މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ 27 ވަނަ މެރީޑިއަމް މަޑިފުށި ކަޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މާދަމާ ފަށާނެއެވެ.
މާދަމާ ހަވީރު 15:50ގައި މަޑިފުށީ ފުޓްބޯޅަ ދަނޑުގައި ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވަންހަ ގަބީލާ އާއި ނެކްސަސް ޔުނައިޓެޑެވެ.
މި މުބާރާތުގައި މިއަހަރު 4 ޓީމު ބައިވެރިވެފައިވާ އިރު، މި 4 ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަނޑައަޅާނީ ސެމީފައިނަލުގެ ދެމެޗު ކުޅުމަށްފަހުއެވެ.
އެގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމެވެ. އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާ އިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ލީގުގެ ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.
މަޑިފުށީގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުމުވުމާއި އަތޮޅާއި ޤައުމީ ފެންވަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ މި މުބާރާތުގައި ކުޅެނީ މުޅިންވެސް މަޑިފުށީގެ ކުޅުންތެރިންނެވެ.
މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން ބުނީ މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށްވެސް ވަރަށް ރަނގަޅު ފައިސާގެ އިނާމެއް ކަނޑައަޅާފައިވާ ކަމަށާއި މިދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދުގެ ވަރަށްބޮޑު އެހީތެރިކަމެއްވެސް މުބާރާތަށް ލިބޭ ކަމަށެވެ. އަދި މުބާރާތުގެ އެކި މަޤާމުތައް ހޮވާ، އިނާމާއި ތައްޓާއި ސެޓްފިކެޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ވަންހަ ގަބީލާ، ނެކްސަސް ޔުނައިޓެޑް، ވެނޯޒިއާ އެސް ސީ އަދި ޑީސީ ސްޕޯޓްސް ކުލަބް ބައިވެރިވެފައިވާ މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ އެޓޯލްނިއުސް އެވެ.