ޙަފްޞާ ބިންތި ޢުމަރު ރަޟިޔަﷲ ޢަންހާ

ނަންފުޅު:

ޙަފްޞާ ބިންތި ޢުމަރު ބިން އަލްޚައްޠާބު އެވެ. މަންމާފުޅަކީ ޒައިނަބު ބިންތި މަޡްޢޫނު ބިން ޙަބީބް ބިން ވަހްބި އެވެ. އެކަމަނާ އުފަންވެވަޑައިގަތީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީ ކަމައިގެން ފޮނުއްވުމުގެ ފަސް އަހަރު ކުރިންނެވެ. އެކަމަނާ އަކީ ޢުމަރު ބިން އަލްޚައްޠާބުގެ އެންމެ ދޮރީ ދަރިކަނބަލުންނެވެ.

އިޝްތިހާރު Below Header ad

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކައިވެނި ބައްލަވައިގަތުމުގެ ކުރިން:

ޚުނައިސް ބިން ޚުޛާފާ އައްސުހަމީ އާއި ކައިވެނި ބައްލަވައިގަތެވެ. އެދެކަނބަލުން އެކުގައި އިސްލާމްދީނަށް ވެދެވަޑައިގަތެވެ. އެއަށްފަހު އެންމެ ފުރަތަމަ މުސްލިމުން ޙަބަޝާ އަށް ހިޖުރަ ކުރި ހިނދުގައި ޚުނައިސް ވެސް ހިޖްރަ އަށް ވަޑައިގަތެވެ. އެހިޖްރާގައި ހިމެނެނީ 12 ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ. ވެރިޔަކަށް ހުންނެވީ ޢުޘްމާން ބިން ޢައްފާނެވެ. އެކަލޭގެފާނުގެ އަރިހުގައި އަނބިކަނބަލުން އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން ރުގިއްޔާ ހުންނެވިއެވެ. އެއަށްފަހުގައި ޚުނައިސް އަނބިކަބަލުން ޙަފްޞާ އާއި އެކުގައި މަދީނާ އަށް ހިޖްރަ ކުރެއްވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ބަދުރު ހަނގުރާމާގައި ބައިވެރިވެ ވަޑައިގަތެވެ. ބަނީ ސަހްމު ވަންހައިން ބަދުރު ހަނގުރާމާގައި ބައިވެރިވި ހަމައެކަނި ބޭފުޅަކީ ޚުނައިސް އެވެ. އެކަލޭގެފާނު އަވަހާރަވީ ބަދުރުގެ ހަނގުރާމާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާދެވެމުން ދަނިކޮށެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކައިވެނި ބައްލަވައިގަތުން:

އެކަމަނާގެ ފިރިކަލުން އަވަހާރަ ވުމާއި ގުޅިގެން ބައްޕާފުޅު ޢުމަރު ބިން އަލްޚައްޠާބު، އެކަމަނާ އަށް މުނާސިބު ފިރިޔަކު ލިބޭތޯ ވަރަށް ބުރަކޮށް މަސައްކަތް ފެއްޓެވިއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ޢުޘްމާން ބިން ޢައްފާނާއި ބައްދަލުވެގެން ޙަފްސާ އާއި ކައިވެނި ކުރުމަށް ހުށަހެޅީމެވެ. ޖަވާބުގައި ޢުޘްމާން ރަޟިޔަﷲ ޢަންހު ވިދާޅުވީ ވިސްނާލާފައި ޖަވާބެއް ދޭނެ ކަމަށެވެ. ދުވަސްކޮޅަކަށްފަހު ގައި ވިދާޅުވީ މިވަގުތު އިތުރު ކައިވެންޏެއް ކުރުމަށް ގަޞްދު ނުކުރާ ކަމަށެވެ. އެޔަށްފަހު އަބޫބަކުރު ރަޟިޔަﷲ ޢަންހު އަށް ވެސް ހުށަހެޅީމެވެ. ނަމަވެސް އެކަލޭގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ. މިގޮތަށް ހުއްޓާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަފްޞާ އާއި ކައިވެނި ބައްލަވައިގަތުމަށް ހުށަހެޅުއްވިއެވެ. ދެން ތިމަންކަލޭގެފާނު އެކަމަނާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ކައިވެނި ކޮށް ދިނީމެވެ. އޭގެ ފަހުން ދުވަހެއްގައި އަބޫބަކުރު ރަޟިޔަﷲ ޢަންހު ތިމަން ކަލޭގެފާނާއި ބައްދަލުވެގެން ސުވާލު ކުރެއްވިއެވެ. “ކަލޭގެފާނުގެ ހުށަހެޅުމަށް ޖަވާބެއް ނުދިނުމުން ތިހުންނެވީ ވަރަށް ހިތްހަމަ ނުޖެހިފައިތޯއެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އާދޭހެވެ.” ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު އެކަމަށް ޖަވާބެއް ނުދިނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަފްޞާ އާއި ކައިވެނި ބައްލަވައިގަތުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައި ވުމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ސިއްރުފުޅެއް ތިމަންކަލޭގެފާނު ފާޅު ނުކުރެއްވީއެވެ. އެކަލޭގެފާނު ތިޔަކަން ނުކުރެއްވިނަމަ ތިމަންކަލޭގެފާނު ކުރެއްވީމުހެވެ.”

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ކައިވެނި ކުރެއްވީ އުޙުދުގެ ތިރީސްމަސްދުވަސް ކުރިންނެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އެކަލޭގެފާނު ޙަފްޞާ އާއި ކައިވެނި ބައްލަވައިގަތީ ހިޖްރައިން ތިން ވަނަ އަހަރުގައެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ގަނޑުވަރުގައި ޙަފްޞާ:

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަބަލުންގެ ތެރެއިން ޙަފްޞާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ޣީރަތްތެރިކަން ބޮޑު ކަނބަލެއްގެ ގޮތުގައެވެ. މިއީ ކޮންމެ އަންހެނެއްގެ ވެސް ޠަބީޢަތުގައި މާތް ﷲ ލައްވާފައިވާ ކަމެކެވެ. ޚާއްޞަ ގޮތެއްގައި އެކަނބަލެއްގެ ފިރިމީހާ އިތުރު އަނބިންނާއި ކައިވެނި ކޮށްގެން އުޅޭނަމަ އެވެ. ކޮންމެ އަންބަކުވެސް ބޭނުންވާނީ އޭނާ އަކީ ފިރިމީހާ ދެކެ އެންމެ ލޯބިވާ އެންމެ ހެޔޮކޮށް ހިތާ މީހާ ކަމުގައި ވުމަށެވެ. އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބި އަނބި ކަބަލުން ދެބަޔަކަށް ބެހިގެން ވެއެވެ. އެއްބަޔަކީ: ޢާއިޝާ، ޙަފްޞާ، ޞަފިއްޔާ އަދި ސައުދާ އެވެ. އަނެއްބައިގާ ހިމެނިވަޑައިގަންނަވަނީ އުއްމު ސަލަމާ އާއި ދެންތިއްބެވި އަނބިކަބަލުންނެވެ.

ވަރިވެވަޑައިގަތުމަށް ފަހު ރުޖޫޢަ ކުރެއްވުން:

އެއްފަހަރެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަފްޞާ ވަރި ކުރެއްވިއެވެ. ޢުމަރު ބިން އަލްޚައްޠާބަށް އެޚަބަރު ލިބިވަޑައިގަތުމުން، އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ މުޅި ބޮލަށް ވެލި އެޅުއްވި އެވެ. އަދި ވިދާޅުވިއެވެ. ޢުމަރާއި އޭނާގެ އަންހެން ދަރިފުޅަށް އަޅާލާނެ މީހަކު މިއަދަށް ފަހަކު ނުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި ގައިސް ބިން ޒައިދްގެ ކިބައިން ރިވާވެގެން ވެއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަފްޞާ ބިންތި ޢުމަރު ވަރިކުރެއްވުމާއި ގުޅިގެން ޙަފްޞާގެ މަންމާ ފުށުގެ ދެބޮޑު ބޭބެ ކަމަށްވާ ގުދާމާ އާއި ޢުޘްމާން އެކަމަނާގެ ގާތަށް ވަޑައިގެންނެވިއެވެ. އެހިނދު ޙަފްޞާ ކީރިތި ކުރައްވާފައި ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަމަނާ ވަރިކުރެއްވީ ކޯފާވެގެންނެއް، ޢައިބެއް ހުރެގެންނެއް ނުވަތަ ކަމެއް އުނިވެގެންނެއް ނޫނެވެ.” އެހިނދު އެތަނަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. “ޖިބްރީލް ޢަލައިހިއްސަލާމް ތިމަންކަލޭގެފާނުގެ ގާތުގައި ވިދާޅުވިއެވެ. ޙަފްޞާ ރުޖޫޢަ ކުރައްވާށެވެ. ހަމަކަށަވަރުން އެމަނާ އަކީ ގިނަގިނައިން ރޯދަ ހިއްޕަވާ، ރޭއަޅުކަން ކުރައްވާ ބޭކަނބަލެކެވެ. އަދި ހަމަކަށަވަރުން އެކަމަނާ އަކީ ސުވަރުގޭގައި ކަލޭގެފާނުގެ އަނބިކަނބަލެކެވެ.

އަވަހާރަވުން:

ޙަފްޞާ ރަޟިޔަﷲ ޢަންހާ އަވަހާރަވީ ހިޖްރައިން 45 ވަނަ އަހަރުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.