ޚަބަރު ފީތާ

އެސްޓީއޯ އަކީ ޑައިވާރސް، އެހެން ކުންފުނިތަކަށް ބެންޗްމާކް ކުންފުންޏެއް: ޝަހީރު

އެސްޓީއޯ އަކީ ޑައިވާރސް، އެހެން ކުންފުނިތަކަށް ބެންޗްމާކް ކުންފުންޏެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

 

އެސްޓީއޯގެ 52ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުންފުނީގެ ހެޑް އޮފީހުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވި އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯގެ 52 އަހަރުގެ މާޒީގެ ތެރޭގައި ކުންފުނިން ވަނީ ދިވެހިރާއްޖޭގެ އިގްތިޞާދީ، ޢުމްރާނީ، މާއްދީ އަދި އިޖްތިމާއީ ތަރައްޤީއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައި ކަމަށެވެ.

އަދި އެސްޓީއޯގެ މައިގަނޑު މަގްޞަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި އިތުބާރުހިފޭ މުދަލާއި ޚިދުމަތްތައް އެކަށީގެންވާ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރަށް ކަސްޓަމަރ އޮރިއެންޓެޑް ތަނަކަށް އެސްޓީއޯ ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ފާއިތުވި އަހަރުތެރޭ އެސްޓީއޯއިން ޙާޞިލްކޮށްފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ކަންކަމަށް ވަރަށް އަހަންމިއްޔަތުކަންދޭ ކުންފުންޏެއް ކަމަށެވެ.

މިގޮތުން މިނިމުނު އަހަރަކީ އެކިގޮތްގޮތުން ތިމާވެއްޓަށް ޢާންމުން އަހުލުވެރި ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވުނު އަހަރެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ޝަހީރު ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުވުމަށް މިފެށޭ އަހަރު އެސްޓީއޯއިން ޓްރެއިނިންގ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ކުންފުނީގައި ގިނަދުވަހު ޚިދުމަތްކޮށްދެއްވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ހޮވާލެވޭ މުވައްޒަފުންނަށް ޙައްޖަށް ދެވޭނޭ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެސްޓީއޯގެ 52ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިތުރު ހަރަކާތް ތަކެއް ކުރިއަށް ރޭވިފައިވެއެވެ.

 

Rate this post