ޚަބަރު ފީތާ

ފަހަތުން އަރައި އާސެނަލް ބަލިކޮށް ސިޓީ ލީގުގެ ދެވަނައަށް ޖެހިލައިފި.

 

މެޗުގެ ވަރަށް ކުރީކޮޅު އާސެނަލްއިން ގޯލެއް ޖަހާ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުން އާސެނަލްގެ މައްޗަށް ކުރި ހޯދާ ޕްރިމިއަރ ލީގުގެ ދެވަނަ މަގާމަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލްއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ  ލީޑުނަގާފައެވެ. ސަންޗޭޒް ދިން ޕާހަކުން މި ގޯލު މެޗުގެ ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓްއެވެ.

މި ގޯލްޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ރަހީމް ސްޓާލިންއަށް ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދޭން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލީރޯއި ސާނޭ ވަނީ ލަނޑެއް ޖަހާ ސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު މުޅި މެޗު ޑޮމިނޭޓްކޮށްގެން ރަނގަޅު ކުޅުމެއް ސިޓީން ދައްކަމުން ދިޔައިރު އެޓީމުން ދިޔައީ އާސެނަލްގެ ގޯލަށް މެދު ކެނޑުމެއް ނެތި ހަމަލާ ދެމުންނެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ލަނޑެއް ޖަހާ ސިޓީއަށް މެޗުގެ ލީޑުނަގާދީފައެވެ.

މި ގޯލަށްފަހު ވެސް ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތެއް  ސިޓީއަށް ލިބިފައިވެއެވެ.

ދެވަނަ ހާފްގައި އާސެނަލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު އެ ހާފުގައި ސިޓީގެ ގޯލަށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް އާސެނަލްއަށް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުން އާސެނަލް ބަލިވިއިރު މިއީ އެޓީމު ލީގުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ސިޓީ ލީގުގެ ދެވަނައިގައި އޮތީ 36 ޕޮއިންޓާއެކީގައެވެ. ނަމަވެސް މާދަމާ ރޭ ކުޅޭ މެޗުން، ލީގުގެ ތިންވަނައިގައި މިވަގުތު 34 ޕޮއިންޓާއެކީ އޮތް ލިވަޕޫލް މޮޅުވެއްޖެނަމަ، އެޓީމަށް އަލުން ލީގުގެ ދެވަނަ ލިބޭނެއެވެ. މިރޭގެ މެޗުން ބަލިވި އާސެނަލް އޮތީ 34 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 43 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ.

Rate this post