
އީރާންއާއި ދެކޮޅަށް ކުރި ޕޯސްޓަކާއި ގުޅިގެން ޝައިޚް ލަތީފަށް ބޮޑެތި ފާޑުކިޔުންތަކެއް!
އީރާންއާއި ޝީޢީންނާއި ދެކޮޅަށް ދީނީ ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ލަތީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން، އާންމުންނާއި އެކި ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެ، ހޫނުފެނަށް ވެއްޓިއްޖެ އެވެ.
ޝައިޚް ލަތީފްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، އީރާނުން ބޭނުންވަނީ ދެ ހަރަމްފުޅާއި މުސްލިމުންގެ މުގައްދަސް ބިނާތަކުގެ މައްޗަށް ބާރު ފޯރުވައި، އެ ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް ކަމަށެވެ. އަދި އެމީހުންގެ ނުފޫޒު ފުޅާކުރުމަށްޓަކައި، ފުރަތަމަ އިރާގުން ފެށިގެން ސޫރިޔާ އަދި ލުބުނާނުގެ މައްޗަށް ވެރިވެގަތުމަށް ފަހު، ސުންނީ މުސްލިމުން މަރައި ނިކަމެތިކުރި ކަމަށް ޝައިޚް ވިދާޅުވި އެވެ. މީގެއިތުރުން ޔަމަނުގެ އަސްލު ރައީސް ޢަލީ ޢަބްދުﷲ ޞާލިޙު މަރައިލުމަށްފަހު އެ ގައުމުގެ މައްޗަށް އަތްގަދަކޮށް، ސުންނީން މަރައި ރަށްތައް ފަޅުކޮށްފައިވާ ކަމަށާއި، އީރާނުގެ ބޭނުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުޅި ގަލްފު ސަރަހައްދަށް ވެރިވެގަތުން ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
ޝައިޚް ލަތީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޢަބްދުލްމަލިކު އަލް-ޙޫޘީއަކީ ޢަރަބި ކަރައާއި، ބާބުލް މަންދަބާއި ރަތްކަނޑުގެ ވެރިޔާކަމަށް އެމީހުން ބުނެފައިވާ ކަމަށާއި، މީގެއިން ދޭހަވަނީ އޭނާ މެދުވެރިކޮށް ދެ ހަރަމްފުޅާ ދިމާލަށް ފިޔަވަޅު އެޅުމަށް އެމީހުން ގަސްދުކުރާ ކަމެވެ. މިކަން އެކި މީޑިއާތަކާއި ޓީވީ ޗެނަލްތައް މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި ބުނަމުންދާ ކަމަށާއި، އެމީހުންގެ ހަގީގީ އަމާޒަކީ ޔަމަނު ނޫން ކަމަށާއި މައިގަނޑު މަގުސަދަކީ މައްކާއާއި މަދީނާ ކަމަށް ޝައިޚް ތުހުމަތުކުރެއްވި އެވެ.
ހަމައެއާއެކު، އެމީހުން ދިފާޢުކޮށް ބަސްބުނުމުގެ ކުރިން ޝީޢީންގެ ހަގީގަތް ދެނެގަންނަންޖެހޭ ކަމަށާއި، އެމީހުންގެ ނުބައިކަމަށް އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢާއިޝަތުގެފާނު ފަދަ ޞަޙާބީން ކާފަރުކޮށް، އުއްމުލްމުއުމިނީނަ ޢާއިޝާ ރަޟިޔަ ﷲ ޢަންހާއަށް ބަދުބަސް ބުނުން ފުދޭ ކަމަށް ވިދާޅުވެ، މިއީ އެމީހުންގެ ފޮތްތަކުން ފެންނަން ހުރި ހަގީގަތްތަކެއް ކަމަށް ޝައިޚް ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝައިޚަށް ހޫނު ރައްދުތަކެއް ދެމުންނެވެ. އެގޮތުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންދާ ޑރ. ޝަޒްރާ ކުރެއްވި ޕޯސްޓެއްގައި ވަނީ، އިނގިރޭސިންނާ އެއްބައިވެގެން އުސްމާނީ ޚިލާފަތް ބަލިކޮށްލީ ކޮން ބައެއްތޯއާއި މާތް ނަބިއްޔާ އުފަންވި ފަސްގަނޑު ސައުދު އާއިލާގެ މުށުދަށަށް ދިޔައީ ކިހިނެއްތޯ ސުވާލުކުރައްވާފަ އެވެ. އަދި ގެފުޅުގެ ކައިރީގައި މިއުޒިކް ޝޯތައް ބާއްވަމުންދަނީ ކޮން ބައެއްތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭން ހެންޑްލްއަކުން ޝައިޚްގެ ވާހަކަތަކަށް ރައްދުދެމުން ބުނެފައިވަނީ، އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި މައުލޫމާތު ހޯދި މަސްދަރުތައް އަލުން ކަށަވަރުކުރުމަށް އެދޭ ކަމަށެވެ. އަދި ދޮގުކަން އެނގިހުރެ މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ ނަމަ، އެފަދަ ފަރާތްތަކަކީ މުޖުތަމައުން އެކަހެރިކުރަންޖެހޭ، ހަގީގީ ދީނީ އިލްމުވެރިއެއްގެ ސިފަ ނެތް މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އާންމުންގެ އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ބިމުން ފޮހެލަން އިޒްރޭލުން ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް މިފަދަ ބަސްތަކެއް ވިދާޅުނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފަ އެވެ. އަދި ފާޅުގައި އިޒްރޭލަށް އެހީތެރިވެދޭ ފަރާތްތަކާ ދެކޮޅަށް އެއްޗެއް ވިދާޅުނުވެ، ކައުބާއަކީ ސައުދު އާއިލާގެ ހަރުމުދަލެއްތޯ ސުވާލުކޮށް، ގިނަ ބަޔަކު ދަނީ ޝައިޚް ލަތީފަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



