އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ކަނޑައަޅާފައިވާ ނޭޝަންވައިޑް ސަބްމެރިން ކޭބަލް، ގދ. ތިނަދޫގައި ޤާއިމްކޮށްފައިވާ ލޭންޑިންގ ސްޓޭޝަނާއި ގުޅާލައިފިއެވެ.
25 މިލިއަން ޑޮލަރުގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓް ފަށާފައިވަނީ އުރީދޫއަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއެކު، ވީހާ އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.
ރާއްޖޭގެ ދެކުނުން އުތުރަށް މި ކޭބަލް ދަމާލެވިގެންދާއިރު، ސ. ހިތަދޫ، ގދ. ތިނަދޫ، ކ.ހުޅުމާލެ، މ.ކޮޅުފުށި، ބ.އޭދަފުށި، އަދި ހދ. ކުޅުދުއްފުށީގައި ކޭބަލް ލޭންޑިންގ ސްޓޭޝަންތައްވަނީ ޤާއިމްކޮށްފައެވެ.
އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް 8 ޑިސެމްބަރ 2016 ގައި ފަށާފައިވާ އިރު، ހަމަ އެދުވަހު ސ. ހިތަދޫގައިވާ ކޭބަލް ލޭންޑިންގ ސްޓޭޝަނާއި ވަނީ ގުޅާފައެވެ. އަދި މި މަސައްކަތް އަންނަ ޖެނުއަރީ މަހު ނިމޭނެކަމަށް އެ ކުންފުނިން ލަފާކޮށްފައިވާ އިރު، މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަރނެޓް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އުރީދޫ އިން ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ސަބްމެރިން ކޭބަލް އެޅުމުގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މިއަދުގެ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ޓެލެމެޑިސިންގ، ޓެލެވަރކިންގ، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓްގެ ޚިދުމަތްތައް ހިމެނެއެވެ.
އުރީދޫ އަކީ މުޖުތަމަޢުގެ ތަރައްޤީއަށް އިސްކަންދޭ ކުންފުންޏަކަށްވެފައި، އެކުންފުނިން ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް އިންވެސްޓްކޮށް، ދިވެހިންނަށް އިޤްތިސާދީ، އިޖްތިމާޢީ ކުރިއެރުމުގެ ފުރުޞަތުތަކާއި ގުޅުވާލަދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.