އިސްލާމީ ޤައުމުތަކުގެ ވެރިންނާއެކު ބާއްވާ ޚާއްޞަ މަޝްވަރާތަކެއްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެ

ޕާކިސްތާނު ސަރުކާރުން އިސްނަގައިގެން ދުނިޔޭގެ މުސްލިމް ޖަމާޢަތްތަކަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކާބެހޭގޮތުން ބާއްވާ މުހިންމު ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ. މަޝްވަރާ ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ބައްދަލުވުމުގައިި ޕާކިސްތާނުގެ އެކި ވުޒާރާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ދުނިޔޭގެ ގިނަ މުސްލިމް ޤައުމުތަކެއްގެ މަންދޫބުން ބައިވެރިވެއެވެ. “އިންޓަރނޭޝަނަލް ސީރަތު ކޮންފަރެންސް 2016” ގެ ނަމުގައި ޑިސެމްބަރ 11 އިން 12 އަށް ޕާކިސްތާނުގެ   ލާހޫރުގައި ކުރިއަށްގެންދާ މި ބައްދަލުވުމުގެ މަޤްޞަދަކީ ޕާކިސްތާނާއި އަދިވެސް އެހެން ޤައުމުތަކުގައި ދިރިއުޅެމުންގެންދާ މުސްލިމް ޖަމާޢަތަކަށް ދިމާވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެހެން މުސްލިމް ޤައުމުތަކުން ކުރާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރުގެ ބައިވެރިވުން އޮތްކަން ހާމަކޮށް، މިގޮތުގެމަތިން ހަރުދަނާ މަސައްކަތްތަކެއް ކުރަންފެށުން ކަމުގައި ޕާކިސްތާނު ސަރުކާރުން ހާމަކުރެއެވެ. އަދި ޕާކިސްތާނަކީ މުސްލިމް ޤައުމަކަށްވުމުން، ފަހަކަށްއައިސް މީޑިއާތަކުގައި ޕާކިސްތާނު ރައްޔިތުންނާދޭތެރޭ ދެކޭގޮތް މަޑުމަޑުން ބަދަލުވަމުން އަންނަކަމީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށް ސިފަކޮށް، އެމަންޒަރު ބަދަލު ކުރުމަށް އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށްވެސް މި ބައްދަލުވުން އެހީއަކަށް ވާނެކަމަށް  ޕާކިސްތާން ސަރުކާރުން ދެކެއެވެ.

ވަކިން ޚާޢްސަކޮށް، މުސްލިމުންގެ ޙަޤީޤީ ސިފަތަކަކީ ކޮބައިކަން މީހުންނަށް އޮޅޭ ހިސާބަށް ގޮސް، މުސްލިމުންނަކީ ނުރައްކާތެރި ބައެއްގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދޭން ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ މިފަދަ ދަނޑިވަޅެއްގައި، އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން ޒަމާނީ ވަޞީލަތްތަކުގެ ތެރެއިން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ދިގު ރާސްތާ ފިޔަވަޅުތަކަކާމެދު މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށްވެސް މި ބައްދަލުވުމުގައި މަސައްކަތްކުރާނެއެވެ. އަދި އިސްލާމް ދީނުގެ ދިފާޢުގައި މިކުރާ މަސައްކަތްތައް ހުއްޓާނުލާ، ކުރިއަށް އަންނަންއޮތް ޖީލުތަކަށް ދެމިގެންދާހެން ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް، އެއްޤައުމު އަނެއްޤައުމާއި ދޭތެރޭ އޮންނަ ގުޅުން ހަރުދަނާކުރުންވެސް މި ބައްދަލުވުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އިޝްތިހާރު Below Header ad

މި މަސައްކަތު ބައްދަލުވުމުގެ ފުރަމަބައިގައި މަޝްވަރާ ކުރާނީީ މުސްލިމް ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭ ގޮތުންނެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ހަތަރު ކަމަކާގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް، އެކި ޤައުމުތަކުގެ ފަރާތުން ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

ހ) ތަފާތު ދީންތަކުގެ މީހުން އެއްޖަމާޢަތެއްގެ ތެރޭގައި އުޅޭ މުޖްތަމަޢުތަކުގެ އަމާންކަމާއި ސުލްޙަވެރިކަމުގެ މުހިންމު ކަމާއި، އެކަމަށްޓަކައި ކުރެވިދާނެ މަސައްކަތްތައް.

ށ) ޒަމާނީ މީޑިއާގެ މުހިންމުކަމާއި، މީޑިއާގެ ވަޞީލަތްތައް ބޭނުންކުރެވޭނެ އެންމެ އެކަށޭނެ ގޮތްތައް.

ނ) ދީނީ ޢިލްމުވެރިންގެ މުުހިންމުކަމާއި ދީނީ ޢިލްމުވެރިންގެ ދައުރު.

ރ) ތަޢުލީމީ މުޤައްރަރުގެ މުހިންމުކަން؛ އަންނަންއޮތް ޖީލުތަކުގެ ދުޅަހެޔޮކަމާ ތަޢުލީމީ މުޤައްރަރުތައް މުޠާލިޢާކޮށް އިސްލާޙްކުރުމާ ގުޅިފައިވާ މިންވަރު، މުސްތަޤްބަލުގައި މިކަމުން ނިކުންނާނެ ނަތީޖާ އަދި ކުރިއަށް އަންނަންއޮތް ޖީލުތަކުގައި މި ނަތީޖާގެ ދައުރު ޙިއްޞާވާ މިންވަރު.

ބައްދަލުވުމުގައި ބައިވެރިވާ  ދުނިޔޭގެ އެކި ޤައުމުތަކުގެ ބައިވެރިންގެ ސިޔަރަތު ކިޔުމާއި، އެކި ޤައުމުތަކުގެ ބައިވެރިންގެ ޤުރުއާން ކިޔެވުމުގެ ހުނަރު ޙިއްޞާ ކުރުންވެސް މިބައްދަލުވުމިގައި އޮންނާނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނަށް ވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަލީ ވަޙީދާއި، އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ އަލްފާޟިލް ޙުސެއިން މަޢުރޫފެވެ. މި ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މި ދެބޭފުޅުން އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 13 ވާ އަންގާރަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.