ތ. އަތޮޅު މަޑިފުށީގައި މިހާރު ކުރިއަށްދާ 27 ވަނަ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޑީސީ ސްޕޯޓްސް ކުލަބާއި ވެނޯޒިއާ އެސްސީ ބައްދަލުކުރަން ޖެހިއްޖެއެވެ.
އެއީ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޑީސީ ސްޕޯޓްސް ކުލަބާއި ވަންހަ ގަބީލާ ބައްދަލުކުރިމެޗު 1-1 ލަނޑުން ދެޓީމު އެއްވަރުވުމުންނެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޑީސީ ސްޕޯޓްސް ކުލަބުންނެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ ޖާރޒީ ނަމްބަރ 7 އެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްދިނީ ވަންހަ ގަބީލާގެ ޖާރޒީ ނަމްބަރ 17 އެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށް ހޮވިފައިވަނީ ޑީސީ ސްޕޯޓްސް ކުލަބުގެ ގިނަ ޙަމަލާތަކެއް ދިފާޢު ކުރި ވަންހަ ގަބީލާގެ ގޯލްކީޕަރ ޖާރޒީ ނަމްބަރ 6 އާތިފް އަޙްމަދެވެ.
އެ މެޗާއެކު އެންމެ ގިނަ ޕޮއިންޓު ލިބިފައިވަނީ 3 މެޗު ކުޅެ، 2 މެޗުން މޮޅުވެ، 1 މެޗުން 6 ޕޮއިންޓު ލިބިފައިވާ ވެނޯޒިއާ އެސްސީއަށެވެ. ޑީސީ ސްޕޯޓްސް ކުލަބަށް ދެވަނަ ލިބުނީ 3 މެޗު ކުޅެ، އެއްމެޗުން މޮޅުވެ، 2 މެޗުން އެއްވަރުވެގެން ލިބުނު 5 ޕޮއިންޓާއެކުއެވެ. ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ލިބިފައިވަނީ ވަންހަ ގަބީލާއަށެވެ. އެޓީމަށް 3ވަނަ ލިބުނީ 3 މެޗުކުޅެގެން އެއްމެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ އަދި އެއްމެޗުން ބަލިވުވުން ލިބުނު 4 ޕޮއިންޓާއެކުއެވެ.
މިއީ ކޮންމެ އަހަރެއްގެވެސް ބޮޑުޗުއްޓީ ދުވަސްވަރާއިދިމާކޮށް ކޮޅުމަޑުލު މަޑިފުށީގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުމުވުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.
މި އަހަރުގެ މުބާރާތުގައި 4 ޓީމުން ބައިވެރިވެފައިވާ އިރު، ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެގިނަ ޕޮއިންޓު ހޯދާ 3 ޓީމެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީންވާ އިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓި ހޯދީ ޓީމުގެމެދުގައި ކުޅޭ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަށެވެ.
މި މަހުގެ 3 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.