ޤައުމުތަކަށް އިންވެސްޓަރުން އިންވެސްޓް ކުރަން ދާނީ އެޤައުމެއްގެ ސަރަޙައްދީ އިން ރައްކާތެރިކަމާއެކު ބަލަހައްޓާކަން ޔަގީންކުރުމަށްފަހުގައި ކަމަށް ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާ ހަތިޔާރާއި ގޮވާތަކެތި ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް އަބަދުވެސް ބޭނުންވާ ތަމްރީނުތައްދީ ކަންކަން ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ޤައުމުތަކުގެ ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގައިވެސް އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރާއްޖެއަށް އެތެރެކުރުން މަނާ އެންމެ ފަހުގެ ހަތިޔާރާއި ގޮވާތަކެތި ދެނެގަންނާނެ ގޮތުގައި މަޢުލޫމާތުދީ ހޭލުންތެރިކުރުމަކީ އިސްކަމެއް ދީގެން ކުރަން ޖެހޭ މުހިއްމު މަސައްކަތެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކަސްޓަމްސްގެ ހެޑް އޮފީހުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ އެމްއެންޑީއެފް ކަމާއިގުޅޭ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ޕްރޮމްރާމްގައި ކަސްޓަމްސް އޮފިސަރުންގެ ތިން ބެޗެއް ތަމްރީންކޮށްފައިވާ ކަމަށާއި މިޕްރޮގްރާމްގައި ރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރާއި ގޮވާތަކެއްޗާއި އެތަކެތި ދެނެގަންނާނެ ގޮތާއި އެތަކެތި ފެނުމުން ޢަނމަލުކުރާނެ ގޮތުގެ މަޢުލޫމާތު އޮފިސަރުން ދީފައިވާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.