
ފަޖްރު ސޫރަތުގެ ތަފްސީރު (4)ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު، 31 ޑިސެންބަރު 2016 އާ ގުޅޭ
(كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ ﴿١٧﴾ )
( كَلَّا ) އެހެނަކުން ނޫނެވެ. ތިބާ އަށް ދެއްވި އެއްޗެއް ދެއްވާފައިވަނީ ތިބާގެ މާތްކަމަކުން ނުވަތަ މޮޅު ކަމަކުން ނޫނެވެ. ނަމަވެސް، އެއީ ﷲ ގެ ފަޟްލުވަންތަކަމެވެ. އަދި ތިބާ އަށް ރިޒްގު ހަނި ކުރެއްވިނަމަވެސް، އެއީ ތިބާ އާއި މެދުގައި އިހާނެތިކޮށް ހިއްތެވުމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ﷲ ތަޢާލާގެ ޙިކްމަތްވަންތަކަމުން އަދި އެކަލާންގެ ޢަދުލުވެރިކަމުގެ ދަށުން ހިނގައިދިޔަ ކަންތަކެވެ.
(بَل لَّا تُكْرِمُونَ الْيَتِيمَ) ތިޔަބައިމީހުންނަށް ﷲ ތަޢާލާގެ ނިޢްމަތްތައް ދެއްވިނަމަވެސް، އެބަޔަކަށް ހެޔޮކޮށް ހިތަން ޖެހޭ ޔަތީމުންނާއި މެދުގައި އޯގާތެރިކަމެއް ނުބަހައްޓައެވެ.
ޔަތީމުންނަކީ ބާލިޣްވުމުގެ ކުރިން ބައްޕަ ނިޔާވެފައިވާ ކުދިންނެވެ. ޔަތީމުންގެ ތެރޭގައި ޔަތީމު ފަގީރުންނާއި ޔަތީމު ތަނަވަސް ކުދިން ހިމެނެއެވެ. މި އެންމެންނަށްވެސް ހެޔޮކޮށް ހިތަން ޖެހެއެވެ. ސަބަބަކީ އެކުދިން ކުޑައިރު ބައްޕަ ދުނިޔެ އާއި ވަކިވުމުގެ ސަބަބުން ހިތަށް އަޘަރުކޮށްފައިވާ ބަޔަކަށްވާތީވެއެވެ. ޔަތީމުންނަށް ކަމޭ ހިތުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ސޫރަތުލް ބަގަރާ ގެ 220 ވަނަ އާޔަތު ގައި ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْيَتَامَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَانُكُمْ ۚ وَاللَّـهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ۚ وَلَوْ شَاءَ اللَّـهُ لَأَعْنَتَكُمْ ۚ إِنَّ اللَّـهَ عَزِيزٌ حَكِيمٌ). މާނައަކީ: “ އަދި ޔަތީމުންނާއި ބެހޭގޮތުން، ކަލޭގެފާނާއި ސުވާލު ކުރެއްވޭނެތެވެ. ވިދާޅުވާށެވެ. ޔަތީމުންގެ ކަންތައް، އެއުރެންނަށްޓަކައި، އިޞްލާހުކޮށް، ބަލަހައްޓައި، ހިންގައިދިނުމަކީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އަދި ތިޔަބައިމީހުން، އެއުރެންނާއިއެކު، ވިޔަފާރީގެ މުޢާމަލާތުގައި ޙިއްސާދާރުވެ، އެއުރެންގެ މުދަލާއި، ތިޔަބައިމީހުންގެ މުދަލާއި އެއްކޮށްލައިފިނަމަ އެއުރެންނަކީ ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ދަންނާށެވެ. ފަސާދަކުރާމީހާއާއި، ޞުލްޙަމަޞްލަޙަތްތެރިކަން ހިފަހައްޓާމީހާ، ﷲ ފުރިހަމައަށް ދެކެދެނެވޮޑިގަންނަވަތައެވެ. އަދި ވިސްނާށެވެ. ﷲ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން ދަތިއުނދަގުލުގެ ތެރެއަށް ވެއްޓޭނެގޮތް މެދުވެރި ކުރައްވައިފީހެވެ. ހަމަކަށަވަރުން، ﷲ އަކީ، ގަދަކީރިތިވަންތަ، ޙަކީމްވަންތަ އިލާހެވެ“.
ޔަތީމުންނަށް ކަމޭހިތުމަކީ ސުވަރުގޭގައި ކީރިތި ރަސޫލާގެ އަރިހުގައި ވުމުގެ ފުރުޞަތު ލިއްބައިދޭ ކަމެކެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ”ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާމީހާ ސުވަރުގޭގައި ވާހުށީ މިހާ ކައިރީގައެވެ. މިހެން ޙަދީޘް ކުރައްވާ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން އިޝާރާތް ކުރެއްވިއެވެ“.
(وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ ﴿١٨﴾) އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް މިސްކީނުންނަށް ކާންދިނުމަށް ބާރުއަޅަ އެއް ނުހަދައެވެ. އެހެންމީހުންނަށް ބާރުނާޅާ ތަނުގައި އަމިއްލަ ނަފްސަށްވެސް ފަގީރުންނަށް ކާންދީ ނުހަދައެވެ.
މި އާޔަތުން އިޝާރާތް ކުރައްވަނީ ޔަތީމުންނަށް ކަމޭ ހިތަން ޖެހޭނެކަމެވެ. އަދި ފަގީރުންނަށް ކާންދީ، އަދި ކާންދިނުމަށް އެހެން މީހުންނަށްވެސް ބާރުއަޅަން ޖެހޭ ކަމެވެ. ސަބަބަކީ އެބައިމީހުން އެތިބީ ޙާޖަތަށް ޖެހިފައެވެ. އެމީހެއްގެ އަޚާގެ ބޭނުން ފުއްދައި ދިނުމުގައި ހުރިހާ ހިނދަކު ﷲ އެމީހެއްގެ ބޭނުންތައް ފުއްދަވާ ދެއްވުމުގައި ވޮޑިގެންވާ ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا ﴿١٩﴾)
(التُّرَاثَ) އަކީ ވާރުތަ މުދަލުގެ ގޮތުގައި ލިބޭ ތަކެއްޗެވެ. ނުވަތަ މަސައްކަތުން ލިބޭ މުދަލެވެ. މާނައަކީ: މުދަލެއް ލިބިއްޖެނަމަ ވަރުގަދަ އަށް ކައިހަދައެވެ.
(وَتُحِبُّونَ الْمَالَ حُبًّا جَمًّا ﴿٢٠﴾ ) ”އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ.“ މިއީ އިންސާނާގެ ޠަބީޢަތެވެ. ނަމަވެސް، އިންސާނާގެ އީމާންކަން ހުރި މިންވަރަކުން އެފަދަ ކަންކަން މައިތިރިވެދެއެވެ. ކިތަންމެ ބައިވަރު މުދަލެއް ލިބުނަސްވެސް އެކަމަމާ ބޮޑާވުމެއް ނެތި ޝުކުރުވެރިވެއެވެ. އަދި މުދާ ގެއްލިގެން ދިޔަ ނަމަވެސް އެކަމާ ކަންބޮޑުވެ ދެރަވެގެންނެއް ނޫޅެއެވެ.
(كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ﴿٢١﴾) މި އާޔަތްތަކުގައި އިންސާނާ އަށް ހަނދާންކޮށް ދެއްވަނީ ގިޔާމަތް ދުވަހުގެ ވާހަކަތަކެވެ.
(إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ) ބިންގަނޑު ފުނޑުފުނޑުވެ ހަލާކުވެގެން ދެއެވެ. އެއްވެސް ޢިމާރާތެއް ގަހެއް ނުހުންނާނެއެވެ.
(وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ ) “ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޑައިގަންނަވާނެއެވެ. އަދި ملائكة ން ސަފުސަފަށް ވަޑައިގަންނަވާނެތެވެ.“ ﷲ ތަޢާލާ ވަޑައިގަންނަވާ ގޮތަކީ ކޮބައިކަމެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ. ނަމަވެސް އެއީ އިންސާނުން އަންނަ ގޮތާއި ތަފާތު ގޮތެކެވެ. ވީމާ، ﷲ ވަޑައިގަންނަވާނެ ކަމާއި އެއީ ކިހިނެއް ކޮންގޮތަކަށް ކަން ނޭނގޭ ކަމާއި، އެކަމާއި މެދުގައި ސުވާލު ކުރުމެއް ނެތް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
(وَالْمَلَكُ ) أل އިނުމުން ދޭހަވަނީ ހުރިހާ މަލާއިކަތުން ކަމެވެ. ހުރިހާ މަލާއިކަތް ބޭކަލުން ބިމަށް ފައިބައި ވަޑައިގެން މަޚްލޫގުންތައް ވަށާލައްވާނެއެވެ. އެހިނދު އެއްވެސް މަޚްލޫގަކަށް ފިލަން ދުއްވައެއް ނުގަނެވޭނެއެވެ. އެއީ ﷲގެ މަތިވެރިކަން ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. އަދި ގިޔާމަތްދުވަހުގެ ބިރުވެރިކަން ބަޔާންކޮށްދެއްވުމަށްޓަކައެވެ. މިދުވަހަކީ ހެކިވަނިވި ދުވަހެކެވެ. މަލާއިކަތުންނާއި ޖިންނީންނާއި އިންސީން އަދި ޖަނަވާރުތައް ހެކިބަސްދޭ ދުވަހެވެ. އެދުވަހުގެ ބޮޑުކަމާއި މަތިވެރި ކަމަކީ މިއަދު އަޅުގަޑުމެންނަށް ތަޞައްވުރު ކުރެވޭވަރުގެ ކަމެއް ނޫނެވެ.
(وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ﴿٢٣﴾ ) ”އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ. އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟“
(وَجِيءَ ) މިތަނުގައި މިވަނީ ނަރަކަ ގެނެވޭނެ ވާހަކަ އެވެ. ނަމަވެސް، ނަރަކަ ގެންނަވަނީ ކޮން ފަރާތަކުން ކަމެއް މި އާޔަތުގައި ހާމަކުރައްވާފައެއް ނުވެއެވެ. މިކަމުގެ ތަފްޞީލު ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يُؤْتَى بِجَهَنَّمَ يَوْمَ الْقِيَامَةِ تُجَرُّ بِسَبْعِينَ أَلْفِ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ ) މާނައަކީ: ”ގިޔާމަތްދުވަހުގައި ހަތްދިހަ ވާގަނޑު ޖަހާފައި ނަރަކަ ދަމާފައި ގެނެވޭނެއެވެ. ކޮންމެ ވާގަނޑެއްގައި ހިއްޕަވައިގެން ހަތްދިހަ ހާސް މަލާއިކަތް ބޭކަލުން ތިއްބަވާނެއެވެ.“ އެމަލާއިކަތުންގެ ބާރުގަދަ ކަމަކީ އިންސާނުން ނުވަތަ ޖިންނީންގެ ބާރާއި އަޅާ ކިޔޭނެ ކަންތަކެއް ނޫނެވެ. މިނަރަކަ ދުރުން ފެންނަ ހިނދުގައި ކަންހިނގައިދާނެ ގޮތް ބަޔާން ކުރައްވާ ސޫރަތުލް ފުރްގާންގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِذَا رَأَتْهُم مِّن مَّكَانٍ بَعِيدٍ سَمِعُوا لَهَا تَغَيُّظًا وَزَفِيرًا ﴿١٢﴾ ) މާނައަކީ: ”ދުރުހިސާބަކުން އެ ނަރަކަޔަށް އެއުރެން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެއުރެންނަށް އިވޭނެތެވެ.“ އެބައިމީހުން ނަރަކަ އަށް އެއްލައިލެވޭ ހިނދު ކަންހިނގާނެ ގޮތް ބަޔާން ކުރައްވާ ސޫރަތުލް މުލްކިގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ ﴿٨﴾ ) މާނައަކީ: ”އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (كافر ންގެ) فوج އެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟“
މިތަނުގައި މިވަނީ ތިންކަމަކުން އިންޛާރު ދެއްވާފައެވެ. އެއީ:
- ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ ޛާތުފުޅަށް ލާއިގުވާ ގޮތެއްގެ މަތިން ވަޑައިގަތުން.
- މަލާއިކަތް ބޭކަލުން ޞަފުޞަފަށް ވަޑައިގަތުން.
ނަރަކަ ގެނެވުން.
(يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ الذِّكْرَىٰ ) މިކަންކަން ހިނގައިދިޔުމުން (ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ ޛާތުފުޅަށް ލާއިގުވާ ގޮތެއްގެ މަތިން ވަޑައިގަތުން، މަލާއިކަތް ބޭކަލުން ޞަފުޞަފަށް ވަޑައިގަތުން، ނަރަކަ ގާތް ކުރެއްވުން)، މިކަންކަން ހިނގާ ދިޔުމާއިއެކު އިންސާނާ ގިޔާމަތް ދުވަސްމަތިން ހަނދާންވެގެން ދެއެވެ. އަދި އެދުވަސް އަންނާނެ ކަމުގެ އިންޛާރު ދެވިފައިވާކަންވެސް ހަނދާންވެގެން ދެއެވެ. އެދުވަހުގެ ބިރުވެރިކަމުގެ ޚަބަރުތައް ރަސޫލުބޭކަލުން ދެއްވާފައިވާކަންވެސް ހަދނާންވެއެވެ. ނަމަވެސް، އެދުވަހު އެކަން ހަނދާންވުމަކުން ކުރާނެ ފައިދާ އެއް ނެތެވެ. ވަގުތުވަނީ ފާއިތުވެފައެވެ. ޢަޛާބު ފެނުމުން އީމާންވުމަކުން ފައިދާ އެއް ނުކުރާނެއެވެ. ފައިދާ ކުރާނީ ޢަޛާބު ނުފެނި އީމާންވުމުންނެވެ. ﷲ އަށް ތަގްވާވެރިވީ މީހުންގެ ޞިފަތައް ބަޔާންކުރައްވަމުން ސޫރަތުލް ބަގަރާގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (الَّذِينَ يُؤْمِنُونَ بِالْغَيْبِ ) މާނައަކީ: ”އެބައިމީހުންނަކީ ލޮލަށް ނުފެންނަ ޣައިބުގައިވާ ކަންތަކަށް އީމާންވާ މީހުންނެވެ.“
(يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ﴿٢٤﴾)” އެދުވަހުން އޭނާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ آخرة ގެ حياة އަށްޓަކައި (ހެޔޮ) عمل އެއް އިސްކުޅަނަމަ، ކިހާރަނގަޅުވީސް ހެއްޔެވެ؟“



