އަވަސް ޚިދުމަތް! (2)

20 ޑިސެންބަރު 2016 އާ ގުޅޭ

ދިމާވެދާނެ ކަމަށް ލަފާކުރެވޭ މައްސަލަތަކަކީ ލުއިފަސޭހަތަކަށް ހުރަސް އެޅެންވީ ސަބަބެއްނޫނެވެ!

ހަމަޖައްސައިދެވޭ ލުއިފަސޭހަ ތަކެއްގެ ސަބަބުން ނާޖާއިޒު ފައިދާއެއް ބަޔަކު ނަގާފާނެ ކަމަށް ފެންނަނަމަ އެކަން ހުއްޓުވާނީ އެފަދަ ކަމެއް ކުރާ ފަރާތަކާމެދު ހަރުކަށި ފިޔަވަޅު އަޅައިގެންނެވެ. ފަހަރެއްގައިވެސް މީހަކު ކޮށްފާނެ ނޭދެވޭ ކަމަކަށް ވިސްނައިގެން އެހެން ފަރާތްތަކަށް ބޮޑު ބުރައެއް އުފުލަން ޖެއްސުމަކީ، ނުވަތަ ދެވެން ހުރި ލުއިފަސޭހަކަން ފޯރުކޮށް ނުދިނުމަކީ، ރަނގަޅު ގޮތެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ގިނަވަގުތުތަކެއް ނަގާލައިގެން ފޯމު ހުށަހަޅާ އުޞޫލު އޮންނަ ނަމަވެސް އެފަދަ ނޭދެވޭ ކަމެއް ކުރަން ބޭނުންވާ މީހަކަށް އެފަދަ ކަމެއް ކުރުމުގެ ފުރުޞަތުތައް އޮންނާނެއެވެ. އެހެން ނަމަވެސް އެގޮތުން ކުރެވިދާނެ ކަންކަމުގެ ވާހަކަ މިތަނުގައި ދައްކާކަށް ނެތީމެވެ. އެހެން ނަމަވެސް އިސްވެ ދެންނެވިފަދައިން، މީހަކު ކޮށްފާނެ ނޭދެވޭ ކަމަކަށް ބަލައިގެން ރަނގަޅަށް އެކަން ކުރަން ބޭނުންވާ މީހުންނަށް މަގުބަންދުކޮށްލުމަކީ، ގޭގޭގައި ފުރާޅުލައި ޓިނުން ހިޔާކޮށްފައި ހުރުމުން ފުރާޅުން ޓިނުނަގައިގެން ވައްކަންކޮށްފާނެތީ، ފުރާޅުގެ ބަދަލުގައި އެންމެ މަތީގައިވެސް ކޮންކޮރީޓް ޝީޓެއް އަޅާގޮތަށް ނޫނީ ޢިމާރާތްކުރަން ހުއްދަ ނުދިނުން ކަހަލަ ކަމެކެވެ. އެކަމުގެ ސަބަބުން އުނދަގޫ އުފުލަންޖެހޭނީ ގެ ޢިމާރާތްކުރާ ފަރާތުންނެވެ. ނަމަވެސް އެކަމުގައި ގޯސްހަދަނީ ވަގުކަލޭގެ ކަމަށް ވާތީ، ޓިނުންފުރާޅު ލުމުގެ ހުއްދަ ނުދޭގޮތަށް ހަމަޖެއްސުމުގެ ބަދަލުގައި، ވަގުކަލޭގެއަށް ދޭންޖެހޭ، އެކަމަށް ކަނޑައެޅިފައިވާ އެކަށީގެންވާ އަދަބު ދީގެން މައްސަލަ ޙައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އިޝްތިހާރު Below Header ad

އޮންލައިންކޮށް ފޯމު ހުށަހެޅުމުގައިވެސް ދިމާވާ ދަތިތައް ހުރެދާނެއެވެ. ބައެއް ފޯމުތައް ލިބެންޖެހޭ ފަރާތަށް ވާޞިލުނުވުމާއި، ފޯމު ފޮނުވި ފަރާތަށް އެކަން ނޭނގިއޮތުމާއި، މިފަދަ ކަންކަން ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އޮންލައިންކޮށް ފޯމެއް ހުށަހަޅައިފިނަމަ، އެފޯމު ލިބިއްޖެކަމުގެ މަޢުލޫމާތު ފޯމު ފޮނުވި އެޑުރެހަށް ލިބޭނެގޮތް ހަމަޖެއްސިދާނެއެވެ. ނުވަތަ އެދުވަހަކު ހުށަހަޅާފައިވާ ހުރިހާ ފޯމުތައް އެ ތަނަކަށް ރަސްމީކޮށް “އެތެރެ”ކުރާއިރު، އެފޯމުތަކުގައި ހުރި ނަންބަރުތަކުގެ ލިސްޓުނަގައި އެފަރާތުން ހުށަހެޅި “މިވެނި” ފޯމެއް މި އިދާރާއަށް ވަނީ ލިބިފައިކަމަށް ބުނާ މެސެޖެއް އެހުރިހާ ނަންބަރުތަކަށް ފޮނުވާލުމަކީ، މިހާރު މާ އުނދަގޫ ކަމެއްނޫނެވެ. އެގޮތުން ފޯމު މުއައްސަސާއަކަށް ލިބުނުކަން އެނގޭ އެފަދަ މެސެޖެއް ނުލިބޭނަމަ، އެ ފޯމު ލިބުނުކަން ނުވަތަ ނުލިބޭކަން ޔަޤީންކުރުމަށް ގުޅަންޖެހޭ ނަންބަރަކަށް ގުޅުން ނުވަތަ މެސެޖުކުރަން ޖެހޭ ވަކި ނަންބަރަކަށް މެސެޖެއް ކޮށްގެން އެކަން ޔަޤީންކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން އެކަމަށް އެދި ފޯމު ހުށަހަޅާއިރު އެފަރާތުގެ ސަމާލުކަމަށް އަންނާނޭ ގޮތަށް އިންތިޒާމުތައް ހަމަޖެއްސިދާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ފޯމެއްނަމަ އެފޯމާގުޅިގެން ދެވޭ ޚިދުމަތަށް އެދި ހުށަހެޅި ފަރާތަށް ފޯނުން ގުޅާލައިގެން އިތުރަށް ޔަގީންކުރަން ބޭނުންވާ ކަންކަން ޔަގީން ކުރުމަކީ ނުކުރެވޭނެ ކަމެއްނޫނެވެ.

ރަނގަޅު އެހެން ނަމަވެސް އެއަށްވުރެވެސް ރަނގަޅު ކުރެވިދާނެ

ދިވެހިރާއްޖޭގައި ޚިދުމަތްދޭ ތަންތަނަށް ބަލައިލިއިރު، ޚިދުމަތް އަވަސް ނަމޫނާ ތަނެއްކަމުގައި ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ، އައިޑީކާޑު ހައްދައިދިނުމުގެ ޚިދުމަތްދޭ، ޔުނިޓު ފާހަގަކުރެވެއެވެ. އެއީ ހަމަ ތަޢުރީފު ޙައްޤު މިންވަރަށް ހަލުވި ޚިދުމަތްދޭ ބައެއްކަމުގައި ދަންނަވަން ޖެހެއެވެ. އެހެން ނަމަވެސް ދާދި ފަހުން އެތަނުން ފާހަގަކުރެވުނު ބައެއް ކަންކަން އެބަހުއްޓެވެ. އެތަނުގެ އެތެރޭގައި ޚިދުމަތްދޭ މުވައްޒަފުން ތިބޭތަނުގެ ފަހަތުގައި ލާފައިވާ ފިލާގެ ފާރު ފަރުމާކުރެވިފައިވާގޮތުން އެތެރޭގައި ތިބޭ މުވައްޒަފުން ބޭރުގައި ތިބޭ މުވައްޒަފުންނާ މުޢާމަލާތުކުރުމުގައާއި ބޭރުގައި ތިބޭ މުވައްޒަފުންނާ ހަމައަށް އެތެރެއިން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކެއްގެ ސަބަބުން، މަސައްކަތަށް އަންނަ ހުއްޓުމެކެވެ. މުވައްޒަފަކީ ކާޑު ދޫކުރަން އިންނަ މުވައްޒަފަށް ވާއިރު، އެ މުވައްޒަފާ ހަމައަށް ކާޑުތައް އުފުލާ މުވައްޒަފަކު ހުންނަކަން އެނގެނީ އެތަނާ މާ ދުރުނޫން ހިސާބެއްގައި ހުރި ކުޑަ ގޮޅިއަކާ ހަމައަށް ކާޑުތައް ގެނެސްދޭތީއެވެ. އެހެން ނަމަވެސް ކާޑު ދޫކުރާ މުވައްޒަފު ހިނދުހިނދުކޮޅުން ގޮނޑިން ތެދުވެގެން ގޮސް އެ ހިސާބަށް ގެންނަ ކާޑުތައް އޭނާ އިންނަ ހިސާބަށް ގެންނަ ޖެހޭތީ އެވަގުތުކޮޅު ގެއްލެއެވެ. ކޮންމެވެސް ސަބަބަކާއެދި އެތަނުގައި އެކަށީގެންވާ ވަރަށްވުރެ ގިނަ ވަގުތުވެސް ބައެއްފަހަރު ހޭދަވެއެވެ. އަޅުގަނޑުގެ ހިތަށްއެރީ އެ ކުޑަދޮރު މި މިވައްޒަފުގެ އަތް ފޯރާ ހިސާބަށް ކައިރި ކޮށްލާފައި ހުރިނަމަ އެ މައްސަލަ ދިމާ ނުވިސް ކަމުގައެވެ. އެހެންކަމުން ޢާންމުންނަށް ޚިދުމަތްދޭ ތަންތަން ފަރުމާ ކުރެވޭގޮތަކީވެސް މަސައްކަތުގެ ހަލުވިކަމާއި ލަސްކަމަށް ބަދަލު އަންނާނެ ކަންތައްތައްކަން އެނގެއެވެ. ނުވަތަ އެ ކާޑުތަކާއި ލިޔުންތައް ހިފައިގެން އަންނަ މުވައްޒަފު އެހިސާބަށް އައުމުގެ ބަދަލުގައި، އެތަކެތި ހޯދުމަށްފަހު ތަނެއްގައި ބޭއްވުމުން އަނެއް މުވައްޒަފުގެ މޭޒާހަމައަށް އެތަކެތި ފޯނާނެ އިންތިޒާމުވެސް ހަމަޖެއްސިދާނެއެވެ. އަރިއަށް ބާއްވާލެވޭ އެއްޗަކެއްގެ އެހީގައިވެސް އެކަން ފުރިހަމަ ކޮށްލެވިދާނެއެވެ. އެކަމަކު އެހާބޮޑަށް ލުއިފަސޭހަ ވުމަކީވެސް ޚިދުމަތްދޭންތިބޭ ފަރާތްތައް ކަންނެތްވުމާއި އެފަރާތްތަކަށް ޞިއްޙިގޮތުން ތަފާތު މައްސަލަތަކާ ކުރިމަތިވުން ފަދަ ކަންކަން ކުރިމަތިވުމަށް މެދުވެރިވާ ސަބަބަކަށްވެސް ވެދާނެއެވެ. އެހެންކަމުން ފަހަރުގައި މުވައްޒަފުން އިށީނދެ އިންނަތަނުން ހިނދުހިނދުކޮޅުން ތެދުވުމަކީ އެފަރާތުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ބަލާއިރު ރަނގަޅު ކަމަކަށް ވާތީއާއި ކަންނެތްވުމުން ދުރުކޮށްދީ މަސައްކަތަށް ހީވާގިކަން ގެނެސްދޭނެ ކަމެއްކަމަށް ވާތީ އެގޮތަށް އެކަންކަން ހަމަޖައްސައި، އެތަން އެގޮތަށް ފަރުމާ ކޮށްފައި ހުރީކަމަށް ވުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެހެން ކަމަށްވާނަމަ އެގޮތްވެސް ފުރިހަމަ ކަމުގައި ދަންނަވަން ޖެހެއެވެ. އެހެން ނަމަވެސް ޚިދުމަތް ހޯދާ ފަރާތްތަކުގެ ހިތުގައި ސުވާލު ނުއުފެދޭނެ، އަދި ޚިދުމަތް ނުހުއްޓޭނެ ގޮތަށް އެކަންވެސް އޮތުން މުހިންމެވެ.

ޚިދުމަތް ހޯދާ ފަރާތްތަކާ މުޢާމަލާތުކުރުން:

ތަނަކުންދޭ ޚިދުމަތަކާ ގުޅޭ މުހިންމު މަޢުލޫމާތު ތަކަކީ އެތަނެއްގެ މުވައްޒަފުންނަށް އެނގޭނެ ކަންކަމެވެ. ނޭނގޭނަމަ ދެނެގަންނަންވެސް ޖެހޭނެއެވެ. އެހެން ނަމަވެސް އެތަނުންދޭ ޚިދުމަތް ހޯދަން އަންނަ ފަރާތަކަށް އެ ޚިދުމަތް ދޭގޮތާއި ކުރަންޖެހޭ ހުރިހާކަމެއް ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ޚިދުމަތްދޭ ތަންތަނުގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި ކޮށިގަނޑެއް ބަހައްޓައި އެތަނުގައި މުވައްޒަފަކު ބައިންދާފައި އިންނަނީ އެހެންވެގެންނެވެ. އެކަމަކު ބައެއްފަހަރު އެ ތަންތަނުގައި ތިބޭ މުވައްޒަފުންނަކީ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެގެންދާ މީހަކާ މުޢާމަލާތު ކުރުމުގެ ޤާބިލުކަން ނުހުންނަ ފަރާތްތަކެއްކަން ފާހަގަކުރެވެއެވެ. އެތަނުގައި އިންނަ މުވައްޒަފަކާ ސުވާލުކުރަނީ ވަކިކަމެއް ސާފުކުރަން ކަމަށްވާއިރު، ސީދާ އެ ކަމެއް ސާފުކޮށްދިނުމާއި، ސުވާލުކުރާ މީހާއަކީ އެއްވެސް ތަނެއްދޮރެއް ނުދަންނަ މީހެއްކަމަށް ތިމާއަށް ޤަބޫލު ކުރެވިގެން ވާހަކަ ދައްކާ އުޞޫލުން ވާހަކަ ނުދެއްކުމާއި، މަޢުލޫމާތު ދިނުމަށްފަހު ބޭނުންވާ ކަންކަން ރަނގަޅަށް ސާފު ވެއްޖެތޯ ރީތިކޮށް އަހާލުމާއި، އިތުރު ކަމެއް ސާފުކުރަން އެބައޮތްތޯ އަހާލުމާއި، ޚިދުމަތް ހޯދީތީ ޝުކުރު އަދާކުރުންފަދަ ކަންކަމަކީ މުވައްޒަފުން އެކަމަށް އަހުލުވެރި ކުރުވިފައި ހުންނަންޖެހޭނެ ކަންކަމެވެ. އެކަންކަމަކީ އެ މުވައްޒަފުންނަށް ދެވޭ ތަމްރީނުގެ ތެރެއިން ޙާޞިލު ކުރެވޭނެ ކަންކަމެވެ. މިކަން ފާހަގަކުރަންޖެހޭ އެއްސަބަބަކީ ޚިދުމަތްހޯދަން ކޮންމެ ތަނަކަށްވެސް ތަފާތު މިޒާޖުގެ މީހުން އަންނައިރު އެކ ިމީހުންނާ މުޢާމަލާތުކުރާނޭ އުޞޫލުތަކާއި ރުޅިގަދަނުވެ ކޮންމެ މީހަކާވެް ކުރިމަތި ލުމުގެ ޤާބިލުކަން މީހުންނާ ހާމަގޮތެއްގައި މުޢާމަލާތުކުރާ މުވައްޒަފުންގެ ކިބާގައި ނެތުމަކީ މުވައްޒަފުންވެސް ހަމައިން ނެއްޓި އެކަށިގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭގޮތް  ވުމުގެ އިތުރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ކުރިމަތީގައި މުއައްސަސާގެ އަގުވެސް ވެއްޓިގެންދާނޭކަމެއްކަމަށް ވާތީއެވެ. އަދި ތަނަކުން ކިތެންމެ ރަނގަޅު ޚިދުމަތެއް ކިތެންމެ ހަލުވިކޮށް ދިނަސް އެތަނުން ގޯސް ކަންތައްތަކެއް ފެންނަނަމަ (އަދި ޚާއްޞަ ގޮތެއްގައި މުޢާމަލާތު ކުރުމުގެ ވައްޓަފާޅި ގޯސްވެއްޖެނަމަ) މުޖުތަމަޢުގެ ތެރޭގައި އަބަދުވެސް އުފުލިފައި ހުންނާނީ އެތަނުގެ އެހުރި ގޯސްކަން ރަމްޒުކޮށްދޭ ދިދައެވެ. ކަމެއް ދިމާވުމުން ރައްޔިތުންގެ ދުލުގައި ހިފެހެއްޓުމަކީ ވާނޭ ކަމެއްނޫނެވެ. އެހެން ނަމަވެސް ކަމެއް ވިޔަނުދީ ޢާންމުންގެ އަނގަ ހުޅުވާނެ ފުރުޞަތު ނުދީ ހިފެހެއްޓުމަކީ ކުރެވިދާނެ ކަމެކެވެ. އެހެންކަމުން އެފަދަ ކަމަކަށް ފުރުޞަތު ނުދިނުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

މި ފަދަ ކޮންމެ މައުޟޫޢަކީ އެތައް ވާހަކައެއް ދެއްކިދާނެ މައުޟޫޢެކެވެ. ނަމަވެސް މުހިންމީ ގިނަވާހަކަތަކެއް ލިޔުމެއްނޫނެވެ. ގަތްދެވި ފިލިޔަސް ވީ ފަރިތަނުފިލާނޭ ބުނާ އުޞޫލުން، ވެފައިހުރި ފަރިތައިގެ ގޮތުގައި، ޤައުމުގެ މުއައްސަސާތަކުގައި ހުރި އުނިކަންކަން އެގޮތުގައި ބާއްވަން އެ މުއައްސަސާތަކުގެ ވެރިން ބޭނުންވާނަމަ، މިހުރިހާ ވާހަކަ ހާސަރަށްވެ ނިމުނީއެވެ. އެހެން ނަމަވެސް މި މަސައްކަތް މިކުރީ މި ޤައުމުގެ މަޞްލަޙަތަށް ޓަކައި، ޚާއްޞަކޮށް ޤައުމުގެ ހުންގާނުގައި ތިއްބެވި ކައްޕިތާނުންނަކީ، ޤައުމު ހެޔޮރާސްތާއަށް އެޅުވުމަށް މަސައްކަތްކުރާ ފަރާތްތަކެއްކަމަށް ޤަބޫލު ކުރެވޭތީ، މިހާރު އެހެން ނުވާނެ ކަމުގެ އުންމީދާއެކުގައެވެ. ޤައުމު އިޞްލާޙު ކުރުމުގައި ރައްޔިތުންގެ މައްޗަށްވެސް އޮތް ދައުރާއި ވާޖިބު އަދާކުރުމުގެ ނިޔަތުގައެވެ. މެސެޖު ފޯރުކޮށްދީ އިޞްލާޙު ކުރުމަށް “ޕްރެޝަރު” ކުރުމުގެވެސް ބޭނުމުގައެވެ. ދެންއޮތީ ވެރިންގެ ދައުރެވެ. އުންމީދު ކުރަނީ އެދައުރު ފެންނާނެކަމަށެވެ.

ނިމުނީ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.