ޚަބަރު ފީތާ

ފަޖްރު ސޫރަތުގެ ތަފްސީރު (2)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު، 29 ޑިސެންބަރު 2016 އާ ގުޅޭ

(إِرَمَ ذَاتِ الْعِمَادِ ﴿٧﴾  )

(إِرَمَ) އަކީ މީހަކަށް ކިޔޭ ނަމެކެވެ. އެއީ އިރަމް ބިން ސާމް ބިން ނޫޙް ޢަލައިހިއްސަލާމް އެވެ. ޢާދު ބާގައިގެ މީހުންނަށް ވެސް ”އިރަމް“ އޭ ކިޔެއެވެ. އެއީ ޢާދު ބިން ޢާޞިމް ބިން އިރަމް އަށް ނިސްބްތްކޮށެވެ.

ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުގައި: ”އިރަމް“ އަކީ ޢާދު ބާގައިގެ މީހުން ޔަމަނުގައި ބިނާކޮށްފައިވާ ބޮޑު ރަށަކަށް ކިޔޭ ނަމެކެވެ.

(ذَاتِ الْعِمَادِ ) ވަރުގަދަ ބިނާތަކެއް.

(الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾  ) އެފަދަ އެހެން ބިނާއެއް ގައުމުގައި ބިނާކުރެވިފައިނުވާ ފަދަ ވަރުގަދަ ބިނާތަކެއް ބިނާކުރިއެވެ. އެކަމަށްޓަކައި ފަޚުވެރިވެ އެބައިމީހުން ބުންޏެވެ. (مَنْ أَشَدُّ مِنَّا قُوَّةً ) ”ތިމަންމެންނަށް ވުރެ ބާރުގަދައީ ކާކު ހެއްޔެވެ؟“ އެބައިމީހުންނަށް ރައްދު ދެއްވާ ސޫރަތު ފުއްޞިލަތްގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (أَوَلَمْ يَرَوْا أَنَّ اللَّـهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً  ) “ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟“

(الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾) މި އާޔަތުގައި އެބައިމީހުންނަށް ނިސްބަތްކޮށް ”ޚަލްގު“ ނުވަތަ ”އުފެއްދުން“ މި ޞިފަވަނީ ދެއްވާފައެވެ. މިއިން ދޭހަވަނީ އާދަމުގެ ދަރިޔަކަށް ނިސްބަތްކޮށްވެސް ”ޚަލްގު“ ނުވަތަ ”އުފެއްދުން“ ކިޔިދާނެކަމެވެ. އެހެންކަމުން، އޭނާ އަކީ މިވެނި އެއްޗެއް އުފެއްދި މީހާ އޭ ބުނެވިދާނެއެވެ.  ބުދު ހަދާ މީހުންނަށް ގިޔާމަތް ދުވަހު ލިބޭ ޢަޛާބުގެ ވާހަކަ ބަޔާން ކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الَّذِينَ يَصْنَعُونَ الصُّوَرَ يُعَذَّبُونَ يَوْمَ الْقِيَامَةِ ، وَيُقَالُ : أَحْيُوا مَا خَلَقْتُمْ  )[1]  މާނައަކީ: ”ޞޫރަ ހަދާ އުޅޭ މީހުންނަށް ގިޔާމަތް ދުވަހުގައި ޢާޛާބު ދެއްވާނެއެވެ. އަދި އެބައިމީހުންނަށް ބުނެވޭނެއެވެ. ”ތިޔަބައިމީހުން އުފެއްދި ތަކެތި ދިރުވާށެވެ.“

މި ޙަދީޘްގައި ”ތިޔަބައިމީހުން އުފެއްދި ތަކެތި“ އޮތުމުން އާދަމުގެ ދަރިންނަށް ”އުފެއްދުން“ މިޞިފަ ނިސްބްތްކޮށްފައިވެއެވެ.

ނަމަވެސް، މަޚްލޫގުންނަށް ނިސްބަތްކުރެވޭ ”އުފެއްދުން“ މި ޞިފައަކީ ﷲ ސުބްޙާނަޙު ވަތަޢާލާ އަށް ނިސްބްތްކޮށް ބުނެވޭ ”އުފެއްދުން“ މި ޞިފަ އާއި ވަރަށް ތަފާތު އެއްޗެކެވެ. އެއްޗެތި ނެތުމުގެ ތެރެއިން އުފައްދަވަނީ ﷲ އެވެ. އަދި ނެތިދިޔުމަށްފަހުގައިވެސް އުފައްދަވަނީ ﷲ އެވެ. ނަމަވެސް މަޚްލޫގުން އުފައްދާ އުފެއްދުމަކީ އެއްޗަކަށް ބަދަލުގެނައުމެވެ. މިޘާލަކަށް ބުނާނަމަ: ޢިމާރާތެއްގެ ދޮރު ހެދިފައި ހުންނަނީ ލަކުޑިންނެވެ. އެލަކުޑި އުފެއްދެވީ ﷲއެވެ. އެއްވެސް އާދަމުގެ ދަރިޔަކަށް ލަކުޑި އުފެއްދުމުގެ ކުޅަދާނަކަން ލިބިގެނެއް ނުވެއެވެ. ނަމަވެސް، އެލަކުޑިން ދޮރާއި، ގޮނޑިޔާއި، މޭޒާއި އަދި އެނޫންވެސް ތަކެތި އުފެއްދުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބިގެންވެއެވެ. އެހެންކަމުން، ﷲ އަށް ނިސްބަތްކޮށް ބުނެވޭ ”ޚަލްގު“ އާއި އާދަމުގެ ދަރިޔަކަށް ނިސްބަތްކޮށް ބުނެވޭ ”ޚަލްގު“ އާއި ވަރަށް ތަފާތެވެ. އާދަމުގެ ދަރިންނަށް ކުރެވޭ ކަމަކީ އެއްޗެއްގެ ޞިފަ ބަދަލު ކުރުމެވެ. ނަމަވެސް އެއްޗެއްގެ ޛާތަށް ބަދަލެއް ނުގެނެވޭނެއެވެ. މިޘާލަކަށް ރަން ރިއްސަކަށް ނުހެދޭނެއެވެ. އަދި ރިހި ދަގަނޑަކަށްވެސް ނުހެދޭނެއެވެ. އެފަދަކަންތައް ކުރުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ.

(وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾)

(ثَمُودَ) އަކީ ޞާލިޙް ޢަލައިހިއްސަލާމްގެ ގައުމުގެ މީހުންނެވެ. އެބައިމީހުންނާއި ބެހޭ ގޮތުން ސޫރަތުލް ޙިޖްރިގެ 80 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ كَذَّبَ أَصْحَابُ الْحِجْرِ الْمُرْسَلِينَ ﴿٨٠﴾  ) މާނައަކީ: ”ހަމަކަށަވަރުން، حِجْر ގެ أهل ވެރިން (އެބަހީ: ثمود ބާގައިމީހުން) رسول ން ދޮގުކުޅައޫއެވެ.“

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކަށް ވަޑައިގެންނެވި މަގުމަތީގައި މިރަށް ކައިރިން ހުރަސްކުރެއްވިއެވެ. އަދި އެކަލޭގެފާނު އިސްޖައްސަވައިގެން ހުންނަވާ އަވަސް އަވަހަށް ހުރަސް ކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. (لَا تَدْخُلُوا عَلَى هَؤُلَاءِ الْمُعَذَّبِينَ إِلَّا أَنْ تَكُونُوا بَاكِينَ ، فَإِنْ لَمْ تَكُونُوا بَاكِينَ فَلَا تَدْخُلُوا عَلَيْهِمْ ، لَا يُصِيبُكُمْ مَا أَصَابَهُمْ  )[2] މާނައަކީ: ”ތިޔަބައިމީހުން ރޮމުން މެނުވީ ޢަޛާބު ދެއްވިފައިވާ ރަށްރަށަށް ނުވަންނަ ހުށިކަމެވެ. ނުރޮވޭ ކަމަށްވަނީނަމަ އެރަށް ރަށަށް ނުވަންނާށެވެ. ނޫންނަމަ އެބައިމީހުންނަށް ޖެހުނު ފަދަ ކަމެއް ތިޔަބައިމީހުންނަށްވެސް ޖެހިދާނެއެވެ.“ މިގޮތަށް ޙަދީޘް ކުރެއްވި ސަބަބަކީ އިންސާނުންގެ ތެރެއިން އެއްވެސް މީހަކީ ފާފަކުރުމުން ސަލާމަތްވެފައިވާ ބަޔަކަށް ނުވާތީވެއެވެ. ނޫންނަމަ މި ޙަދީޘްގެ މުރާދަކީ ”ތިޔަބައިމީހުންގެ ތެރޭގައި ތިބި މުނާފިގުންނަށް ހަލާކު ކުރެއްވި ގައުމު ތަކުގެ މީހުންނަށް ޖެހުނު ފަދަކަމެއް ޖެހިދާނެއެވެ“ މިއެވެ. ނަމަވެސް، ވަކި މުނާފިގުން ޚާއްޞަ ނުކުރައްވާ ޢާއްމު ކޮށް މި ޙަދީޘް ކުރެއްވުމުގެ ބޭނުމަކީ މުނާފިގުން ފަޟީޙަތް ނުކުރެއްވުމެވެ.

ޘަމޫދު ބާގައިގެ މީހުންނަކީ އެބައިމީހުންނަށް ވަރަށް ގިނަ ބާރުތަކެއް މާތް ﷲ ދެއްވާފައިވާ ބަޔެކެވެ. އެގޮތުން ފަރުބަދަތަކުން ކަނޑާކޮށައިގެން ގެހަދާ އުޅުނެވެ. އަދި ހަމަބިންތަކުގައިވެސް ގެހަދާ އުޅުނެވެ. ނަމަވެސް، މާތް ﷲ ގެ ކޯފާ އާއި ޢަޛާބު އެބައިމީހުންނާއި ހަމައަށް އައިސް އެބައިމީހުން ހަލާކުވެގެން ދިޔައީއެވެ. އެބައިމީހުންނަށް ބުނެވުނު ކަމުގައި ސޫރަތު ހޫދުގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (تَمَتَّعُوا فِي دَارِكُمْ ثَلَاثَةَ أَيَّامٍ  ) މާނައަކީ: ”ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ!“ ދެން އެބައިމީހުން ހަލާކު ކުރެއްވި ގޮތް ބަޔާން ކުރައްވާ ސޫރަތުލް އަޢްރާފްގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ ﴿٧٨﴾ ) މާނައަކީ: ”ދެންފަހެ، ބިރުވެރި ބިންހެލުމެއް އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި، ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ.“  ސޫރަތުލް މުއިމިނޫންގެ 41 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَأَخَذَتْهُمُ الصَّيْحَةُ بِالْحَقِّ فَجَعَلْنَاهُمْ غُثَاءً ۚ فَبُعْدًا لِّلْقَوْمِ الظَّالِمِينَ ﴿٤١﴾ ) މާނައަކީ: ”ފަހެ، حق ގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ“

ވީމާ، މިކަންތައްތަކުން އަޅުގަޑުމެން ޢިބްރަތް ޙާޞިލުކުރަން ޖެހެއެވެ. މިގަދަފަދަ މީހުންގެ ނިމުން އައި ގޮތާއި މެދުގައި ވިސްނާފިކުރު ކުރަން ޖެހެއެވެ. ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކު ކުރެއްވުމަށް ޓަކައި އެބައިމީހުންގެ މައްޗަށް ޢާއްމުވާ ފަދަ ކޯފާ އެއް އުޑުން ބާވާލެއްވިނަމަވެސް މިއުއްމަތުގެ މީހުންގެ މައްޗަށް އެފަދަ ކޯފާ އެއް ބާވާ ނުލައްވާނެއެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެފަދަ ކަންތައްތަކުން މިއުއްމަތް ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ. ވީމާ، އެންމެންގެ މައްޗަށް ޝާމިލުވާ ފަދަ ކޯފާ އެއް އުޑުން ބާވާނުލެއްވިނަމަވެސް، މިއުއްމަތުގެ މީހުން ހަލާކުވާނީ އެބައިމީހުންގެ މެދުގައި އުފެދޭ މައްސަލަތަކުގެ ސަބަބުންނެވެ. އެބައިމީހުންގެ މެދުގައި ހަނގުރާމަކޮށް ތަޅާ ފޮޅާ ހެދުމުގެ ސަބަބުންނެވެ. އެބައިމީހުން ހަލާކުވާނީ އެއްބަޔަކު އަނެއްބަޔެއްގެ އަތް މައްޗަށެވެ. އުޑުން ކޯފާ އެއް އައިސްގެންނެއް ނޫނެވެ. އެހެންކަމުން، އެންމެހައި ފިތުނަ ތަކުން ސަލާމަތްވާން ޖެހެއެވެ. އަދި ފިތުނަ އުފައްދަން އުޅޭ މީހުންގެ ކިބައިންވެސް ދުރުހެލިވެ ސަލާމަތްވާން ޖެހެއެވެ. އަދި ފިތުނަ ފަސާދަ އުފެދިދާނެ އެންމެހައި ކަންތައްތަކުން ވެސް ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. މިފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރު ކުރައްވާފައެވެ.

(وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾)

(فِرْعَوْنَ) ފިރްޢައުނަކީ އެމީހެއްގެ ގާތަށް މޫސާ ޢަލައިހިއްސަލާމް ފޮނުއްވުނު މީހާއެވެ. އޭނާ ވަނީ މިޞްރުގެ ރަޢްޔިތުން އަޅުވެތިކޮށް ނިކަމެތިކޮށްފައެވެ. އަދި ފިރިހެންދަރިން މަރާ، އަންހެން ދަރިން ދޫކޮށްލިއެވެ. އޭނާ ކުރަމުންގެންދިޔަކަންތަކުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތުލް ގަޞަޞްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ ﴿٤﴾  ) މާނައަކީ: ”ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.“ ނަމަވެސް، ﷲ ގެ ކުޅަދުންވަންތަކަން މާބޮޑެވެ. އެގޮތުން އެފަރާތެއްގެ ސަބަބުން ފިރްޢައުނުގެ ހަލާކު އައި ފަރާތް ކަމުގައިވާ މޫސާ ޢަލައިހިއްސަލާމް ބޮޑުފުޅުވެ ތަރްބިއްޔަތުވެލެއްވީ ފިރްޢައުނުގެ ގަނޑުވަރުގެ ތެރޭގައެވެ. އެހެނީ ފިރްޢައުނުގެ އަނބިކަނބަލުން މޫސާ ޢަލައިހިއްސަލާމް ހޮވައިގެން ގެނެސް ގަނޑުވަރުގައި ބަލާބޮޑުކޮށް ހެދިއެވެ. އެކަން ހިނގާދިޔަ ގޮތުގެ ތަފްޞީލު ސޫރަތުލް ގަޞަޞްގެ 7 އިން 9 އަށް ބަޔާން ކުރައްވާފައިވެއެވެ. (وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ ﴿٧﴾ فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ ﴿٨﴾ وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ ﴿٩﴾ ) މާނައަކީ: ”އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ. ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ. އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.“

ފިރްޢައުނަކީ އެޒަމާނުގައި މިޞްރުގެ ރަސްގެފާނެވެ. އޭނާގެ ގައުމުގެ މީހުންގެ ގާތުގައި އޭނާ ބުނަމުން ގެންދިޔައީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހަކީ އޭނާ ކަމަށެވެ. އަދި އޭނާ ނޫން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ ކަމަށެވެ. ސޫރަތު އަލްގަޞަޞުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَقَالَ فِرْ‌عَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِ‌ي  ) މާނައަކީ: “ فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ.“

ފިރްޢައުނުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ޝުޢަރާގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (قَالَ إِنَّ رَ‌سُولَكُمُ الَّذِي أُرْ‌سِلَ إِلَيْكُمْ لَمَجْنُونٌ ﴿٢٧﴾   ) މާނައަކީ: ”ފިރްޢައުނު ބުންޏެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ތިޔަބައިމީހުންގެ رسول އަކީ، މޮޔައެއްކަން ކަށަވަރެވެ.“

އަދިވެސް އޭނާގެ ވާހަކަތައް ބަޔާން ކުރައްވާ ސޫރަތުއް ނާޒިޢާތުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَقَالَ أَنَا رَ‌بُّكُمُ الْأَعْلَىٰ ﴿٢٤﴾  )   ފިރްޢައުނު އޭނާގެ ގައުމުގެ މީހުންނަށް ގޮވިއެވެ. އަހަންނަކީ ތިޔަބައިމީހުންގެ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަހްނަނަށް ވުރެ މަތިވެރި އެހެން ފަރާތެއް ނުވެއެވެ. އަދި އޭނާގެ ބާރުގެ ދަށުގައިވާ ކޯރުތަކާއި ތަނަވަސް ވެގެންވާ މިލްކިއްޔާތުގެ ސަބަބުން ބޮޑާވެގަތެވެ. އޭނާބުނި ކަމަށް ސޫރަތުލް ޒުޚްރުފްގެ 51 އަދި 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَنَادَىٰ فِرْ‌عَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ‌ وَهَـٰذِهِ الْأَنْهَارُ‌ تَجْرِ‌ي مِن تَحْتِي ۖ أَفَلَا تُبْصِرُ‌ونَ ﴿٥١﴾ أَمْ أَنَا خَيْرٌ‌ مِّنْ هَـٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ ﴿٥٢﴾  )   މާނައަކީ: ”އަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށްވުރެ (އެބަހީ: موسى ގެފާނަށްވުރެ) ތިމަން މާމޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.“   ނަމަވެސް އާޚިރު ނަތީޖާ އަކަށްވީ އޭނާ އެފަޚުރުވެރި ވަމުންގެންދިޔަ ކޯރުތަކުގެ ފެންގަނޑުގެ ތެރޭގައި އޭނާ ﷲ އޭނާ ޣަރަގު ކުރެއްވިއެވެ. އަދި އޭނާ ނިކަމެތިކޮށްގެން އުޅުނު މިޞްރުގެ ރަޢްޔިތުންނަށް މިޞްރުގެ ވެރިކަން ﷲ ދެއްވިއެވެ.

(ذِي الْأَوْتَادِ  ) މާނައަކީ: ބާރުގަދަ މީހާއެވެ.

”އައުތާދް“ އަކީ ”ވަތަދް“ ގެ ޖަމްޢު އެވެ. އެއީ ބިންގަނޑު ހަރުލެއްވުމަށް ޓަކައި އަބުތަކެއްގެ ގޮތުގައި ޖައްސަވާފައިވާ ފަރުބަދަތަކެވެ. ފިރްޢައުނުގެ ސިފައިންނަކީ އޭނާގެ ބާރުހިފެހެއްޓުމުގެ ގޮތުން އެފަދަ ބަޔެކެވެ.

ނުނިމޭ…

[1]  إتحاف المهرة » مُسْنَدُ جَابِرِ بْنِ عَتِيكٍ الأَنْصَارِيِّ الأَوْسِيِّ …  رقم الحديث 10459

[2]  صحيح البخاري » كِتَاب الصَّلَاةِ » أَبْوَابُ اسْتِقْبَالِ الْقِبْلَةِ » بَاب الصَّلَاةِ فِي مَوَاضِعِ الْخَسْفِ وَالْعَذَابِ … رقم الحديث: 418

Rate this post