ސޫރަތުލް ޣާޝިޔާ (1)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

(هَلْ أَتَاكَ حَدِيثُ الْغَاشِيَةِ ﴿١﴾   ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އަދި އެކަލޭގެފާނާއި ގުޅިގެން މުޅި އުއްމަތުގެ އެންމެންނަށްވެސް މި ޚިޠާބު ޝާމިލުވެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިތަނުގައި މިވާ ޚިޠާބަކީ އެންމެންނަށް ޝާމިލުވެގެންވާ ޚިޠާބެކެވެ.

އިޝްތިހާރު Below Header ad

ސުވާލު ކުރައްވާފައިވުމުގެ ބޭނުމަކީ މީސްތަކުންގެ ޝައުގުވެރިކަން ހޯއްދެވުމެވެ. ސޫރަތުއް ޞައްފުގެ 10 ވަނަ އާޔަތުގައިވާ ފަދައިންނެވެ. (يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَىٰ تِجَارَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ ﴿١٠﴾  ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟”

ނުވަތަ، ދެއްވަން އުޅުއްވާ ޚަބަރުގެ މަތިވެރި ކަމާއި ބޮޑުކަން އެންގެވުމެވެ.

(حَدِيثُ الْغَاشِيَةِ  ) ޣާޝިޔާގެ ޚަބަރު،

( الْغَاشِيَةِ) އެންމެހައި މީސްތަކުންގެ މައްޗަށް ޝާމިލުވެގެންވާ ބޮޑު މުޞީބާތް، އެއީ ކީރިތި ގުރްއާނުގައި އެކި ގޮތްގޮތަށް އެދުވަހުގެ ޞިފަތައް ކުރައްވާފައިވާ ގިޔާމަތް ދުވަހުގެ ވާހަކަތަކެވެ.

ސޫރަތުލް ޙައްޖުގެ 1،2 ގައި ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ ﴿١﴾ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَىٰ وَمَا هُم بِسُكَارَىٰ وَلَـٰكِنَّ عَذَابَ اللَّـهِ شَدِيدٌ ﴿٢﴾  ) މާނައަކީ: ” އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ.”

ގިޔާމަތް ދުވަހުގައި މީސްތަކުން ދެބަޔަކަށް ބެހިގެންވާކަން ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.

(وُجُوهٌ يَوْمَئِذٍ خَاشِعَةٌ ﴿٢﴾  )

(خَاشِعَةٌ  ) ޛަލީލުވެ ނިކަމެތިވެފައިވާ، ސޫރަތުއް ޝޫރާގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنظُرُونَ مِن طَرْفٍ خَفِيٍّ ۗ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُّقِيمٍ ﴿٤٥﴾ ) މާނައަކީ: ” އަދި ނިކަމެތިވެ، ބިރުގެން، ވައްކަޅިން ބަލާ حال، އެއުރެން ނަރަކަޔަށް ހުށަހަޅުއްވާތީ ތިބާދެކޭނޫއެވެ. އަދި إيمان ވިމީހުން ބުނާނެތެވެ. ހަމަކަށަވަރުން، ގެއްލުންވިމީހުންނީ، قيامة ދުވަހުގައި، އެއުރެންގެ އަމިއްލަ نفس ތަކާއި، أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، އަނިޔާވެރިންވަނީ، ދެމިހުންނަނިވި عذاب އެއްގައެވެ.”

(عَامِلَةٌ نَّاصِبَةٌ ﴿٣﴾  ) އެބައިމީހުން އެދުވަހުގައި ވަރުބަލިވާ ފަދަ ބުރަ މަސައްކަތް ކުރާނެއެވެ. އެގޮތަކީ އެބައިމީހުން ތިބޭނީ ހަތްދިހަ މުށުގެ ދިގުމިން ހުރި ހިލިހިލާ ގަނޑެއްގައި ހިލިހިލާ ޖެހިފައެވެ. ޖަމަލު ކިސަޑުގަނޑުގައި ހިނގާފައިވާ ދާގޮތަށް އެބައިމީހުންނަށް އެހިލިހިލާ ތަކާއި އެކު ޖަހަންނަމައިގެ ތެރޭގައި ހިނގާ ހެދުމަށް އަމުރު ކުރެވޭނެއެވެ. ނަރަކައިގެ ހޫނުގަނޑުގެ ތެރޭގައި އެގޮތަށް ކަންކުރަން ޖެހޭނެއެވެ. އަދި ނަރަކައަށް ވަނުމުގެ ކުރިން އޮރިޔާން ޙާލުގައި، ބަނޑުހައި ކަމާއި ކަރު ހިއްކުން އިންތިހާ އަށް މައްޗަށް ގޮސްފައިވާ ޙާލުގައި ނަރަކައިގެ ބޭރުގައި ދިގު އިންތިޡާރީ އެއް ކުރަން ޖެހޭނެއެވެ. އެދުވަހުގެ ދިގުމިނަކީ ދުނިޔޭގައި މީސްތަކުން ގުނާ އުޅޭ އެއްހާސް އަހަރެވެ. އެބައިމީހުން އަބަދުވެސް އުޅެން ޖެހޭނީ އެބުރަ ޙާލަތުގައެވެ.

އަލްޙަސަން ވިދާޅުވެފައިވެއެވެ. މި ބުރަ ޙަގީގަތުގައި އެމީހުން އުފުއްލަން ޖެހެނީ ދުނިޔެމަތީގައި ﷲ އަށް ޓަކައެވެ. ނަމަވެސް، އެބައިމީހުން އެކަން ނުކުރުމުގެ ސަބަބުން އަދަބެއްގެ ގޮތުން ގިޔާމަތް ދުވަހުގައި ﷲ އެތަކްލީފް ޖެއްސެވީއެވެ. މާތް ﷲ މި ނުރައްކާތެރި އަލިފާންގަނޑުން އަޅަމެން ސަލާމަތް ކުރައްވާށި. އާމީން.

(تَصْلَىٰ نَارًا حَامِيَةً ﴿٤﴾ ) ހޫނުކަންގަދަ އަލިފާންގަނޑެއްގެ ތެރޭގައި އެބައިމީހުންނަށް ޢަޛާބު ދެއްވޭނެއެވެ.

(تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥﴾  ) އެބައިމީހުންނަށް ބޯންދެވޭނީ ކެކިކެކި ހުންނަ ހޫނުކަން ގަދަ ފެނެވެ. މިފެންވެސް ފަސޭހަކަމާއި އެކު ނުއެއް ލިބޭނެއެވެ. ކަރުހިއްކައިގަންނަ ކޮންމެ ފަހަރަކު ނުއެއް ލިބޭނެއެވެ. ނަމަވެސް، ވަރަށް ބޮޑަށް ކަރުހިއްކާގަނެ، ފެނަށް އެދި އާދޭސްކުރާ ހިސާބުން ލިބޭ ފެންފޮދަކީ މިފަދަ ހޫނުކަންގަދަ ފެނެކެވެ. ސޫރަތުލް ކަހްފިގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا ﴿٢٩﴾ ) މާނައަކީ: ” އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!”

މިފެން އެބައިމީހުންގެ މޫނުތައް ކައިރި ކުރެވުމުން މޫނުމަތި ފިހި، މަސައްތައް ފައިބާގަންނާނެއެވެ. އަދި އެބައިމީހުންގެ ހަށިގަނޑުގެ ތެރެއަށް ފެންދިޔުމާއި އެކު ގޮހޮރު ބުރިބުރިވާނެއެވެ. ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾  ) މާނައަކީ: “އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެއެވެ.”  އެހެންކަމުން، މިބުއިމަކުން އެބައިމީހުންނަށް ކުރާނެ ފައިދާ އެއް ނޯންނާނެއެވެ.

ފަހަރެއްގައި މީހަކު ބުނެފާނެއެވެ. މި އާޔަތުގައި މިވަނީ ނަރަކައިގެ ތެރޭގައި ފެންއާރެއްވާ ވާހަކަ އެވެ. (تُسْقَىٰ مِنْ عَيْنٍ آنِيَةٍ ﴿٥)  މާނައަކީ: “ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ.” އާންމު ގޮތެއްގައި ފެނަކީ އަލިފާން ނިވާލާ އެއްޗަކަށްވާ އިރުގައި ނަރަކައިގެ ތެރޭގައި ފެން އާރެއް ހުންނާނީ ކިހިނަކުން ހެއްޔެވެ؟

މީގެ ޖަވާބަކީ:

ފުރަތަމަ: އާޚިރަތުގެ ކަންތައްތަކަކީ ދުނިޔޭގެ ކަންތައްތަކާއި ގިޔާސްކުރެވޭނެ ނުވަތަ އަޅާކިޔޭނެ ކަންތަކެއް ނޫނެވެ. ދުނިޔޭގެ ކަންތައްތަކާއި އަޅާކިޔަން ވެއްޖެނަމަ ތަޞައްވުރު ކުރަން ދަތިކަންތައްތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ގިޔާމަތްދުވަހުގައި ހުރިހާ މީސްތަކުން މަޙްޝަރު ކުރެވެނީ އެއްތަނަކަށެވެ. ނަމަވެސް އެއްބަޔަކު ތިބޭނީ ކަނުއަނދިރީގައެވެ. އަނެއް ބަޔަކު އަލިކަމުގެ ތެޜޭގައެވެ. ހޫނުގަދަކަމުން ގޮސް ދާހިއްލާ އެއްބަޔެއްގެ ކަކުލާއި ހަމައަށް ފެންހެދިފައި ހުންނާނެއެވެ. އަނެއް ބަޔެއްގެ އުނަގަނޑާއި ހަމައަށް ފެންހެދިފައި ހުންނާނެއެވެ. އަނެއްބަޔެއްގެ ފައިގެ ކުޑަހުޅާއި ހަމައަށް ފެންހެދިފައި ހުންނާނެއެވެ. މިހުރިހާ ކަމެއް މިހެންވާއިރު އެންމެންވެސް ތިބޭނީ އެއްތަނެއްގައެވެ. ވީމާ، އާޚިރަތުގެ ކަންތައްތަކަކީ ދުނިޔޭގެ ކަންތައްތަކާއި އަޅާކިޔޭނެ ކަންތައްތަކެއް ނޫނެވެ.

ނުނިމެ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.