ޚަބަރު ފީތާ

މެރީޑިއަމް މަޑިފުށި ކަޕް: ފައިނަލުގެ ފުރަތަމަ ޖާގަ ޑީސީ ސްޕޯޓްސް ކުލަބަށް..

މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގައަށް ޑީސީ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

އެޓީމު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިއަދު ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗު ވެނޯޒިއާ އެސްސީ ބައްދަލުކޮށް 0-1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސްޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންނަމަވެސް ލަނޑުޖަހާނެ މަދު ފުރުޞަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ.

މިއަދުގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޑީސީ ސްޕޯޓްސް ކުލަބުންޖެހީ 77 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ގޯލުތެރެއަށް ފޮނުވާލައިގެން ޖާރޒީ ނަމްބަރ 39 ޙަސަން މުނާޒެވެ.

މި މެޗުގައި ވެނޯޒިއާއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ދެވަނަ ހާފުގައިވަނީ ލިބިފައެވެ. އެގޮތުން މެޗު ނިމެންގާތްވެފައިވަނިކޮށް ޖާރޒީ ނަމްބަރ 27 އަޙްމަދު ޙާފިޒު (ހެޕީ)އަށް ލިބުނު ފުރުޞަތުގައި ޑީސީގެ ޑިފެންޑަރ ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ޑީސީ ސްޕޯޓްސް ކުލަބުގެ ޖާރޒީ ނަމްބަރ 39 ޙަސަން މުނާޒަށެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު 15:45ގައި ބައްދަލު ކުރާނީ ވަންހަ ގަބީލާ އާއި ވެނޯޒިއާ އެސްސީ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ.

މި މުބާރާތުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.

Rate this post