ބޮޑެތި ޖަރީމާތަކުން މުޖުތަމަޢު ސަލާމަތް ކުރުން (4)

އައްޝައިޚް ޢަބްދުލް ހާދީ 24 ޑިސެންބަރު 2016 އާ ގުޅޭ

މާތްﷲ ބާއްވާލެއްވި ގޮތަށް ޙުކުމް ކުރުން

  1. ޖަރީމާތަކަށް އަރައިގަންނަ ދޮރުތައް ބަންދު ކުރުން.

މުޖުތަމަޢުން ޖަރީމާތަށް އެންމެ ބޮޑަށް މަދުކުރެވޭނެ އެއް ވަޞީލަތަކީ އެފަދަ ޖަރީމާތަކަށް އަރައިގަންނަ ދޮރުތައް ބަންދު ކުރުމެވެ. އިސްލާމްދީން ވަނީ އަޅުގަނޑުމެންނަށް މިކަންތައްތައް ދައްކައިދީފައެވެ.

އިޝްތިހާރު Below Header ad

މިގޮތުން ޒިނޭގެ ބޮޑު ފާފައިން މީސްތަކުން ރައްކާތެރި ކުރުމަށްޓަކައި ޒިނޭއަށް އަރައިގަނެވިދާނެހެން ހީވާ ހުރިހާ ދޮރެއް ވަނީ މި ދީނުގައި ބަންދުކޮށްފައެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން އެކަހެރި ވުމާއި އަދި އެއްވެސް ޙާޖަތެއްނެތި ދެ ޖިންސުގެ މީހުން މަސްހުނިވުން ވަނީ މަނާކޮށްފައެވެ. އަދި މީގެއިތުރުން އަންހެންކަނބަލުންގެ އައުރަ ހިޖާބަކުން ނިވާކުރުމާއި، އެކަނބަލުން ބޭކާރު ގޮތުގައި ގެއިން ނުނިކުތުމާއި، ކައިވެނި ކުރުމަށް ބާރު އެޅުމާއި އަދި ބެލުން ތިރިކުރުމަށް މި ދީންވަނީ އަންގަވާފައެވެ.[1]

ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި ޤަތުލު ކުރުމުގެ ދޮރުތައް ބަންދު ކުރުމަށްޓަކައި، ތާކުންތާކު ނުޖެހޭ ގޮތަށް މުސްލިމުންނާއި ދިމާއަށް ކަނޑި ނެގުން ނަޙީ ކުރެއްވިއެވެ. އަދި ރުޅުވެރިކަމާއި ޚިލާފު އުފެދޭފަދަ ކަންތައްތަކުން ދުރުހެލވުމަށްވެސް ވަނީ އަންގަވާފައެވެ.

ވައްކަން ކުރުން ހުއްޓުވުމަށްޓަކައި މުއްސަދިންގެ މުދަލުން ޒަކާތް ނެރުމަށް އަމުރު ކުރެއްވިއެވެ. އަދި ގާތް ތިމާގެ މީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ސަރުކާރުގެ ފަރާތުން ފުއްދައި ދިނުމަށްވެސް ބާރު އަޅައެވެ.

ޤަޛުފުގެ ނުބައި ކަމުން މީސްތަކުން ސަލާމަތް ކުރުމަށް އެކަމުގެ ދޮރުވެސް ވަނީ ބަންދު ކޮށްފައެވެ. މިގޮތުން ހެޔޮބަހެއް ނޫނީ ނުބުނުމަށް ވަނީ އަންގަވާފައެވެ.

މަސްތުވުމުގެ ދޮރުތައް ބަންދު ކުރުމުގެ ގޮތުން އެކަމާ ގުޅުން ހުރި އެންމެންނަށް ލަޢުނަތް ހުރިކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ.  (أَتَانِي جِبْرِيلُ فَقَالَ : يَا مُحَمَّدُ إِنَّ اللَّهَ لَعَنَ الْخَمْرَ ، وَعَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إِلَيْهِ ، وَبَايِعَهَا ، وَسَاقِيَهَا ، وَمُسْقِيَهَا)[2] މާނަ: ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “ތިމަންގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ. އޭ މުޙައްމަދުގެ ފާނެވެ. ހަމަކަށަވަރުން މާތްﷲ މަސްތުވާތަކެތީގައި، (މިބައިމީހުންނަށް ލަޢުނަތް ލެއްވިއެވެ.) އެއީ މަސްތުވާތަކެތި އުފެއްދުމަށް މޭވާއިން ދިޔަ ފިލާމީހާއާއި، އެދިޔަ ފެލައިދިނުމަށް އެދޭމީހާއާއި، އެ ބޯ މީހާއާއި، އެ އުފުލާމީހާއާއި، އެއުފުލައިގެންއެމީހެއްގެ ގާތަށް ގެންދެވޭ މީހާއާއި، އެ ވިއްކާ މީހާއާއި، އެ ބޯންދޭމީހާއާއި، އެ ބޯ މީހާއެވެ. މިއެންމެންގެ މައްޗަށް ލަޢުނަތް ހުރިކަމަށެވެ.”

  1. ޙައްދު ޤާއިމު ކުރުމާއި ތަޢުޒީރީ އަދަބު ދިނުން

ކޮންމެ މުޖުތަމަޢުއަކީވެސް އެތަނެއްގައި ކުށްފާފަ ކުރާ މީހުން އުޅޭނެ ތަނެކެވެ. އެހެންވެ އެފަދަ ކުށްކުރާ މީހުންގެ ކިބައިން މުޖުތަމަޢުގެ އަފްރާދުން ސަލާމަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް އިސްލާމްދީން ވަނީ އެކަށައަޅައިދީފައެވެ. މިގޮތުން ކުށްވެރިންނަށް އެބައިމީހުން ކުރާކުށުގެ މިހުން ޙައްޤު އަދަބު ދިނުމަކީ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅެވެ. އަދި ޚާއްޞަކޮށް ބޮޑެތި ޖަރީމަތަކަށް ޝަރުޢުގައި އައިސްފާއިވާ އަދަބުތައް ދެވެން އެބަޖެހެއެވެ.

މިގޮތުން  ދީން ރައްކާތެރިކުރުމަށްޓަކައި، ޝަރްޢުކުރައްވާފައިވަނީ، ދީނުންބޭރުވެ މުރްތައްދުވާ މީހާ، ޤަތުލުކުރުމެވެ. ނަފްސު ރައްކާތެރިކުރުމަށްޓަކައި، ޝަރްޢު ކުރައްވާފައިވަނީ، ޤިޞާޞްހިފުމެވެ. ބުއްދި ރައްކާތެރިކުރުމަށްޓަކައި، ޝަރްޢު ކުރައްވާފައިވަނީ، މަސްތުވާތަކެތި ބޭނުންކުރާމީހާގެ ގައިގައި، ޙައްދުޖެހުމެވެ. ނަސްލު ރައްކާތެރިކުރުމަށްޓަކައި، ޝަރްޢުކުރައްވާފައި ވަނީ، ޒިނޭކުރާމީހާގެ ގައިގައި ޙައްދުޖެހުމެވެ. މުދާ ރައްކާތެރިކުރުމަށްޓަކައި، ޝަރްޢު ކުރައްވާފައިވަނީ، ވައްކަންކުރާމީހާގެ އަތްކެނޑުމެވެ. ޢިރްޟު(އަބުރު) ރައްކާތެރިކުރުމަށްޓަކައި، ޝަރްޢު ކުރައްވާފައިވަނީ، ޤަޛްފުކުރާމީހާގެ ގައިގައި ޙައްދު ޖެހުމާއި، ޤަޛްފުކުރީ ފިރިޔަކު ކަމުގައިވާނަމަ، ލިޢާނު ކުރުމެވެ.[3]

ނިމުނީ.

أسأل الله تبار وتعالى أن يرزقنا الإخلاص في القول والعمل واتباع كتابه وسنة نبيه  صلى الله عليه وسلم، وأن يأخذ بنواصينا لما فيه رضاه وسعادتنا في الدارين، وأن يثبتنا على الحق حتى نلقاه به، وأن يغفر لي ولوالدي ولجميع المسلمين إنه سميع مجيب، وآخر دعوانا أن الحمد لله رب العالمين.

މަރާޖިޢު

  1. القرآن الكريم
  2. صحيح مسلم لمسلم بن الحجاج القشيري النيسابوري. ن: دار إحياء الكتب العربية.
  3. فقه السنة لسيد سابق. ط: الرابعة 1403هـــــ. ن: دار الفكر للطباعة و النشر والتوزيع.
  4. فقه الجنايات لفضيلة الأستاذ الشيخ محمد رشيد إبراهيم. ط: 1233هــــ. ن: كلية ويلا. ماليه
  5. مقاصد الشريعة لدكتور عبد المجيد عبد الباري (غير مطبوع)
  6. مقاصد الشريعة الإسلامية وعلاقتها بالأدلة الشرعية لدكتور محمد يعد بن أخمد بن مسعود اليوبي. ط: الأولى 1218هــــ. ن: دار الهجرة للنشر والتوزيع.
  7. المستدرك على الصحيحين لأبي عبد الله محمد بن عبد الله الحاكم النيسابوري. ط: 1418هـ / 1998م. ن: دار المعرفة.
  8. الموافقات للشاطبي
  9. النفائس شرح المحصول للقرافي: تحقيق عادل أحمد ة علي معوض. ط: الأولى 1416هـــ
  10. صيد الفوائد saaid.net

[1]  مقاصد الشريعة

[2]  المستدرك على الصحيحين / كتاب البيوع / إن الله لعن الخمر وعاصرها ومعتصرها وشاربها 2281

[3]  فقه الجنايات 10 – 11

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.