْتَ إِلَّا الْمَوْتَةَ الْأُولَىٰ ۖ وَوَقَاهُمْ عَذَابَ الْجَحِيمِ ﴿٥٦﴾  ) މާނައަކީ: “ ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذاب ން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ.“ ސުވަރުގެ އަށް ވަނުމަށް ފަހު މަރުވުމެއް ނެތްކަން ޔަގީނެވެ. ނަމަވެސް ހިތުގެ ހަމަޖެހުމުގެ ނިޢްމަތް ދުނިޔެމަތީގައި ލިބިފައި ވުމުން އެނިޢްމަތް އެވަނީ ދުނިޔެ އާއި އާޚިރަތާއި ގުޅުވާލެވިފައެވެ. އެހެންކަމުން، ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ސުވަރުގޭގައި އުޅޭ ކަހަލައެވެ. އަދި ދުނިޔޭގައިވާ މަރުގެ އިތުރުން މަރެއް ނުވެއެވެ.

(رَاضِيَةً ) ﷲ ދެއްވާފައިވާ ނިޢްމަތަކަށް ރުހިގެންވާ ޙާލުގައި

(مَّرْضِيَّةً) ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ ދެކެ ރުހިވޮޑިގެންވާ ހާލުގައި. ސޫރަތުލް މުޖާދަލާގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ) މާނައަކީ: “ اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ.“

(فَادْخُلِي فِي عِبَادِي ﴿٢٩﴾) ތިމަން ﷲ ގެ ޞާލިޙް އަޅުތަކުންގެ ތެރެއަށް ވަންނާށެވެ.  ސަބަބަކީ ޞާލިޙުންނަކީ އެބަޔަކަށް މާތް ﷲ ގެ ނިޢްމަތްތައް ދެއްވި މީހުންނެވެ. އަދި އެއީ މީސްތަކުންގެ ތެރޭގައިވާ އެންމެ މަތީ އަދި އެންމެ މާތް ފަންތީގެ ބަޔެކެވެ.

މީސްތަކުން ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:

  1. އެބަޔަކަށް މާތް ﷲ ގެ މަތިވެރި ނިޢްމަތް ދެއްވާފައިވާ މީހުން. މިއީ ނަބިއްޔުންނާއި ޞިއްދީގުންނާއި ޝަހީދުންނާއި ޞާލިޙުންނެވެ.
  2. އެބަޔެއްގެ މައްޗަށް ކޯފާ ލައްވާފައިވާ މީހުން. އެއީ ޔަހޫދީންނާއި އެނޫންވެސް ޙައްގު އެނގި އެއާއި ޚިލާފަށް ޢަމަލުކޮށް އުޅުމުގެ ސަބަބުން ޔަހޫދީންނާއި އެއްގޮތްވާ މީހުންނެވެ. ސުފްޔާން ބިން ޢުޔައިނާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”އަހަރުމެންގެ ތެރެއިން ފަސާދަވެފައިވާ ޢިލްމުވެރިންނަކީ ޔަހޫދީންނާއި ވައްތަރު ބަޔެކެވެ.“ އެހެނީ އެބައިމީހުންނަށް ޙައްގު އެނގި އެއާއި ދެކޮޅަށް ޢަމަލުކުރާތީވެއެވެ.
  3. ގެއްލެނިވެގެންވާ މީހުން. މިއީ ނަޞާރާއިންގެ ވާހަކައެވެ.

(فَادْخُلِي فِي عِبَادِي ﴿٢٩﴾) ފުރަތަމަ ކެޓަގަރީގެ ތެރޭގައިވާ މީހުންގެ ތެރެއަށް ވަންނާށެވެ.

(وَادْخُلِي جَنَّتِي ﴿٣٠﴾) މާތް ﷲ އެކަލާންގެ ވަލިއްޔުންނަށް ޓަކައި ތައްޔާރުކޮށްދެއްވާފައިވާ ސުވަރުގެ އަށް ވަންނާށެވެ.

ސުވަރުގެ އެކަލާންގެ ޛާތުފުޅަށް އިޟާފާ (ތިމަން ﷲ ގެ ސުވަރުގެ) ކުރައްވާފައި ވުމުގެ ޙިކްމަތަކީ އެތަނުގެ މާތް ކަމާއި މަތިވެރިކަން ބަޔާން ކުރެއްވުމެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޚާއްޞަ ޢިނާޔަތް އެތަނަށް ދެއްވާފައިވާކަން ބަޔާން ކުރެއްވުމެވެ. ދުނިޔޭގައިވާ މޭވާތައް ސުވަރުގޭގައިވެސް ލައްވާފައިވެއެވެ. ނަމަވެސް ސުވަރުގޭގައި ލައްވާފައިވާ މޭވާތަކަކީ އަޅާކިޔޭ ވަރަށް ވުރެ މާމަތިވެ މާތް އެއްޗެކެވެ. ސޫރަތުއް ސަޖްދާގެ 17 ވަނަ އާޔަތުގައިވާ ފަދައިންނެވެ. (فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﴿١٧﴾  ) މާނައަކީ: ”ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“

ވީމާ، ސުވަރުގޭގެ މަތިވެރި ނިޢްމަތްތައް ޙާޞިލު ކުރުމަށް ޓަކައި ގަދައަޅާ މަސައްކަތް ކުރާ ބަޔަކު ކަމުގައި ވާންޖެހެއެވެ. މާތް ﷲ އެކަމުގެ ހެޔޮ ތައުފީގް އަޅަމެންނަށް ދެއްވާށިއެވެ. އާމީން.

[1] إتحاف المهرة » مُسْنَدُ جَابِرِ بْنِ عَتِيكٍ الأَنْصَارِيِّ الأَوْسِيِّ …، رقم الحديث: 6035

ނިމުނީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.