
މާތް ނަބިއްޔާއަށް ފުރައްސާރަކުރި ސްރީލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ސަޢޫދީން ބާޠިލްކޮށްފި
މާތް ނަބިއްޔާއަށް ފުރައްސާރަކުރި ސްރީލަންކާ މީހަކަށް ސަޢޫދީ ޢަރަބިއްޔާއިން އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި އެވެ.
ފޭސްބުކްގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ސަޢޫދީ ކޯޓަކުން އަނޯޖަން ސިވަރާސާ މަރުގެ އަދަބު ކަނޑައެޅީ، އޭނާ ކުރި ކޮމެންޓް ފޮހެލައި މާފަށް އެދިފައި ވަނިކޮށެވެ. ނަމަވެސް، އެ ޤައުމުގެ ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ފޭސްބުކް މެދުވެރިކޮށް މާތް ނަބިއްޔާއަށް ފުރައްސާރަކުރި ކަމަށް ސާބިތުވި ސްރީލަންކާގެ މި މީހާގެ މަރުގެ ހުކުމް ސަޢޫދީގެ އެންމެ މަތީ ކޯޓުން މިހާރު ވަނީ ބާޠިލްކޮށްފަ އެވެ.
އުމުރުން 27 އަހަރުގެ އަނޯޖަން ސިވަރާސާ ކުރި ކޮމެންޓަކާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް ސާބިތުވެ ރިޔާޒުގެ ކޯޓަކުން އޭނާ މަރަން ހުކުމް ކުރީ މިދިޔަ މަހުގަ އެވެ.
ސްރީލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހޭމަޗަންދުރަ ވިދާޅުވި ގޮތުގައި، ސަޢޫދީގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
ބުދަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހޭމަޗަންދުރަ ވަނީ މިކަން ކަށަވަރުކޮށްދެއްވައި މަރުގެ އަދަބު ލުއިކޮށްދިނުމަށް އެއްބަސްވުމުން ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި އަހަރުގެ ކުރީކޮޅު، ހިންދޫންގެ ދީނީ ދަތުރަކަށް ފަހު މުސްލިމަކު ކުއްތާއެއްގައި ކޮޅުފައިން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން ހިންދޫންނާއި މުސްލިމުންގެ މެދުގައި އޮންލައިންކޮށް ބޮޑެތި ބަހުސްތަކެއް ހިނގާފައިވެ އެވެ.
އެ ބަހުސްގެ ތެރެއިން ހިންދޫ ކަލާނގެއަކަށް ފުރައްސާރަކޮށް މީހަކު ކުރި ކޮމެންޓަކަށް ރައްދު ދެމުން ސިވަރާސާ ވަނީ މާތް ނަބިއްޔާއަށް ފުރައްސާރަކޮށްފަ އެވެ.
އޭނާ އެ ކޮމެންޓް ފޮހެލައި މާފަށް އެދޭ ވީޑިއޯއެއް އާންމުކުރި ނަމަވެސް އެ މުއާމަލާތުގެ ސްކްރީންޝޮޓެއް އޭނާ ވަޒީފާ އަދާކުރާ ތަނަށާއި ސަޢޫދީގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާ ގުޅިގެން މިދިޔަ ޖުލައި މަހު އޭނާ ހައްޔަރުކުރެވުނެވެ.
ސިވަރާސާ އަދިވެސް ހުރީ ޖަލުގަ އެވެ. އަދި މި މައްސަލައިގައި އިތުރު ޤާނޫނީ ފިޔަވަޅެއް ކުރިއަށް ދާނެކަން ނުވަތަ ނޫންކަން އަދި ކަށަވަރެއްނުވެ އެވެ.
އަލް-އަހްސާ ކްރިމިނަލް ކޯޓުން އޭނާ ކުށްވެރިވި އިރު މަރުގެ ހުކުމުގެ އިތުރުން ފަސް އަހަރުގެ ޖަލު ހުކުމަކާއި 3 މިލިއަން ސަޢޫދީ ރިޔާލް (800,000 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ވެސް ހުކުމްކުރި އެވެ.
މި ހުކުމް އައީ ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނީ ނިޒާމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އާންމު އަޚްލާގު ހިމާޔަތްކުރުމުގެ ނަމުގައި ސައިބާ ކްރައިމް އަދި ޓެރަރިޒަމާ ދެކޮޅު ޤާނޫނުތަކުގެ އެހީގައި އޮންލައިންކޮށް ޝުއޫރު ފާޅުކުރާ މީހުންނަށް ސަޢޫދީން ފިޔަވަޅު އަޅަމުންދެ އެވެ.
މީގެ ސަބަބުން ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވުމާއި މަރުގެ އަދަބު ދޭ މިންވަރު ވަނީ އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް މަދުވެގެން 175 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު އޭގެ ތެރެއިން ގިނައީ ބޭރު ޤައުމުތަކުގެ މީހުންނެވެ.



