އަވަސް ޚިދުމަތް! (1)

ކޮންމެ ބަޔަކަށްވެސް ބޭނުންވާނެ އެންމެ މުހިންމު އެއްކަމަކީ އެބަޔަކަށް ލިބޭ ޚިދުމަތްތައް އަވަސްވުމާއި، އެ ޚިދުމަތްތައް އަގުހެޔޮވުމެވެ. ކިތެންމެ ބޮޑު އަގެއް ދީގެންވެސް ގަންނަން ނުލިބޭ އަގުހުރި “ވަގުތު”ތައް ހީނުކުރާގޮތަކަށް ބޭކާރުވެ ގެއްލިގެން ދިއުމަކީ ހިތްހަމަ ޖައްސާލެވޭވަރަށްވުރެ ބޮޑު މައްސަލައެކެވެ. މިޒަމާނަށް ބަލާއިރު ކޮންމެ މީހަކު ކުރަންހުންނަ ކަންތައްތައް ގިނަކަމާއެކު ދުވާލެއްގެ 24 ގަޑިއިރަކީވެސް ކުޑަ ވަގުތުކޮޅެއް ކަމަށް އޮންނަނީ ވެފައެވެ. އެހެންކަމުން މިނެޓެއް ދެ މިނިޓެއް ހާއިރުން ނިންމާލެވޭފަދަ ކަންކަމަށް ގަޑި ދެ ގަޑިއިރު ހޭދަކުރަން ޖެހޭ ގޮތަށް ކަންކަން ހަމަޖެހިފައި އޮތުމަކީ އެކަންކަން އިންތިޒާމުކޮށް ހަމަޖައްސަން ތިބޭ ބައަކީ ނާޤާބިލު ބައެއްކަމަށް ދުށުމުގެ ފުރުޞަތު ހުޅުވިގެންދާނެ ސަބަބެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ހިންގުމުގެ ހުރިހާ ކަމެއް އެބައެއްގެ ބޮލުގައި އެޅިފައިވާ، އަދި އެ ބުރަ މަސްއޫލިއްޔަތު އުފުލަމުންވެސް ގެންދާ ބައެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އިދާރީ ހިންގުމުގެ ބާރު ކަމަށްވާ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުގެ ދަށުން ހިންގަމުން ގެންދާ މިނިސްޓްރީތަކާއި އޮފީސްތަކާއި ޚިދުމަތްދޭ ތަފާތު ތަންތަނުގެ ޙާލަތާގުޅޭ ގޮތުން ޢާންމުން ކުރާ ބައެއް ޝަކުވާތައް ސަރުކާރުގެ ކަންފަތާ ހަމައަށް ފޯރުކޮށްލަދިނުމަކީ މި ލިޔުމުގެ މަޤްޞަދެވެ. އެމަޤްޞަދު ޙާޞިލުވެ އެކަންކަމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެނަމަ އެ ނިމުނީއެވެ. މިކަމާ ގުޅޭ ދިރާސާތައް ކުރެއްވުމާއި، ގެނެވެން ހުރި ބަދަލުތައް ބައްލަވައި ކަންކަން ބަދަލު ކުރެއްވުމާއި، އެބަދަލުތަކަކީ ރަނގަޅު ހެޔޮ ބަދަލުތަކެއްތޯ ބެއްލެވުމާއި، މިކަންކަން ސަރުކާރަށް ދޫކޮށްލާނަމެވެ. ދިވެހި މުޖުތަމަޢާ ގުޅޭގޮތުން އެކަންކަން ރަނގަޅު ކުރެއްވުމަށް ކުރެއްވިދާނެ ކަންކަން މުޖުތަމަޢާ އެކަށީގެންވާ މިންވަރު ބެއްލެވުމަކީ މަސައްކަތްތައް ކުރައްވާ ފަރާތަކަށް ނޫނީ ކުރުން އުނދަގޫ ކަމަކަށް ވާނެތީއެވެ. އެކަމަކު އިޞްލާހު ކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކާބެހޭ ބައެއް ޚިޔާލުތައް ހުށަހަޅާލެވޭތޯ ބެލުމަކީ އަޅުގަނޑުގެ މަސައްކަތެވެ.

އިޝްތިހާރު Below Header ad

ދިވެހިރާއްޖޭގެ، ނުވަތަ ދިވެހި ރާއްޖޭގައި ދިރިއުޅޭ، ގިނަބަޔަކު އެތަނަކުން ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު އެތަންތަނަށް ދާންޖެހޭ، އެތަންތަނަށް ނުގޮސް ވާން ނޯންނަ ބައެއް ތަންތަނުން ޚިދުމަތްދިނުމުގައި ގެންގުޅޭ އުޞޫލުތައް ރަނގަޅުކޮށް އިޞްލާޙު ކުރުމާމެދު ވިސްނާލަމާތޯއެވެ. އެގޮތުން، އެންމެ ފުރަތަމަ، މައްސަލަތަކަށް ބަލައިލަމާ ހިނގާށެވެ!

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަކީ ދިވެހި ކޮންމެ ރައްޔިތަކު ހައްދަން ޖެހޭ އެއްޗެކެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޕާސްޕޯޓަކީ ދިވެހި ޤައުމުން ބޭރަށްދާ ދިވެހި ކޮންމެ ރައްޔިތަކު ބޭނުންވާ އެއްޗެކެވެ. އިންޖީނުލީ ތަފާތު އުޅަނދުތައް ދުއްވުމަށް ބޭނުންވާ ހުއްދަ (ލައިސަންސް) އަކީ އެފަދަ އުޅަނދެއް ދުއްވަން ބޭނުންވާ ކޮންމެ މީހެއްގެ އަތުގައި އޮންނަންޖެހޭ އެއްޗެކެވެ. ކަރަންޓު، މާލޭގައިނަމަ ބޯފެން، ޓެލެފޯނުލައިން، ފަދަ ޚިދުމަތްތަކާ ގުޅޭ ކަންކަމަކީވެސް ކޮންމެ މީހަކަށްވެސް އަސާސީ ޚިދުމަތުގެ ގޮތުގައި ބޭނުންވާ ކަންކަމުގެ ގޮތުގައި އޮންނަ ކަންތައްތަކެވެ. މިފަދަ ކޮންމެ ޚިދުމަތެއް ހޯދުމަށްވެސް އިންތިޒާމު ހަމަޖެހިފައި އޮންނަނީ އެކަމެއް ކުރުމަށް އެދި ހުށަހަޅާ ފޯމަކުން އެކަން ކުރާ ގޮތަށެވެ. ޚިދުމަތްދޭ ތަނަށްގޮސް ފޯމު ހުށަހެޅުމަށް ޓަކައި ޖެހެނީ އިންތިޒާރީ ސަފުގައި މަޑުކުރާށެވެ. އެ ސަފަށް މީހާ ވަންނަނީ ޚިދުމަތްދޭ ތަނަކުން ދޫކުރާ ނަންބަރެއް ލިބުމުން ކަމަށްވާއިރު، ބައެއް ފަހަރު އެ ނަންބަރު ނެގުމަށްވެސް ސަފުތައް ރުކުރުވާލެވޭތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. އެއިން ކޮންމެ ކަމެއްގައި ހޭދަވެގެން ދަނީވެސް އެކަމުގައި ހޭދަކުރަންޖެހޭ ބައެއްގެ ޙަޔާތުގެ ވަގުތުތަކެވެ. އެބަޔަކީ ވެސް ޤައުމުގެ އެކި ކަންކަމުގައި އުޅޭ މީހުންނަށް ވާއިރު، ޚިދުމަތް ހޯދުމުގެ އިންތިޒާރީސަފުތަކުގައި އެބަޔަކު ތިބޭ ވަގުތު ތަކަކީ އެބައެއްގެ ފަރާތުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ޚިދުމަތްތައްވެސް ހުއްޓިފައި ހުންނާނެ ވަގުތު ތަކެއްކަން ކަށަވަރެވެ. އެއީ އަދި މަސްވެރިންނަށް ވިޔަސް ނުވަތަ ދަނޑުވެރިންނަށް ވިޔަސް ނުވަތަ އަމިއްލަ ކުންފުންޏެއްގެ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ މުވައްޒަފަކަށްވިޔަސް އެފަރާތަކުންދޭ ޚިދުމަތް އެވަގުތަކަށް ހުންނަނީ ހުއްޓިފައެވެ. އެކަން އެނގެނީ އެކި ކަންކަމުގައި ޚިދުމަތް ހޯދަންގޮސް މިދެންނެވި ސަފުތަކުގެ އެންމެ ފަހަތުގައި ތިބެގެން ޚިދުމަތް ލިބިގަތުމަށް ދާންޖެހޭ ހިސާބަށް ދެވޭއިރު “ތިޔަކަމާބެހޭ ކުއްޖާ މިވަގުތު ނެތޭ، އޭނާ އައިމާ އިތުރު ނަންބަރެއް ނުނެގިޔަސް ތިކަން ކޮއްލަދޭނަމޭ” ބުނެ އިތުރު އިންތިޒާރަކަށް ފޮނުވާލާ ފަހަރު އަންނަނީ މަދުން ކަމަށް ނުވާތީއެވެ. އެވަގުތަކީ އެފަދަ ކޮންމެވެސް ޚިދުމަތެއް ހޯދުމަށް އެމުވައްޒަފުވެސް އިންތިޒާރުގައި ހުރި ވަގުތުކަމަށް ވުމަކީ ދުރުކަމެއްނޫނެވެ.

ޤަބޫލު ކުރަންޖެހެއެވެ. ޚިދުމަތްދޭން ތިބޭ މުވައްޒަފުންނަކީވެސް އެމީހުންނަށް ރައްޔިތުންގެ ފައިސާ ދީފައި ބައިތިއްބާފައި ތިބި ބަޔަކަށް ވިޔަސް، ހަމަ އިންސާނުންނެވެ. އެމީހުންގެވެސް ޠަބީޢީގޮތުން ބޭނުންވާ ޟަރޫރީ ބޭނުންތައް ހުންނާނެއެވެ. ބަލިވެސްވާނެއެވެ. އެމީހުންގެ ޢާއިލާތައްވެސް އޮންނާނެއެވެ. ޠަބީޢީގޮތުންނާއ ިއިޖްތިމާޢީގޮތުންނާއި ނަފްސާނީގޮތުން ދިމާވާ ބައެއް ކަންކަމުގެ ސަބަބުން މަސައްކަތް ކުރާހިތްނުވާ އަދި މަސައްކަތް ކުރަންބޭނުންވިޔަސް މަސައްކަތް ނުކުރެވޭ ފަދަ ޙާލަތްތައްވެސް އަންނާނެއެވެ. އެހުރިހާ ކަމަކަށް ރިޢާޔަތްކޮށްގެން މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާނެ އިންތިޒާމު ހަމަޖެއްސުމަކީ އެކަންކަން އިންތިޒާމު ކުރުމުގެ ބާރު އޮތް ފަރާތަކުން ކުރަންޖެހޭ ކަންކަމެވެ.

ކޮންމެއަކަސް ޚިދުމަތެއް ހޯދުމަށް މީހަކު ތަނަކަށް ހުށަހަޅަންޖެހޭ ފޯމެއް ހުށަހެޅުމުގެ ބޭނުމަކީ، އެކަމަށް ބޭނުންވާ މަޢުލޫމާތު ޚިދުމަތަށް އެދޭ މީހެއްގެ ފަރާތުން ޚިދުމަތްދޭ ފަރާތަށް ހޯދުމާއެކު، އެކަމަށް އެދި ހުށަހަޅަނީ އެކަމަށް އެދެންޖެހޭ، ނުވަތަ އެކަމަށް އެދުމުގެ ޤާނޫނީބާރު އޮތް ފަރާތަކުންކަން ޔަޤީންކުރުމާއި އެކަންކަން ސާބިތު ކޮށްދޭން ޖެހިއްޖެ ހިނދެއްގައި އެކަންކަން ސާބިތުކޮށްދޭން ޖެހޭ ފަރާތަކަށް ސާބިތު ކޮށްދިނުންކަމަށް ވުމަކީ އަޅުގަނޑަށް ވިސްނޭ ގޮތެވެ. އެހެންކަމަށް ވާނަމަ ފޯމެއް ހުށަހެޅުމުގެ ބޭނުމަކީ އެ ޚިދުމަތް ހޯދަންއެދޭ މީހާ ޚިދުމަތްދޭމީހާގެ މޫނު ފެންނަހިސާބުގައި އިނދެގެން ހުރިހާ ކަމެއް ނިންމުން ކަމަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. އަދި އެއީ ބޭނުމެއް އޮތް ކަމެއްވެސް ނޫނެވެ. އެހެންވީމާ ފޯމު ބަލައި ޗެކްކުރުމަށް ފަހު، “އާނ! މައްސަލައެއް ނެތޭ! މިވެނި ދުވަހެއްގެ މިވެނިގަޑިއަކަށް ދެން ވަޑައިގަންނަވާށޭ!” ވިދާޅުވުމަށްޓަކައި، ޚިދުމަތަކަށް އެދޭ ފޯމެއް ހިފައިގެން ގޮސް ކަމާބެހޭ އިދާރާގެ މުވައްޒަފެއްގެ އަތްޕުޅަށް ފޯމު އެރުވުމުން ޚިދުމަތް ހޯދަން އަންނަ މީހާ އެ މުވައްޒަފެއްގެ ކުރިމަތީގައި ބައިންދައިގެން ފޯމު ޗެކްކުރާ އުޞޫލު ހަމަޖެހިފައި އޮތުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނެއެވެ. އަދި އެއީ ޚިދުމަތް ހޯދަން އަންނަ ފަރާތުގެ ވަގުތުގެ އިތުރުން، ޚިދުމަތް ދޭންތިބޭ ބައެއްގެ ވަގުތުތައްވެސް އެގޮތުން ބޭކާރު ވެގެން ދާނެކަމެކެވެ. ބައެއްފަހަރު ޚިދުމަތްހޯދަން އަންނަ ފަރާތުން އޮޅުންފިލުވަން ބޭނުން މުހިންމު ކަމެއް ނެތަސް ޚިދުމަތްދޭން އިންނަ މުވައްޒަފާ އަނގަތަޅާތަންވެސް އާދެއެވެ. އޭނާ ދައްކާ ވާހަކައަށް މުވައްޒަފު ޖަވާބެއް ނުދިނުމަކީ “ފޮނިކަން” ނުވަތަ ގޯސްކަމެއްކަމަށް މާނަކުރެވިދާނެތީ، އެކަމުގެ ސަބަބުން މަސައްކަތަށް ދަތިވިޔަސް ނުވަތަ ދައްކާ ވާހަކައިގެ ބާވަތުން ޖަވާބުދޭން ބޭނުން ނުވިޔަސް ދައްކާ ވާހަކައަށް މުވައްޒަފު ޖަވާބުވެސް ދޭނެއެވެ. މިއީވެސް ހަމަ ގެއްލިގެންދާ ވަގުތެވެ.

އަނެއް މައްސަލައަކީ ޚިދުމަތްދޭ ތަންތަނުން ނަންބަރު ނަގާއިރު އެތައްބައެއްގެ ފަހަތުން ނަންބަރު ލިބުމުން، އެތަނުގައި އިންނަންޖެހޭ، ނުވަތަ އިރުއިރުކޮޅުން އެތަނަށް އައިސް ނަންބަރު ޖެހޭތޯބަލަބަލާ ތިބެންޖެހުމެވެ. ހިތް ނުތަނަވަސްކަމެއްގެ ތެރޭގައި ހުންނަންޖެހުމެވެ. އެހެނިހެން އެތައް ބައިވަރު ކަންތައްތައް ހުންނަ އިރުވެސް އެކަންކަމަށް އެނބުރި ގަންނަން ޖެހިލުންވެ ހިތްބިރުގަނެފައި ހުންނަންޖެހުމެވެ. މިސާލަކަށް 50 ވަރަކަށް މީހުންގެ ފަހަތުން ނަންބަރު ލިބޭމީހާއަކީ، ޖެހިގެން ހުރި ޢިމާރާތުގައި ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއް އަދާކުރާ މީހެއްކަމަށްވީ ނަމަވެސް އޭނާއަށް އޭނާގެ އޮފީހުގައި މަޑުން އިނދެ މަސައްކަތް ކޮށްލެވޭނެ ގޮތެއް ނޯވެއެވެ. ލިބިފައިވާ ނަންބަރު ގާތްވޭތޯ މިހާރު ކިތައް ނަންބަރު ހިނގައްޖެތޯ، ޚިދުމަތްދެމުން ގެންދަނީ ކިހާ ހަލުވިމިނެއްގައިތޯ މިހުރިހާ ކަމަކާމެދު ވިސްނަން އޮފީހުގައި އިނުމަށްވުރެ، ޚިދުމަތްދޭ ތަނުގައި ހުންނަ ނަންބަރުތައް އަރާ  ބޯޑުތަކަށް ބަލަބަލައި އެތަނުގައި އިނުންވެސް ހިތަށް މާފަސޭހަވާނެއެވެ. އޮފީހުގައި އިނަސް އެފަދަ ޙާލަތުގައި މީހާގެ ސިކުނޑި ހުންނާނީ އޭނާ އެބޭނުންވާ ޚިދުމަތެއްދޭ ތަނުގައި ކަމަށްވާތީއެވެ.

ތެދެކެވެ! ދުނިޔޭގެ ގިނަ ތަންތަނާ އަޅާބަލާއިރު، ދިވެހިރާއްޖެއަކީ، މި ރާއްޖޭގައި އުޅޭ ރައްޔިތުން ޝުކުރުވެރިވުން ޙައްޤު މިންވަރަށްވެސް ކަންކަމުގައި ލުއިފަސޭހަކަން އޮތްތަނެކެވެ. އެކަން އެނގޭނީ އެހެން ގިނަ ޤައުމުތަކުގައި ޚިދުމަތްތައް ހޯދަން މީސްމީހުން އުޅޭ ޙާލު ދެކެ ތަޖުރިބާ ކުރެވިފައިވާ މީހުންނަށެވެ. އެހެންކަމުން މިފަދަ ކަންކަމާ ދިވެހިން ޝަކުވާ ކުރާވަރެއްނޫނޭ، ބުނުމުގެ ފުރުޞަތު އޮތްކަން ޤަބޫލުކުރަމެވެ. އެކަމަކު މިތަނުގައި މިދައްކާ ވާހަކައަކީ، ކުރިއެރުމާއި ކުރިއެރުވުމުގެ ވާހަކައެވެ. ޤައުމުގެ ތަރައްޤީގެ ދުވެލި އިތުރަށް ހަލުވި ކުރުމަށްޓަކައި، މަސައްކަތްކުރަން ތިބި ފަރާތްތަކަށް އެކަމަށް ގިނަވަގުތު ލިބޭނޭގޮތް ހޯދައިދިނުމުގެ ވާހަކައެވެ. މިއީ އެއްކަމަކާހެދި އަނެއް ސަތޭކަ ކަންތައް ހުއްޓިފައި ނުހުންނާނޭގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ކުރެވެންހުރި ކަމަށް ފެންނަ ކުދިކުދި އެހެނަސް ބޮޑެތި ކަންކަމާ ގުޅޭގޮތުން ޙިއްޞާކުރެވޭ ޚިޔާލެކެވެ.

ޙައްލުގެ ވާހަކަ ދައްކަމާ ހިނގާށެވެ!

މި ޒަމާނަކީ ކޮންމެ މީހަކަށް އެމީހަކު ހުރިތަނަކުން ގުޅައި ވާހަކަ ދައްކާލެވޭނެ ލުއިފަސޭހަކަން އޮތް ޒަމާނެކެވެ. އެންމެ ބިރުބޮޑު އެއް މުޢާމަލާތް ކަމަށްވާ ފައިސާގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ކުރާ ބެންކު ތަކުންވެސް ފޯނު މެދުވެރިކޮށް މީހާއަކީ ކާކުކަން ޔަޤީންކުރުމަށްފަހު، މީސްމީހުންގެ ނަމުގައި ހުޅުވާފައި ހުންނަ އެކައުންޓުތަކާއި އެކައުންޓުގައި ހުންނަ ފައިސާއާ ގުޅޭ ކަންކަން، ހަމަޖައްސައިދެމުން ގެންދާއިރު، އެކަމުގައި އެވަރުގެ ނުރައްކަލެއްނެތް އެއަށްވުރެ އާދައިގެ ކަންކަން އެ އުޞޫލުން ނުކުރެވެންވީ ސަބަބެއް އޮތްކަމަށް ނުފެނެއެވެ. މިދަންނަވަނީ ފޯމު ހުށަހެޅުމުގެ ބަދަލުގައި ފޯނުން ގުޅާލައި ތިމަންނަގެ ޕާސްޕޯޓުހަދައިދޭށޭ ބުނުމުން ޕާސްޕޯޓު ހަދައިދޭ ވާހަކައެއްނޫނެވެ. އެހެން ނަމަވެސް ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމު ހިފައިގެން އައިސް ވައްޓާލާނޭ ފޮއްޓެއް އެފަދަ ކޮންމެ ތަނެއްގައި ބެހެއްޓިދާނެއެެވެ. އޭރުން ސޮޔާއި އިނގިލީގެ ނިޝާންގެވެސް އަޞްލު އެ ފޯމުގައި އޮންނާނެއެވެ. އަދި އޭގެ އިތުރުން އޮންލައިންކޮށް ޚިދުމަތަށް އެދި ފޯމު ހުށަހެޅޭނެގޮތް ހަމަޖެއްސިދާނެއެވެ. އެފަދަ ފޯމެއްގައި ޖަހަންޖެހޭ އިނގިލީގެ ނިޝާނާއި ކުރަންޖެހޭ ސޮއިގެ އަޞްލު ނެެގުމަށް އެފޯމުގައި ހުސްޖާގައެއް ބޭއްވިދާނެއެވެ. ޚިދުމަތް ފުރިހަމަކޮށްދީ އެފަރާތުން ބޭނުންވާ ކަމެއް އެފަރާތަށް ކޮށްދެވޭ ވަގުތު ފޯމުގައި ފުރިހަމަ ނުވެ ހުރިބައިތައް ފުރިހަމަ ކުރާ ވަގުތާ ގުޅުވާލެވިދާނެއެވެ. އެގޮތުން އެފަދަ ޚިދުމަތަކަށް އެދި އޮންލައިންކޮށް ހުށަހަޅައިފިނަމަ، އެފަދަ ޚިދުމަތެއް ފުރިހަމަކޮށްދީ، ޙަވާލުވާންޖެހޭ އެއްޗަކާ ހަވާލުވާން އަންނަ ފަރާތަކީ ސީދާ ޚިދުމަތަށް އެދުނު ފަރާތްތަކަމަށް ހަމަޖައްސާފައި ބޭއްވިދާނެއެވެ. އޭރުންވެސް އެފަރާތް އަންނަން ޖެހޭނީ ހަމައެކަނި އެ ތަކެއްޗާ ޙަވާލުވުމަށެވެ. އަދި އެގޮތުން ޙަވާލު ވުމަށް ޙާޟިރުވާނެ ވަގުތު ދޭއިރު، ކޮންމެ ފަރާތަކަށް އެފަދަ ޚިދުމަތެއް ދިނުމަށް ހޭދަވާނެ ވަގުތު ބަލައިގެން ޚިދުމަތްލިބިގަންނަ ފަރާތްތައް ޙާޟިރުވާންވީ ވަގުތު ކަނޑައެޅުމުން ގިނަވަގުތު އިންތިޒާރުގައި ނުތިބެ ޚިދުމަތްލިބޭނެ ގޮތް ހަމަޖެހިގެން ދާނެއެވެ. އޭރުން އޮފީސްތަކުގެ މުވައްޒަފުން އޮފީހަށްގޮސް ސޮއި ކޮށްފައި “ތިމަންނަ ޕާސްޕޯޓު ހައްދަން ވެގެން”ނޭ ބުނެ އެދުވަހު ރަސްމީގަޑި އެއްކޮށް އޮފީހަށް ނުވަދެ އުޅޭތަނެއް ނާންނާނެއެވެ. އެފަދަ މަކަރެއް ހަދަން ބޭނުންވާ މީހަކަށްވެސް މަކަރު ހެދުމަށް އޮތް ޖާގަ އެގޮތުން ހަނިކޮށްލެވޭނެއެވެ.

ތަނަކުން ޚިދުމަތެއް ހޯދަން ނަންބަރެއް ނަގައިގެން އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި އެންމެ ކަމެއްގައި ބަނދެވިގެން އެތައް ގަޑިއިރަކު އިންނަން ޖެހުމުގެ މައްސަލައަށް ޙައްލެއް ގެންނަން ވިސްނާއިރު، ކޮންމެހެން ނަންބަރު ނަގައިގެން އިންތިޒާރުގައި ހުންނަންޖެހޭ ފަދަ، ޙާލަތްތަކުގައިވެސް މިހާރު ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސެން އެބަހުއްޓެވެ. ފޯނުކުރުމުން މިހާރު ޚިދުމަތްދެނީ މިވެނި ނަންބަރަކަށްކަމަށް ބުނެދިނުމުގެ ޚިދުމަތް ދިނުމަކީ ޢާންމުކޮށް މުއައްސަސާ ތަކުންކުރާކަމެއްނޫނެވެ. އަދި އެއީ ކުރަން ތަންކޮޅެއް އުދަގޫ ކަމަކަށްވެސް ވެދާނެއެވެ. އަދި އެފަދަ ޚިދުމަތެއް ދޭނަމަ އެ ކަމަށް ޚާއްޞަ ނަންބަރަކަށް ގުޅުމަކީވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަންބަރު ނަގައިގެން ތިބޭ އެންމެން ތިބޭނީ، އެނަންބަރަށް ނުގުޅިގެން ގުޅަގުޅާކަމަށް ވާތީއެވެ. އެކަމަކީވެސް ރަނގަޅު ޙައްލެއްކަމަށް ވާނެކަމަކަށް ނުފެނެއެވެ. ދިވެހިރާއްޖޭގައި ޚިދުމަތްދޭ ތަންތަނަށް ބަލާއިރު، ކޮންމެ މުއައްސަސާއަކަށް، އަދި ބައެއް ތަންތަނުގައި އެއިން ކޮންމެ ތަނެއްގެ ކޮންމެ ސެކްޝަނަކަށް ވާވަރަށްވެސް އޮންލައިން ސައިޓްތައް ހުރެއެވެ. އެހެން ނަމަވެސް އެ ސައިޓަށް ވަދެގެންވެސް އެމީހުންގެ ޚިދުމަތްދެމުންގެންދާ ނަންބަރު ތަރުތީބު ބަލާލެވޭނެ އުޞޫލެއް ހަމަޖެހިފައި ނުހުރުމަކީ މައްސަލައެކެވެ. މިއީ މި މައްސަލަ ޙައްލު ކުރުމުގައި ޢަމަލުކުރެވިދާނެ އެއްގޮތެއްވެ. ޖީބުފޯނަކީ މިހާރު ކޮންމެ މީހެއްގެ އަތުގައި އޮންނަ އެއްޗަކަށްވާއިރު، ރާއްޖޭގައި ފޯނާގުޅޭ ތަފާތު ޚިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ވަކި ނަންބަރަކަށް ފޮނުވާލެވޭ ކުރު މެސެޖަކުންވެސް ކޮންމެ މުއައްސަސާއެއްގައި މިހާރު ޚިދުމަތްދެމުންގެންދާ ނަންބަރު ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުރެވިދާނެ ކަމެއްކަމަށްވާއިރު، މުޅި ދިވެހިރާއްޖޭގައިވެސް މަދު ތަނަކުން ނޫނީ އެ ޚިދުމަތެއް ނުދެވެއެވެ. އެފަދަ ޚިދުމަތަކީ ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާއިން އިތުރު ޚަރަދެއް ނުކުރިޔަސް ފޯނާގުޅޭ ޚިދުމަތްދޭ ފަރާތްތަކަށް އެ މެސެޖު ތަކުގެ ސަބަބުން ލިބޭ މަންފާއަށް ޓަކައިވެސް އެފަރާތުން ދީފާނެ ޚިދުމަތެކެވެ. އެހެން ކަމުން، މިފަދަ ލުއިފަސޭހަތައް ރައްޔިތުންނަށް ހޯދައިނުދޭންވީ ސަބަބެއްނެތެވެ.

ދިމާވެދާނެ ކަމަށް ލަފާކުރެވޭ މައްސަލަތަކަކީ ލުއިފަސޭހަތަކަށް ހުރަސް އެޅެންވީ ސަބަބެއްނޫނެވެ!

ނުނިމޭ…………

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.