ބޮޑެތި ޖަރީމާތަކުން މުޖުތަމަޢު ސަލާމަތް ކުރުން (3)

އައްޝައިޚް ޢަބްދުލް ހާދީ 23 ޑިސެންބަރު 2016 އާ ގުޅޭ

2 – ނަފްސު ހިމާޔާތް ކުރުން.

އިސްލާމީ ޝަރީޢަތުގައި ނަފްސަށް ރައްކާތެރިވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން ނަފްސަށް ފައިދާ ލިއްބައިދޭ ކަންތައްތައް ކުރުމަށާއި، އެނަފްސަށް ގެއްލުންހުރި ކަންތައްތަކުން ދުރުކުރުމަށް ބާރުއަޅާ ކިތަންމެ ކަމެއް ޝަރުޢުކުރައްވާފައި ވެއެވެ.[1]

ނަފްސު ރައްކާތެރި ކުރުމުގެ ގޮތުން ނަފްސަށް ގެއްލުންދިނުން ޙަރާމްކުރައްވާއި ވެއެވެ. އަދި މީހަކު ޤަތުލުކުރުމަށް މަގުފައިވާ އެންމެހައި ކަންތައްތައް މަނާކުރުމާއި، ޤިޞާޞް ހިފުން ޝަރުޢުކުރެއްވުމާއި، ޤަތުލުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރިން ސާފު ހެކި ސާބިތުކުރުން ޝަރުޢުކުރެވިފައި ވެއެވެ. މީގެ އިތުރުން ޤަތުލުކުރުން ވާޖިބު ވެފައިވާ މީހެއްގެ މައްޗަށް ހުކުމް ތަންފީޒު ކޮށްފިނަމަ، އެކަމުން އެހެން ފުރާނައަކަށް ގެއްލުންވެދާނެކަމަށް ބެލެވޭނަމަ، އެޙުކުމް ތަންފީޒުކުރުން ފަސްކުރުމާއި، ޤިޞާޞް ހިފަންވެފައިވާ މީހާއަށް މަޢާފު ދިނުމާއި އަދި ޟަރޫރީ ޙާލަތްތަކުގައި ޙަރާމް ކުރެވެފައިވާ އެއްޗެއް ބޭނުންކުރުން ހުއްދަ ކުރެއްވުން ހިމެނެއެވެ.[2]

3 – ނަސްލު ރައްކާތެރި ކުރުން:

މީގެ އަޞްލު މަޤްޞަދަކީ ނަސަބުތޯ ނުވަތަ ނަސްލުތޯ (ދަރިފަސްކޮޅު) ނުވަތަ އަބުރުތޯ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެވެ.[3]

ނަސްލަށް ރައްކާތެރިވުމަކީ ދިރިއުޅުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އެއީ، ދުނިޔެ އާރާސްތުކުރުމުގެ އެއް ވަސީލަތްވެސް މެއެވެ. އިސްލާމް ދީނުގައި ނަސްލަށް ރައްކާތެރިވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައި ވެއެވެ. އަދި އާބާދީ އާއި ދަރިފަސްކޮޅު އިތުރުކުރުމަށް ވެސް ދީނުގައ ވަނީ ގޮވާލާފައެވެ. ދަރިފަސްކޮޅު އިތުރުވުމަށް ހުރަސް އަޅާ އެންމެހައި ކަންތައްތަކާއި ވަސީލަތްތައް މަނާކޮށް ބަންދުކޮށްފައި ވެއެވެ. ދަރިފަސްކޮޅު އިތުރުވުމަށް ހުރަސް އަޅާ އެންމެހައި ކަންތައްތަކާއި ވަސީލަތްތައް މަނާކޮށް ބަންދުކޮށްފައި ވެއެވެ.[4]

4 – ބުއްދި ޙިމާޔަތްކުރުން ނުވަތަ ބުއްދިއަށް ރައްކާތެރިވުން:

ބުއްދިއަކީ އިންސާނާއަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ވަރަށްވެސް އަގުހުރި ނިޢުމަތެކެވެ. އިންސާނުންނާއި އެހެނިހެން ޙައިވާނުންނާއި ތަފާތުކުރައްވާފައިވާނީ ބުއްދީގެ ސަބަބުންނެވެ.[5]

އެހެންކަމުން އިންސާނާގެ ބުއްދި ފިލައި ހިނގައްޖެނަމަ، ޙައްވާނަކާއި ވަކި ތަފާތެއް ނެތެވެ. ޙައިވާނެއްގެ ކަރުގައި ވާފަށެއް ޖަހައިގެން ގެންދާހެން ބޭނުން ދިމާލަކަށް ގެންގޮސް ބޭނުން ގޮތަކަށް ހެދިޔަސް އެކަމާ މެދު އޭނާ ފަރުވާލެއް ނުބަހައްޓާނެތެވެ. އެހެންކަމުން އިންސާނާގެ ބުއްދިއަށް ރައްކާތެރިވާންޖެހޭނޭ ކަމީ ސަލާމަތް ބުއްދި ޤަބޫލުކުރާކަމެކެވެ. މިއީ ސަމާވީ ހުރިހާ ޝަރީޢަތްތަކެއްގައިވެސް ސަމާލުކަން ދީފައިވާ ކަމެކެވެ.

ޝަރުޢީ ތަކުލީފުތައް ފަރުޟުވަނީވެސް ބުއްދި ސަލާމަތުން ހުރި މީހެއްގެ މައްޗަށެވެ. މިސަބަބަށްޓަކައި، ޢާއްމުތަނެއްގައި ވިޔަސް ނުވަތަ ސިއްރިއްޔާތުގައި ވިޔަސް ތިމާގެ ބުއްދި ފިލައިދާ އެއްވެސް އެއްޗެއް ބޭނުންކުރުން ޝަރުޢުގައި ހުއްދަވެގެން ނުވެއެވެ.

އެހެންކަމުން ރާބުއިމާއި މަސްތުވާ ބާވަތުގެ އެއްވެސް އެއްޗެއް ބޭނުންކުރުމީ އިސްލާމީ ޝަރީޢަތުގައި މަނާކަމެކެވެ. އަދި އެކަންކުރާމީހާ އެކުރަނީ ޙަރާމް ކަމެކެވެ. އަދި އެއީ ކުށެކެވެ.

5 – މުދާ ޙިމާޔަތްކުރުން

މުދަލަކީ އެއާ ނުލައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސެން ނޯންނަ އެއްޗަކަށް ވީ ހިނދު، މުދަލަށް ރައްކާތެރިވުން ހިމެނިފައިވަނީ ދީނުގައި އެންމެ އިސްކަން ދެވޭ ޟަރޫރީ ކަންތައްތަކުގެ ތެރެއިން އެއްކަމެވެ.[6]

މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّـهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَّعْرُوفًا ﴿٥[7] މާނައީ ”ތިޔަބައިމީހުންނާ ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ ޔަތީމުންގެ މުދާ، ފައިސާ ތަޞައްރުފު ކުރުމުގެ ހެއުވިސްނުން އެކުދިންނަށް ނާންނަނީސް، އެކުދިންނާ ޙަވާލުނުކުރާށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. ނަމަވެސް އެމުދަލުން އެކުދިންނަށް ކާންދީ އަންނައުނުދީ ހަދާށެވެ! އަދި އެކުދިންނާ އޯގާތެރިކަމާއެކު މުޢާމަލާތްކުރާށެވެ!“

މުދާ ޙިމާޔަތްކުރުމަށް އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ވަސީލަތްތަކުގެ ތެރޭގައި ޙަލާލުގޮތުގައި ޢާއްދަނީ ހޯދުމަށް ބާރުއަޅާފައިވާ މިންވަރާއި، އެއްވެސް މީހެއްގެ މުދަލަށް އަރައިގަތުން ޙަރާމްކުރައްވާފައި ވުމާއި، މުދަލުން އިސްރާފުކުރުން ޙަރާމްކުރެއްވުމާއި، މީހެއްގެ މުދަލަށް އަރައިގެންފިމަނަމަ ކަނޑައެޅިފައިވާ ޢުޤޫބާތް (ވައްކަމުގެ ޙައްދު، ޙިރާބާގެ ޙައްދު) ދިނުމާއި، ހަލާކުވާ އެއްޗެއްގެ ބަދަލުދޭން ޖެހުމާއި، މުދާ ޙިމާޔަތްކުރުމަށް ކުރެވެންހުރިކަމެއްކުރުން ޝަރުޢުކުރެވިގެން ވުމާއި، ދަރަންޏެއް ދޭނަމަ އެކަން ހަރުދަނާ އުޞޫލެއްގެ މަތިން ކުރުން، މިގޮތުން، ދަރަނިތައް ލިޔުމާއި، ހެކިކުރުވުންމާއި އަދި ހޮވާތަކެތި ޢިއުލާންކުރުން އަދި މިކަމާއި ގުޅުން ހުރި ކަންތައްތައް ޝަރުޢުކުރެވިފައި ވުން ހިމެނެއެވެ.[8]

 މުޖުތަމަޢުގައި ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާކުރުން

މުސްލިމުންނަކީ ހަމަ އެހެން މީހުން ފަދައިން އިންސާނުންނެވެ. އެބައިމީހުންނަކީ މަޢޫޞުމް ބައެއް ނޫނެވެ. މިހެން ކަމުން މުސްލިމުންގެ މެދުގައިވެސް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. މުޖުތަމަޢުން ބޮޑެތި ޖަރީމާތައް ފިލުވާލުމަށްޓަކައި އެ މުޖުތަމަޢުއެއްގައި ހުންނަންޖެހޭ އެންމެ މުހިއްމު އެއްޞިފައަކީވެސް މި ޞިފައެވެ.

ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް މަނާކުރުމަށް އިސްލާމްދީނުގައި ދީފައިވާ މަޤާމު

ކީރިތި ޤްރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ އިރުޝާދު ތަކުގައި މިކަމަށް ވަރަށްބޮޑަށް އަލިއަޅުވާލާފައި ވެއެވެ. އެހެނީ މިއީ މިޖުތަމަޢުގައި އީމާން ކަމުގެ އުޞޫލުތަކާއި އަދި ފުރޫޢުތަކާއި ގުޅިފައިވާ ކަމެކެވެ. މިކަމުގައި މުއުމިނުން އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން އައުލިޔާއިންގެ ގޮތުގައި ވާން އެބަ ޖެހެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: ﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚأُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿٧١﴾[9] މާނަ: “ مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ“.

މުޖުތަމަޢުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތަކުން މީސްތަކުން އެއްކިބާކުރުން ނެތިގެން ގޮސްފިނަމަ އެމުޖުތަމަޢުއެއް ބިނާވެގެންދާނީ ނިފާޤުގެ މަތީގައެވެ. އެއިރުން އެބައިމީހުންގެ ޝިޢާރަކަށް ވާނީ ދެކޮޅުވެރިކަމާއި އުރެދުމެވެ. އަދި އެބައިމީހުންގެ ޤަޢިދަކަށް ވާނީ ފާސިޤުކަމެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ﴿الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّـهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ ﴿٦٧﴾[10]  މާނާ: “ منافق ފިރިހެނުންނާއި، منافق އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، اللَّه ހަނދުމަނެތި ކުރޫއެވެ. ދެން اللَّه އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، منافق ންނަކީ، ހަމަ فاسق ންނެވެ.“

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿ لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾[11]  މާނަ: “ إسـرآءيـل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!“

ނުނިމޭ……

[1]  مقاصد الشريعة

[2]  مقاصد الشريعة

[3]  مقاصد الشريعة الإسلامية وعلاقتها بالأدلة الشرعية 245

[4]  مقاصد الشريعة

[5]  مقاصد الشريعة

[6]  مقاصد الشريعة

[7]  سورة النساء 5

[8]  مقاصد الشريعة

[9]  سورة التوبة 71

[10]  سورة التوبة 67

[11]  سورة المائدة 78-79

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.