
ކަޝްމީރުގައި ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން މިނިވަންކޮށް އެމީހުންނާ ދެކޮޅަށް ހިންގާ ފިޔަވަޅުތައް ހުއްޓާލުމަށް އެމްނެސްޓީ އިން ގޮވަލައިފި
ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން މިނިވަންކޮށް އެމީހުންނާ ދެކޮޅަށް ހިންގާ ފިޔަވަޅުތައް ހުއްޓާލުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލައިފި އެވެ.
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ”ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ“ އަށް ކުރި މަނާކުރުން އުވާލުމަށް އެ ޤައުމުގެ ބޮޑުވަޒީރަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ އައު ސަރުކާރަށް ގޮވާލާފައިވަނީ ތަކެތީގެ އަގު ބޮޑުވުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ސަބަބުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެއްވެސް އުސޫލެއް ނެތި ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ އެކްޓިވިސްޓުންނެއް މިނިވަން ކުރުމަށެވެ.
އައު ބޮޑުވަޒީރު ސައްޔިދު އިފްތިޚާރު އަލީ ގީލާނީއަށް ފޮނުވި ސިޓީއެއްގައި އެ ޖަމާއަތުން ވަނީ ޖޭ.އޭ.އޭ.ސީ އަށް އޮތް މަނާކުރުން އުވާލައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ.
އެމްނެސްޓީގެ ދެކުނު އޭޝިއާ ސަރަހައްދީ އޮފީހުގެ ޑެޕިއުޓީ ރީޖަނަލް ޑައިރެކްޓަރ އިޒަބެލް ލާސީ ވިދާޅުވީ ޖޫން މަހުން ފެށިގެން އެ ސަރަހައްދުގައި މަދަނީ މިނިވަންކަން ހަނިކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށާއި އެންމެހައި ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އަދި ”އަޒާދު ޖައްމޫ އެންޑް ކަޝްމީރު އެންޓި-ޓެރަރިޒަމް އެކްޓް 2014“ ގެ ދަށުން އާންމުންގެ ހަރަކާތެއް ކަމަށްވާ ޖޭ.އޭ.އޭ.ސީ މަނާކުރުމަކީ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުން ކަމުގައިވެސް އޭނާ ފާހަގަކުރެއްވި އެވެ.
2023 ވަނަ އަހަރު އުފެއްދި ޖޭ.އޭ.އޭ.ސީ އަކީ ވިޔަފާރިވެރިންނާއި ވަކީލުންނާއި ދަރިވަރުންނާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ފަރާތްތައް ހިމެނޭ އިއްތިހާދެކެވެ.
މި އިއްތިހާދުން ވަނީ ކަރަންޓު ބިލުތައް ބޮޑުވުމާއި ފުށުގެ އަގު އުފުލުމާއި ބޮޑެތި ޓެކްސްތަކާއި އަދި އާންމު ޚިދުމަތްތައް ދަށްވުމާ ދެކޮޅަށް ކެމްޕޭން ކޮށްފަ އެވެ.
މި އަހަރުގެ ކުރީކޮޅު ތަކެތީގެ އަގު ބޮޑުވުމާ ދެކޮޅަށް ކުރި މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޖޭ.އޭ.އޭ.ސީ މަނާކޮށްފަ އެވެ.
މި މަނާކުރުމާ ގުޅިގެން އެތައް ސަތޭކަ އެކްޓިވިސްޓުންނާއި މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިން ވަނީ ޓެރަރިޒަމްގެ ވޮޗްލިސްޓަށް އަރުވައި ހައްޔަރުކޮށްފަ އެވެ.
މިކަމުގެ ސަބަބުން ޔޫރަޕާއި އުތުރު އެމެރިކާގެ ސިޓީތަކުގައި ދިރިއުޅޭ ކަޝްމީރުގެ ރައްޔިތުންގެ މެދުގައިވެސް ވަނީ ބޮޑެތި އިހުތިޖާޖުތަކެއް އުފެދިފަ އެވެ.
ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ މި ހަލަބޮލިކަމަކީ އެ ސަރަހައްދުގެ އައު ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
ބޮޑުވަޒީރު ގީލާނީއަކީ ޕާކިސްތާން މުސްލިމް ލީގު-ނަވާޒްގެ މެންބަރެކެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެވުނީ މަސްތަކެއް ވަންދެން ކުރިއަށްދިޔަ ސިޔާސީ ހަލަބޮލިކަމާއި އިހުތިޖާޖުތަކަށް ފަހުގަ އެވެ.
މި ފިޔަވަޅުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާއިރު އދ. ގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ މަދަނީ މިނިވަންކަން ހަނިކުރުމާއި އެކްޓިވިސްޓުންނާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނު ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



