
”އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި
ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން ދިރުވައި އަށަގެންނެވުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ”އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މާފަންނު ޓްރެކް ދަނޑުގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ މޮނިއުމެންޓެއްގެ މަތީގައި ލައިޓް ބޯޅައެއް ބަހައްޓަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫޢާ ގުޅޭ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
މީގެއިތުރުން، މި މަޝްރޫޢާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އިފްތިތާޙީ ވީޑިއޯއެއް ދައްކާލުމުގެ އިތުރުން، ކެމްޕެއިނުގެ ރަސްމީ ލޯގޯ، މައި ޝިޢާރު އަދި ޚާއްޞަ ތީމް ލަވަ ވެސް މި ޖަލްސާގައި ވަނީ އިފްތިތާޙުކޮށްފައެވެ. މި ހަފުލާ ނިންމާލުމުގެ ގޮތުން ވަނީ ހިތްގައިމު ހަވާ އެރުވުމެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އެކަކު އަނެކަކަށް ޤަދަރާއި އިޙުތިރާމް ކުރުމުގެ ރީތި ސިފަ ހަރުދަނާކުރުމެވެ. ދިވެހިންގެ ތެރެއިން ފަނޑުވަމުންދާ މި މުހިންމު ސިފަ އަލުން އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ދިވެހީންނަކީ ޒަމާނުއްސުރެ ލޯތްބާއި ކުލުނާއި ހިނިތުންވުމާއެކު އެއް ބަޔަކު އަނެއް ބަޔަކަށް އިޙުތިރާމްކުރި ބައެއް ނަމަވެސް، ފަހަކަށް އައިސް އައި ސިޔާސީ އޮއިވަރުގެ ތެރެއިން އެ ރީތި ސިފަ ވަރަށް ބޮޑަށް ނެތިގެން ގޮސްފައިވާ ކަމަށެވެ. އަދި ޤައުމުގެ ޢުމްރާނީ ތަރައްޤީ ކުރިއަށްދާއިރު، މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައް ވެސް އެއާ އެއްވަރަށް ތަރައްޤީވެ، އިޞްލާޙުވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.



