
މާލެ ސަރަޙައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހެވީ ވެހިކަލް ދުއްވާ ގަޑިތަކަށް ބަދަލު ގެންނަނީ
އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (2026/16) ފާސްވުމާ ގުޅިގެން، ގްރޭޓަރ މާލެ ސަރަޙައްދަކީ ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ”ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް“ (ޖީއެމްޓީއެމްއޯ) ޤާއިމުކުރެވި، އެ އޮފީހުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ، ޖީއެމްޓީއެމްއޯއަށް ސީއީއޯއަކު ޢައްޔަންކޮށް، ވަސީލަތްތައް ޤާއިމުކުރެވެމުންދާ ކަމަށެވެ. އަދި އެ އޮފީހަށް ލަފާދޭ ވަޒީރުންގެ ފެންވަރުގެ ”ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް“ ގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށާއި، މި ކައުންސިލުން ޚާއްޞަ އިސްކަމެއް ދެއްވަން ރައީސް އިރުޝާދު ދެއްވާފައި ހުރި ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ.
މިގޮތުން ހަތަރު މަގެއްގެ ޕާކިންގ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޖީ.އެމް.ޓީ.އެމް.އޯ އިން މި މަސައްކަތް ކުރުމުގައި އެ މަގުތަކުގައި ދިރިއުޅޭ ރައްޔިތުންނާ މަޝްވަރާކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން، އޮފީސް ގަޑިތަކުގައި ހުޅުމާލެ-މާލެ ބްރިޖުމަތީގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ހެވީ ވެހިކަލްތައް ވަކި ގަޑިތަކެއްގައި ނުދުއްވޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދަތިނުވާނޭހެން، ކޮންސްޓްރަކްޝަން ކުންފުނިތަކާ މަޝްވަރާކޮށްގެން އެކުލަވާލާ މި އައު ޕޮލިސީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭނެ ކަމަށް މިނިސްޓަރު ސަޢީދު ހާމަކުރެއްވިއެވެ.



