
އެމެރިކާއާއި އީރާނުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މަސައްކަތް އެބަ ކުރަން – ޕާކިސްތާނުން މިނިސްޓަރު
ޕާކިސްތާނުން އެމެރިކާއާއި އީރާނާ ދެމެދު ހުއްޓިފައިވާ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެމެރިކާއާއި އީރާނު އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށާއި މެދުއިރުމަތީގައި ފެތުރެމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުން ޚާރިޖީ ގޮތުން ކުރަމުންދާ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގް ދާރު ވިދާޅުވި އެވެ. އަދި ސުލްހަވެރި ހައްލެއް ހޯދުމަށް އިސްލާމްއާބާދުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ޕާކިސްތާނުގެ ވެރިރަށުގައި ބޭއްވި އިކޮނޮމިކް ކޯޕަރޭޝަން އޯގަނައިޒޭޝަން (އީ.ސީ.އޯ) ގެ ކައުންސިލް އޮފް މިނިސްޓާސް ސަމިޓް ނިންމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާރު ވިދާޅުވީ އެމެރިކާއާއި އީރާނުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި އެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
މި ސަމިޓްގެ ހަވާސާގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ އެކު ބޭއްވެވި ބައްދަލުވުމަކީ ވަރަށް ނަތީޖާ ނެރެވުނު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި ސަރަހައްދީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ދާރު ވިދާޅުވި އެވެ.
ދާރު އިތުރަށް ވިދާޅުވީ މިދިޔަ ޖޫން މަހު އެއްބަސްވެފައިވާ ”އިސްލާމްއާބާދު މެމޯރަންޑަމް އޮފް އަންޑަސްޓޭންޑިންގ“ އަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިގުލީ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވައި ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ އަޚުވަންތަ ގުޅުން ފާހަގަކޮށް މަތީ ފަންތީގެ ޚާރިޖީ ގުޅުންތަކުގެ ޒަރީއާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވި އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ ވަނީ އީ.ސީ.އޯ ސަމިޓް ކާމިޔާބުކަމާއެކު ބޭއްވުމުން ޕާކިސްތާނަށް މަރުހަބާ ދަންނަވައި އިންތިޒާމުތަކަށާއި މަޝްވަރާތަކަށް ތައުރީފު ކުރައްވާފަ އެވެ. އަދި ސަރަހައްދީ އިގްތިސާދީ ގުޅުންތަކާއި ވިޔަފާރި ކުރިއެރުވުމަށް ދެ ގައުމުން އަޒުމް ކަނޑައެޅި އެވެ.
ދާރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށާއި ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އޮތް ހަމައެކަނި ވަސީލަތަކީ މަޝްވަރާއާއި ޚާރިޖީ ގުޅުންތައް ކަމަށެވެ. މިކަމާ ގުޅޭގޮތުން ގަވާއިދުން މަޝްވަރާކޮށް ގުޅުން ބޭއްވުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގަތެވެ.
ފެބްރުއަރީ 28 ގައި ފެށުނު ހަމަނުޖެހުންތަކާ ގުޅިގެން ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ މައިގަނޑު ޤައުމަކީ ޕާކިސްތާނެވެ.
އެމެރިކާއާއި އީރާނުން ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށް ފުރިހަމަ ހައްލެއް ހޯދުމަށް ރަސްމީ ވާހަކަތައް ފެށި ނަމަވެސް ސަލާމަތީ ކަންކަމާއި ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ޚާރިޖީ ގޮތުން ކުރިމަތިވެފައިވާ މި ހުރަސްތަކުގެ ސަބަބުން ސަރަހައްދީ ފެންވަރުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވެފައިވާއިރު މި ޚިޔާލުތަފާތުވުންތައް ނައްތާލުމަށް ޕާކިސްތާނަށް ކުރިމަތިވެފައިވާ ފިއްތުންތައް ވަނީ ބޮޑުވެފަ އެވެ.



