ސޫރަތުއް ޟުޙާގެ ތަފްސީރު (1)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

ސޫރަތް ބާވާލެއްވުނު ސަބަބު:

މި ސޫރަތް ބާވާލެއްވުނު ސަބަބު ބަޔާން ކުރައްވާ ތަފާތު ރިވާޔަތްތައް އައިސްފައިވެއެވެ. އޭގެ ތެރެއިން އިމާމް ބުޚާރީ އާއި މުސްލިމް ޖުންދުބު ބިން ޢަބްދިﷲ އަލްބަޖަލީގެ ކިބައިން ރިވާ ކުރައްވައެވެ. (اشتكى رسول الله صلى الله عليه وسلم فلم يقم ليلة أو ليلتين ، فأتت امرأة – وفى رواية أنها أم جميل امرأة أبى لهب – فقالت : يا محمد ، ما أرى شيطانك إلا قد تركك . فأنزل الله – تعالى – : { والضحى . والليل إِذَا سجى . مَا وَدَّعَكَ رَبُّكَ وَمَا قلى) މާނައަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާލަސްކަންފުޅާ ރެއެއް ނުވަތަ ދެރެޔަކު ދަމު ނަމާދަށް ތެދުވެވަޑައި ނުގެން ހުންނެވިއެވެ. ދެން އެކަލޭގެފާނުގެ ގާތަށް އަންހެނަކު- ބައެއް ރިވާޔަތްތަކުގައި އެމީހަކު އަބޫލަހަބުގެ އަނބި އުއްމު ޖަމީލު- ކަމުގައި އައިސްފައިވެއެވެ.- އައިސް ބުންޏެވެ. އޭ މުޙައްމަދެވެ. ތިމަންނާ އަށް ހީވަނީ ކަލޭގެފާނުގެ ޝައިޠާނު ކަލޭގެފާނު ދޫކޮށްލައިފި ހެންނެވެ. އެހިނދު ﷲ ތަޢާލާ މިސޫރަތް ބާވާލެއްވިއެވެ.”

އިޝްތިހާރު Below Header ad

އެހެން ރިވާޔަތެއްގައިވެއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދުވަސްކޮޅަކަށް ވަޙީ މެދުކެނޑިގެން ދިޔައެވެ. އެހިނދު މައްކާގެ މުޝްރިކުން ބުނަމުން ގެންދިޔަ އެވެ. މުޙައްމަދުގެ ކަލާނގެ އޭނާ ދޫކޮށްލައިފިއެވެ. އެހިނދު މާތް ﷲ މިސޫރަތް ބާވާލެއްވިއެވެ.”

وَالضُّحَىٰ ﴿١﴾ وَاللَّيْلِ إِذَا سَجَىٰ ﴿٢

ﷲ ސުބްޙާނަހޫ ވަތަޢާލަ ހުވާ ވަޙީ ކުރައްވަނީ ޟުޙާގެ ވަގުތު ގަންދެއްވައެވެ.

ޟުޙާގެ ވަގުތަކީ: އިރު އަރާތާ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓްފަހުންނެވެ. މެންދުރު ނަމާދުގެ ވަގުތާއި ހަމައަށް މިވަގުތު ދެމިގެންވެއެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މިތަނުގައި ޟުޙާގެ މުރާދަކީ މުޅި ދުވާލެވެ.

ގަތާދާ، މުގާތިލު، އަދި ޖަޢްފަރުއްޞާދިގް ދެކިލައްވާ ގޮތުގައި ޟުޙާގެ މުރާދަކީ ﷲ ތަޢާލާ މުސާ ޢަލައިހިއްސަލާމާއި ބަސްވަޙީ ކުރެއްވި ވަގުތެވެ.

وَاللَّيْلِ إِذَا سَجَىٰ ﴿٢

މާނައަކީ: ” އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ.”

ﷲ ތަޢާލާ އެކަލާނގެ އިރާދަ ކުރެއްވި ކޮންމެ މަޚްލޫގެއް ގަންދެއްވާ ހުވާކުރައްވައެވެ. ނަމަވެސް މަޚްލޫގުންނަށް ހުވާ ކުރެވޭނީ ހަމައެކަނި އެބައިމީހުންގެ ޚާލިގު ގަންދީއެވެ. ސަބަބަކީ ﷲ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާ ކުރުމަކީ ޝިރްކެކެވެ.

مَا وَدَّعَكَ رَ‌بُّكَ وَمَا قَلَىٰ ﴿٣

މާނައަކީ: ” ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ.” މިއާޔަތުގައި މިވަނީ މުޝްރިކުންގެ ވާހަކަ ތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެބައިމީހުން ބުނަމުން އައި ފަދައިން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރައްބު އެކަލޭގެފާނު ދެކެ ކޯފާވީވެ ވަޑައި ނުގަންނަވައެވެ. އަދި އެކަލޭގެފާނު ދޫކޮށެއްވެސް ނުލައްވައެވެ.

{ودّعك} މިލަފްޡު ނެގިފައިވަނީ “އައްތައުދީޢު” އިންނެވެ. މާނައަކީ “ދޫކޮށްލުމެވެ.”

{ قَلَى } މިލަފްޡު ނެގިފައިވަނީ “އަލްގިލާ” އިންނެވެ. މާނައަކީ: “ގަދަޔަށް ރުޅިއައުމެވެ. ސޫރަތުއް ޝުޢަރާގެ 168 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قَالَ إِنِّي لِعَمَلِكُم مِّنَ الْقَالِينَ) މާނައަކީ: ” އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عمل އަށް (އެބަހީ: لواط ގެ عمل އަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.”

{ قَلَى } ގެ މަފްޢޫލު މަޙްޛޫފު ކުރައްވާފައި ވުމުގެ ޙިކްމަތަކީ { مَا وَدَّعَكَ }  އިން ތަނުން އެކަމަށް ދަލާލަތު ކޮށްދޭތީވެއެވެ. އެހެންކަމުން މިތަނުގައި މިވަނީ ޢިބާރާތް ކުރުކުރައްވާފައެވެ. މިއާޔަތުގެ ފަހަތުގައި އަންނަ ތަންތަނުގައިވެސް ވަނީ ހަމަ އެފަދައިންނެވެ. { فآوى } ، { فهدى } ، { فأغنى } . .

وَلَلْآخِرَ‌ةُ خَيْرٌ‌ لَّكَ مِنَ الْأُولَىٰ ﴿٤﴾ وَلَسَوْفَ يُعْطِيكَ رَ‌بُّكَ فَتَرْ‌ضَىٰ ﴿٥

މާނައަކީ: “އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ.އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.”

މިތަނުގައި ކަލޭގެފާނުގެ ވެރިރަސްކަލާންގެ ކަލޭގެފާނަށް ދެއްވާނެ ތަކެތީގެ ތެރޭގައި ދެދުނިޔޭގެ ބާއްޖެވެރިކަމާއި، އެކަލޭގެފާނަށް ދެއްވާނޭ ނަޞްރާއި ކާމިޔާބާއި، ތަންތަން ފަތަޙަ ކުރެއްވުމުގެ މަތިވެރި ނިޢްމަތާއި، އާޚިރަތުގައި އެކަލޭގެފާނަށް ދެއްވާ މަތިވެރި ނިޢްމަތްތައް ހިމެނިގެންވެއެވެ. މިޘާލަކަށް މަގާމުލް މަޙްމޫދު، ޝަފާޢަތް އަދި މިނޫންވެސް ކަންތައްތައް ހިމެނިގެންވެއެވެ.

މިއާޔަތުގެ މާނާ ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

އޭ ނަބިއްޔާ އެވެ. ކަލޭގެފާނުގެ ޙަޔާތުގެ ކުރީކޮޅަށްވުރެ ފަހުކޮޅު ހެޔޮވެގެންވެއެވެ. ކަލޭގެފާނުގެ ޢުމުރުންވާ ކޮންމެ ދުވަހަކަށް ﷲ ތަޢާލާ ޢިއްޒަތާއި ނަޞްރާއި ކާމިޔާބު ދެއްވާނެއެވެ. އަދި ފައުޖު ފައުޖަށް މީސްތަކުން ﷲ ގެ ދީނަށް ވަންނަތަން ކަލޭގެފާނަށް ފެނިގެން ދާނެއެވެ.

أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ وَوَجَدَكَ ضَالًّا فَهَدَىٰ ﴿٧﴾ وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾ فَأَمَّا الْيَتِيمَ فَلَا تَقْهَرْ‌ ﴿٩﴾ وَأَمَّا السَّائِلَ فَلَا تَنْهَرْ‌ ﴿١٠﴾ وَأَمَّا بِنِعْمَةِ رَ‌بِّكَ فَحَدِّثْ ﴿١١

ވަކިވަކި ކަލިމަތަކުގެ މާނަ:

فَآوَىٰ) ހިޔާވަހިކަން ދެއްވިއެވެ.

ضَالًّا) ޙައިރާންވެ ވަޑައިގެންފައިވުން.

فَهَدَىٰ) މަގުދެއްކެވިއެވެ.

عَائِلًا) ފަގީރަކު ކަމުގައިވުން.

فَأَغْنَىٰ) މުއްސަނދިކުރެއްވިއެވެ.  

تَقْهَرْ‌) ނިކަމެތިކަން.

السَّائِلَ) ކަމަކަށް އެދޭ މީހާ

تَنْهَرْ‌) އަޑުގަދަ ކުރުން.

حَدِّثْ) ވާހަކަ ދައްކާށެވެ.

އާޔަތްތަކުގެ މަފްހޫމު: ކަލޭގެފާނު ޔަތީމުންނާއި މެދު ނިކަމެތިކޮށް ނުހިއްތަވާށެވެ. ޔަތީމުންނަށް ކަމޭހިއްތަވާށެވެ. ޔަތީމުންނަށް ކަމޭހިތުމަކީ ސުވަރުގޭގައި ކީރިތި ރަސޫލާގެ އަރިހުގައި ވުމުގެ ފުރުޞަތު ލިއްބައިދޭ ކަމެކެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާމީހާ ސުވަރުގޭގައި ވާހުށީ މިހާ ކައިރީގައެވެ. މިހެން ޙަދީޘް ކުރައްވާ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން އިޝާރާތް ކުރެއްވިއެވެ”.

ޔަތީމުން ބެލެހެއްޓުމުގައި ވެސް ސަމާލުވާން ޖެހޭ ކަމެއް އެބައޮތެވެ. އެއީ، އެކުދިން ބާލިޣް ވުމުން އެކުދިން ބަލަހައްޓަމުން އަންނަ އަންހެންމީހާ އެކުދިންގެ ކުރިމަތީގައި ބުރުގާ އަޅާ ނިވާ ކުރަން ޖެހޭ ކަމެވެ. މީގެ މާނައަކީ އެކުދިން ދުރުކޮށްލުމެއް ނޫނެވެ. ނަމަވެސް، ކައިރި ކުރުމާއި ދުރުކުރުން އޮންނަންވާނީ އިސްލާމްދީން ހުއްދަ ކުރާ މިންގަޑުގެ ތެރޭގައެވެ. ކާމިޔާބާއި ފަލާޙް ލިބޭހުށީ އޭރުންނެވެ.

އަދި ކަލޭގެފާނުގެ ގާތަށް އެހީ އަކަށް އެދި އަންނަ މީހާ އާއި ދިމާލަށް އަޑުގަދަކޮށް ނުހައްދަވާށެވެ. އެމީހަކު އައި ބޭނުމެއް ފުއްދަވައި ދެއްވާށެވެ. އަދި ކަލޭގެފާނަށް ﷲ ތަޢާލާ ދެއްވާފައިވާ މަތިވެރި ނިޢްމަތްތަކުގެ މަތިން ހަނދުމަ ކުރައްވާ އެވާހަކަތައް މީހުންގެ ގާތުގައި ދައްކަވާ ހައްދަވާށެވެ.

ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.