(وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾) ފަޖްރުގެ ވަގުތާއި، ޙައްޖުމަހުގެ ފުރަތަމަދިހަރެޔާއި، ހިރިތަކެއްޗާއި އޮނަހިރިތަކެތި، އަދި ރޭގަނޑު ގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.
ފަޖްރުގެ ވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވުމުގެ ބޭނުމަކީ އެއީ ދުވާލުގެ ކުރީކޮޅު ކަމަށްވާތީވެއެވެ. އަދި ރޭގަނޑުގެ އަނދިރިކަމުން ދުވާލުގެ އަލިކަމަށް ބަދަލުކޮށްދޭ ވަގުތު ކަމަށްވާތީވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވާ އެހެން ފަރާތަކަށް ފަޖްރުގެ ވަގުތު ގެނައުމުގެ ކުޅަދާނަކަން ލިބިގެންނުވާތީވެއެވެ. ސޫރަތުލް ގަޞަޞްގެ 71، 72 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ أَرَأَيْتُمْ إِن جَعَلَ اللَّـهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَـٰهٌ غَيْرُ اللَّـهِ يَأْتِيكُم بِضِيَاءٍ ۖ أَفَلَا تَسْمَعُونَ ﴿٧١﴾ قُلْ أَرَأَيْتُمْ إِن جَعَلَ اللَّـهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَـٰهٌ غَيْرُ اللَّـهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ ﴿٧٢﴾ ) މާނައަކީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިީހުންނަށް ނީވެނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟“
ފަޖްރުގެ ވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވާ ޙިކްމަތްތަކުގެ ތެރޭގައި އެވަގުތެއްގެ މައްޗަށް ޝަރްޢީ އެތައް ޙުކުމްތަކެއް ގުޅިފައިވުން ހިމެނެއެވެ. މިޘާލަކަށް: ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތަކުން ދުރުހެލިވާން ޖެހެނީ ފަޖްރުގެ ވަގުތުން ފެށިގެންނެވެ. ހަމައެއާއި އެކު ފަތިސް ނަމާދު ވަގުތު ވަންނަނީވެސް ފަޖްރުގެ ވަގުތު ވުމުންނެވެ.
(وَلَيَالٍ عَشْرٍ ﴿٢﴾ ދިހަރެޔޭ ވަޙީ ކުރައްވާފައި އޮތް ބަސްފުޅުގެ މުރާދެއް ކަމުގައި އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
އަދި އެއީ ރަމަޟާންމަހުގެ ފަހު ދިހަ ކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ކޮންމެ އަކަސް މިއީ މާތްވެގެންވާ ދުވަސްތަކެއް ކަމަށްވާތީވެ މިދުވަސްތައް ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވަނީއެވެ.
(وَالشَّفْعِ وَالْوَتْرِ ﴿٣﴾ މި އާޔަތުގެ މުރާދަކީ އެންމެހައި ޚަލްގުތަކުން ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނުވަތަ ހިރިއާއި އޮނަހިރި ޢަދަދުން ޝަރްޢު ކުރައްވާފައިވާ އަޅުކަންތަކެވެ.
”ޝަފްޢު“ ގެ މުރާދަކީ ހުރިހާ މަޚްލޫގުން ކަމަށާއި، އަދި ”ވަތްރު“ ގެ މުރާދަކީ ﷲ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
(الْوَتْرِ ) މި ކަލިމާގައި ދެ ގިރާއަތެއްވޭ. އެއީ ”ވާވް“ ގައި އިބިފިލި ޖަހައިގެންނާއި އަބަފިލި ޖަހައިގެން. މި ދެގިރާއަތަކީވެސް ޞައްޙަ ދެގިރާއަތް.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ”ޝަފްޢު“ ގެ މުރާދަކީ އެންމެހައި މަޚްލޫގުންނެވެ. ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެހައި މަޚްލޫގުން ހައްދަވާފައިވަނީ ޖޯޑުޖޯޑަށް ކަމަށްވާތީވެއެވެ. ސޫރަތުއް ޛާރިޔާތުގެ 49 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ﴿٤٩﴾ މާނައަކީ: ”ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.“
އަދި ”ވަތްރު“ ގެ މުރާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِنَّ اللَّهَ وِتْرٌ يُحِبُّ الْوِتْرَ)[1] މާނައަކީ: ”ހަމަކަށަވަރުން ﷲ ސުބްޙާނަޙޫ ވަތަޢާލާ އަކީ ވިތްރު އެވެ. އެކަލާންގެ ވިތުރި އަށް ލޯބިކުރައްވައެވެ.“
(وَاللَّيْلِ إِذَا يَسْرِ) ރޭގަނޑުގެ ވަގުތު ވޭތުވާ ހިނދު ނުވަތަ ދަތުރުކުރާ ހިނދު. ރޭގަނޑުގެ ވަގުތު ދަތުރުކުރާ ގޮތަކީ ރޭގަނޑު ފެށެނީ އިރު އޮއްސުމުންނެވެ. އަދި ނިމެނީ ފަޖްރު ލުމުންނެވެ. އަބަދުވެސް އެވަގުތު ހުންނާނީ ދަތުރުކޮށްލަ ކޮށްލައެވެ.
މިވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވާ ސަބަބަކީ މިއީ އަޅުކަމުގެ ވަގުތު ކަމަށްވާތީވެއެވެ. އެހެނީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި އަދި ދަމު ނަމާދާއި ވިތުރީގެ ވަގުތަކީވެސް މިއީއެވެ. ހަމައެފަދައިން ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى سَمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ , فَيَقُولُ : مَنْ يَدْعُونِي فَأَسْتَجِيبَ لَهُ , مَنْ يَسْأَلُنِي فَأُعْطيَهُ , مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)[2] މާނައަކީ: ”ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްފައިބައިވަޑައިގަންނަވައެވެ. އަދި ދަންނަވައެވެ.ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ؟ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާ ހުށީމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސަވައިދެއްވުން އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހެއްގެ ފާފަ ފުއްސަވާދެއްވާ ހުށީމެވެ“.
ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. (فِي اللَّيْلِ سَاعَةٌ لا يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ اللَّهَ خَيْرًا مِنَ الدُّنْيَا وَالآخِرَةِ ، إِلا أَعْطَاهُ إِيَّاهُ )[3] މާނައަކީ: ”ރޭގަނޑުގައި ވަގުތެއްވެ އެވެ. އެވަގުތެއްގައި ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި މުސްލިމަކު ދުޢާކޮށްފިނަމަ މާތް ﷲ އެދުޢާ އެއް އިޖާބަ ކޮށްދެއްވާނެއެވެ.“
އަދިވެސް ރިވާވެގެންވެއެވެ. (أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الْآخِرِ ، فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللَّهَ فِي تِلْكَ السَّاعَةِ فَكُنْ) މާނައަކީ: “ ﷲ އާއި އަޅާ އެންމެބޮޑަށް ކުއްތަންވެވޭނީ ރޭގަނޑުގެ އެންމެފަހު ދަމަށް އެޅުމުންނެވެ. އެގަޑީގައި މާތް ﷲ ޛިކުރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަންކުރާހުށިކަމެވެ.“
އެހެންކަމުން، މިރަނުގެ ފުރުޞަތުގެ ބޭނުން ހިފުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ.
(هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾ “ ބުއްދީގެ ވެރިޔަކަށް އެކަންކަމުގައި (ފުދޭވަރުގެ) ހުވަޔެއް ވާކަން ކަށަވަރެވެ.“
(أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ ހުރިހާ އިންސީންނާއި ޖިންނީންނަށެވެ.
“ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عاد ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟ އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ.“
”ޢާދު“ އަކީ ޖަޒީރަތުލް ޢަރަބްގެ ދެކުނުން އޮންނަ ގަބީލާ އަކަށް ކިޔޭ ނަމެކެވެ. މާތް ﷲ ގެ ރިސާލަތައިގެން އެމީހުންގެ ގާތަށް ހޫދު ޢަލައިހިއްސަލާމް ފޮނުއްވުނެވެ. އެމީހުންކަންތައް ކުރި ގޮތާއި އަދި އެބައިމީހުންގެ މައްޗަށް މާތް ﷲ ފޮނުއްވި ކޯފާ އާއި ޢަޛާބުގެ ވާހަކަ ބަޔާން ކުރައްވާ ސޫރަތު ފުއްޞިލަތްގެ 15 އަދި 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّـهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ ﴿١٥﴾ فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ ﴿١٦﴾ މާނައަކީ: “ ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ސުންޕާދުވަސްތަކެއްގައި، ގަދަ އަޑާއި، ގަދަ ފިނީގެ ވަޔެއް ފޮނުއްވީމެވެ. ދުނިޔޭގެ حياة ގައި ނިކަމެތިކަމުގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްކެވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب ގެ ނިކަމެތިކަން މާބޮޑެވެ. އަދި އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ.“
ސޫރަތުލް ޙާއްގާގެ 4 އިން 8 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ ﴿٦﴾ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ﴿٧﴾ فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ ﴿٨﴾ މާނައަކީ: ”އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ. އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ. ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެވެ؟“
”ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عاد ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާތޯއެވެ؟“ މިފަދައިން ސުވާލު ކުރައްވާފައިވުމުގެ ބޭނުމަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ކަންތައްތަކާއި މެދު ދޮގުކޮށް ޝައްކުކޮށް އުޅުނު މީހުންނަށް ޢިބްރަތްތެރި ވާހަކަ އެއް ކިޔައި ދެއްވުމެވެ. އެބައިމީހުންނަށް ބުނެވޭ ކަހަލައެވެ. ޢާދު ބައިގައިގެ މީހުންނާއި މެދުގައި ކަން ހިނގާފައިވާ ގޮތުން ތިޔަބައިމީހުން ޢިބްރަތް ޙާޞިލް ކުރާށެވެ. ޢާދު ބައިގައިގެ މީހުންނަށް ޖެހުނު ކަންތައްތަކުން ތިޔަބައިމީހުން ފިލާވަޅު ލިބިގަންނާށެވެ. ﷲގެ ކޯފާ އާއި ޢަޛާބުވަނީ އަނިޔާވެރިންނާއި މާދުރުގައި ނޫންކަން ބަޔާން ކުރައްވާ ސޫރަތު ހޫދުގެ 83 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ﴿٨٣﴾ ) މާނައަކީ: ”އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.“
ނުނިމޭ…..
[1] مصنف ابن أبي شيبة » كِتَابُ الطَّهَارَاتِ » ما ذُكِرَ فِي السِّوَاكِ، رقم الحديث: 1747
[2] صحيح البخاري، رقم الحديث: 5875
[3] صحيح ابن حبان » كِتَابُ الصَّلاةِ » فَصْلٌ فِي قِيَامِ اللَّيْلِ » ذِكْرُ اسْتِحْبَابِ الإِكْثَارِ مِنْ صَلاةِ اللَّيْلِ … ، رقم الحديث: 2626