އުރުދުޣާންގެ ދަރިކަލުން ލުބުނާނުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ ކީއްވެ؟

ލުބުނާނުގައި ތުރުކީގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ބިލާލް އުރުދުޣާން އެ ޤައުމުގެ ސިޔާސީ އަދި ދީނީ އިސްވެރިންނާ ބައްދަލުކުރެއްވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި އޭނާގެ ދައުރު ބޮޑުވަމުންދާކަން ހާމަވާ ކަމެކެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ދަރިކަލުން ނަޖުމުއްދީން ބިލާލް އުރުދުޣާން ވޭތުވެދިޔަ ދެ ދުވަހު ލުބުނާނުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމާ ގުޅިގެން މެދުއިރުމަތީގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތުރުކީ ސަރުކާރުގެ ރަސްމީ އެއްވެސް މަގާމެއް ބިލާލް އުރުދުޣާން ފުރުއްވަމުން ނުގެންދެވި ނަމަވެސް އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ސަގާފީ ކުޅިވަރުތަކާއި އިންސާނީ އެހީތެރިކަމުގެ އިތުރުން ޚައިރާތީ މަސައްކަތްތައް ކުރިއެރުވުމަށް މަޝްހޫރު ބޭފުޅެކެވެ.

”މި ދަތުރުފުޅަކީ އިޖުތިމާޢީ އަދި އިގްތިސާދީ ބޭނުމަކު ކުރެއްވި ދަތުރުފުޅެއް، އުރުދުޣާން ވަޑައިގަތީ ތުރުކީގެ ވިޔަފާވެރިންނާއި މުއައްސަސާތަކާ އެކު ލުބުނާނަށް އެއްބާރުލުން ދޭނެކަމުގެ މެސެޖެއް ހިއްޕަވައިގެން.“ ލުބުނާނު ސަރުކާރުގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ދަތުރުފުޅަކީ ލުބުނާނު ސަރުކާރާ ގުޅިގެން ރޭވިގެން ކުރިއަށްދިޔަ ދަތުރުފުޅެކެވެ.

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބައިރޫތުގައި ބޭއްވި މި މަތީ ފަންތީގެ ބައްދަލުވުންތަކާ ގުޅިގެން މި ދަތުރުފުޅުގެ ހަގީގީ މަގްސަދާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މެދުއިރުމަތީގެ ބައެއް ފަރާތްތަކުން އޭނާއަކީ ބައްޕާފުޅަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ދެކެ އެވެ.

ނަމަވެސް އުރުދުޣާނާ ގާތް ގުޅުމެއް އޮންނަ މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ފާއިތުވި އަހަރުތަކުގައި އޭނާ އެކި ސަރަހައްދުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެއް ކަމަށާއި މީގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތެވެ.

މި މަހުގެ ކުރީކޮޅު އޭނާ ޓޯކިޔޯއަށް ވަޑައިގެންނެވިއިރު މިއަހަރުގެ ކުރީކޮޅު ސީރިއާއަށް ވެސް ޒިޔާރަތް ކުރެއްވި އެވެ.

މީގެ އިތުރުން ޔޫރަޕާއި އުތުރު އެފްރިކާ އަދި ދެކުނު އޭޝިއާގެ ޤައުމުތަކަށް ވެސް އަމިއްލަފުޅަށް އިންތިޒާމު ކުރައްވައިގެން ދަތުރުފުޅުތައް ކުރައްވަ އެވެ.

މި ދަތުރުފުޅަކީ ސަގާފީ ކަންކަމަށް އިސްކަންދެއްވާ ދަތުރުފުޅެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން ތުރުކީގެ ބަހާއި ސަގާފަތް ފަތުރާ ’ޔޫނުސް އެމްރޭ އިންސްޓިޓިއުޓް‘ ގެ ރައީސް ސަލީމް އަރުގުން ވެސް ވަފުދުގައި ހިމެނުއްވުމަށް ބިލާލް އުރުދުޣާން އިސްކަންދެއްވި އެވެ.

ލުބުނާނުން ތުރުކީއާއި ސީރިއާއާ އެކު ބާއްވާ ގުޅުންތައް ބަލަހައްޓަވާ ބޮޑުވަޒީރުގެ ނައިބު ތާރިގް މިތުރީގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި އޭނާ ވަނީ ރައީސް ޖޯސެފް އައުން ހިމެނިވަޑައިގަންނަވާހެން ލުބުނާނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

މި ދަތުރުފުޅު މި ކުރެއްވީ ސިޔާސީ ގުޅުންތައް ވަރުގަދަކުރުމާއި ސީރިއާ އާއި ބައިރޫތުގެ ގުޅުން ރަނގަޅުކުރުމަށް އެހީތެރިވުމުގެ އިތުރުން ފަންނީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދީގެން ލުބުނާނުގައި ތުރުކީގެ ނުފޫޒު ގަދަކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ މަހު ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސީރިއާ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ފަރާތްތަކެއްގެ ގޮތުގައި އޮތް ހިޒްބުالله އާއި ސީރިއާގެ އާ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ތުރުކީން ވަނީ މަޝްވަރާތަކެއް ބާއްވާފަ އެވެ.

ނަމަވެސް ތުރުކީ އަދި ސީރިއާ ސަރުކާރުން ވެސް ވަނީ އެ ރިޕޯޓް ދޮގުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.