ޚަބަރު ފީތާ

ގްލޯބް ސޮކާއިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ރޮނާލްޑޯއަށް ލިބިއްޖެ

ގްލޯބް ސޮކާއިން މިއަހަރު ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ޕޯޗުގަލްއާއި ރެއާލް މެޑްރިޑްގެ ތަރި  ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

މިއީ ރޮނާލްޑޯ  ގްލޯބް ސޮކާއިން ހޮވި އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދި ހަތަރުވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ މި އެވޯޑު ހޯދީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ވާދަކޮށެވެ. އެ ފަސްކުޅުންތެރިން ނަކީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެތްލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އާއި ރެއާލްގެ ގެރެތް ބޭލް އާއި ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިންގެ އިތުރުން ލެސްޓާ ސިޓީގެ ފޯވާޑް ޖޭމީ ވާޑީއެވެ.

މި އެވޯޑު ލިބުމުން މީޑިއާއާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިއަހަރަކީ އިންޑިވިޖުއަލީ ގޮތުން ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް، އޭނާއަށް އެންމެ ކާމިޔާބު އަހަރެއް ކަމަށާއި، މިއަހަރުތެރޭ ހޯދުނު ކާމިޔާބީތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އަދި މީގެ އިތުރުން ރޮނާލްޑޯ ބުނީ އަންނަ އަހަރުވެސް މިފަދަ ކާމިޔާބީތަކެއް ހޯދަން މަސައްކަތްކުރާނެކަމަށާއި އެކަމަކު އެއީ ކުރަން ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ. ރޮނާލްޑޮ ބުނީ ކޮންމެ އަހަރަކީ ވެސް ގިނަ  ޗެލެންޖުތަކެއް އޮންނަ އަހަރެއް ކަމަށާއި އެހެންކަމުން އަންނަ އަހަރުވެސް ކާމިޔާބީތަށް ހޯދުމަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

މި އެވޯޑު ރޮނާލްޑޯއަށް ލިބުނުއިރު މި އަހަރަކީ އޭނާއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ރޮނާލްޑޯ ވަނީ، ރެއާލްއާއެކީ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕް އާއި ފީފާ ކްލަބް ވޯލްޑްކަޕް އަދި ޕޯޗުގަލްގެ ގައުމީ ޓީމާއެކީ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.

އެ ކާމިޔާބީތަކާއެކީ ރޮނާލްޑޯއަށް ވަނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް، ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑު ވެސް ލިބިފައެވެ. އަދި އަންނަ މަހު ފީފާއިން ހޮވާ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް، ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރޮނާލްޑޯއެވެ.

ދުބާއީގައި ރޭ ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި، އަހަރުގެ އެންމެ މޮޅު ޓީމުގެ މަގާމު ލިބުނީ ރޮނާލްޑޯގެ ރެއާލް މެޑްރިޑަށެވެ. އަދި އެންމެ ހިންގުންތެރި ރައީސްގެ މަގާމު ލިބުނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއަށެވެ.

ރޮނާލްޑޯގެ އިތުރުން މިއަހަރަކީ ރެއާލްއަށްވެސް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ރެއާލް މެޑްރިޑަކީ މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް ޓީމެވެ.

Rate this post