
ސަޢޫދީން ހޫޘީން ހިފެހެއްޓުމަށް ގެންގުޅުނު ސިޔާސަތު އިނދަޖެހިއްޖެ
ހޫޘީންގެ ހަމަލާތަކާއެކު، ޔަމަނާމެދު ސައުދީ އަރަބިއްޔާއިން ގެންގުޅުނު ”ކޮންޓެއިންމަންޓް ސްޓްރެޓަޖީ“ ނުވަތަ ހޫޘީން ވަކި އިމެއްގެ ތެރޭގައި ހިފެހެއްޓުމުގެ ސިޔާސަތު ނިމުމަކަށް އައިސްފި އެވެ.
މީގެ ދިހަ އަހަރު ކުރިއާ އަޅާބަލާއިރު ހޫޘީން މިހާރު ހަނގުރާމައަށް މާ ބޮޑަށް ތައްޔާރުވެފައިވާއިރު، ހަނގުރާމަ ވަރުގަދަވެގެން ދިއުމުން ސަޢޫދީ ޢަރަބިއްޔާއަށް ލިބޭނެ ގެއްލުން ކުރިއަށްވުރެ ބޮޑެވެ.
ދާޚިލީ އިގްތިސާދީ ކުރިއެރުމަށް އިސްކަންދީ، ޔަމަނުގެ ހޫޘީންގެ ނުރައްކާ ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދިޔަ މަސައްކަތްތައް ނާކާމިޔާބުވަމުންދާ ކަމަށާއި، މިއީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވެރިކަމަށް ވަޑައިގަތް ފަހުން ކުރިމަތިވި އެންމެ ބޮޑު އެއް އިމްތިހާނު ކަމަށް މުހައްލިލުންނާއި ޑިޕްލޮމެޓުން ބުނެ އެވެ.
މީގެ ދިހަ އަހަރު ކުރިން ވަލީއަހުދު އިސްވެ ހުންނަވައި، ހޫޘީން ވެރިކަމުން ދުރުކުރުމަށްޓަކައި ޔަމަނު ހަނގުރާމައިގެ ތެރެއަށް ސައުދީން ވަނެވެ.
ނަމަވެސް އެ ހަނގުރާމަ ވެގެންދިޔައީ ސަޢޫދީގެ ވަސީލަތްތައް ހުސްކޮށްލި އަދި ބޮން އެޅުމުގެ ސަބަބުން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އަމާޒުވި ބޮޑު ތަކުލީފަކަށެވެ.
އެންމެ ފަހުން ސަޢޫދީން ވަނީ 2022 ވަނަ އަހަރުން ފެށިގެން ހޫޘީންނާއެކު ނުތަނަވަސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ އިންޓަނޭޝަނަލް ސެކިއުރިޓީ ތަޖުރިބާކާރު ރޮބް ގެއިސްޓް ޕިންފޯލްޑް ވިދާޅުވި ގޮތުގައި، ”މިއީ ސަޢޫދީން ހޫޘީން ހިފެހެއްޓުމަށް ގެންގުޅުނު ސިޔާސަތު އިނދަޖެހުމެވެ.“
އޭނާ އިތުރަށް ވިދާޅުވީ، ފާއިތުވި މަދު އަހަރުތަކެއްގައި ސަޢޫދީން ހޫޘީންނާ މެދު ކަންތައް ކުރި ގޮތް، 7 އޮކްޓޯބަރު 2023 ގެ ކުރިން އިޒްރޭލުން ޣައްޒާގެ ޙަމާސްއާ މެދު ކަންތައް ކުރި ގޮތާ އެއްގޮތް ކަމަށެވެ.
ސަޢޫދީން ހީކުރީ ހޫޘީން ތިބީ އެމީހުން ބޭނުންވާ ފަދަ ކޮންޓްރޯލެއްގެ ދަށުގައި ކަމަށާއި، ސިޔާސީ ހައްލަކާ ހަމައަށް ނުދިޔަ ނަމަވެސް، ހަނގުރާމަ އަލުން ފެށުމުގެ ޝައުގުވެރިކަން ހޫޘީންގެ ކިބައިން ނައްތާލެވިފައިވާ ކަމަށެވެ.
ނަމަވެސް، މިދިޔަ ޖުލައި މަހު ހޫޘީންގެ އޮފިޝަލުން ތިބި މަތިންދާބޯޓެއް ޖެއްސުން ހުއްޓުވުމަށް ސަޢޫދީން ސަންޢާ އެއާޕޯޓަށް ބޮން އެޅުމާ ގުޅިގެން ހަމަނުޖެހުންތައް އަލުން ފެށުނެވެ.
އެ ބޯޓުގައި އީރާނާއި، ސޫރިޔާ އަދި ހިޒްބުالله ގެ އަސްކަރީ މުޝީރުންނާއި ހަތިޔާރު ހުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ހޫޘީން ވަނީ ސަޢޫދީގެ އާގުބޯޓުތަކަށް ހުރަސްއަޅާނެކަން އިއުލާންކޮށް، މިދިޔަ މަހު ރަތްކަނޑުގެ އައްސޭރިފަށުގައި ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.
މި ހަމަލާތަކަށް ރައްދު ދިނުމަށް ސަޢޫދީއާއި އެޤައުމުގެ ބައިވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ޔަމަނުގައި ކުރިން ހިނގި ފުރިހަމަ ހަނގުރާމައާ ޚިލާފަށް، މިފަހަރު ހަމަނުޖެހުން ބޮޑުވުމުން ސަޢޫދީއަށް ލިބޭނެ ގެއްލުން ބޮޑެވެ. އަދި ހޫޘީން މިހާރު ވަނީ މާ ފަންނީ އަދި ވަރުގަދަ ދުޝްމަނަކަށް ވެފައި ކަމަށް ތަޖުރިބާކާރުންބުނެ އެވެ.
ކުރީގެ ހަނގުރާމައިގައި ވެސް ހޫޘީން މިސައިލާއި ޑްރޯން ހަމަލާ ދިން ނަމަވެސް، މިފަހަރުގެ ހަމަލާތަކާ ގާތްކުރާ މިންވަރަށް ވެސް އޭރު އެ ހަމަލާތަކުގެ އަމާޒު ސީދަލެއް ނޫނެވެ.
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް ހޫޘީން ވަނީ ރިޔާޟްގެ ބައިނަލްއަޤްވާމީ އެއާޕޯޓަށް ޖެހިޖެހިގެން ތިން ދުވަހު ހަމަލާދީފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދިން ހަމަލާއެއްގައި 13 މީހުން މަރުވެ 300 މީހުން ޒަޚަމްވި އެވެ. އަދި އަންގާރަ ދުވަހު ސަޢޫދީގެ ތެޔޮ ކުންފުނި އަރާމްކޯގެ މައި މަރުކަޒަށް ދިން ހަމަލާއިން، ހޫޘީންގެ ހަމަލާދިނުމުގެ ޤާބިލްކަން އިތުރުވެފައިވާ މިންވަރު ހާމަވެގެންދިޔަ އެވެ.
މި ހަމަލާތަކާ ގުޅިގެން ސަޢޫދީ އަސްކަރިއްޔާގެ ޤާބިލްކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފި އެވެ.
ސަޢޫދީއަކީ އެމެރިކާގެ ޕެޓްރިއޮޓް އަދި ތާޑް އެއާ ޑިފެންސް ސިސްޓަމްތައް އެންމެ ގިނައިން ގަންނަ އެއް ގައުމެވެ.
ސައުދީގެ އެންމެ މުހިންމު މަރުކަޒުތަކަށް ހޫޘީން ބޭނުންހާ އިރަކު ހަމަލާދެމުންދާއިރު، ސަޢޫދީއަށް އެތަންތަން ދިފާއު ނުކުރެވުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.
ހޫޘީންގެ މިސައިލާއި އަމާޒު ހިފުމުގެ ޓެކްނޮލޮޖީ ކުރިއަށްވުރެ މާ ބޮޑަށް ކުރިއަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ރިޔާޟްގައި ހުންނެވި ހުޅަނގުގެ ދިފާއީ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސަޢޫދީން ދަނީ ގިނަ ހަމަލާތަކެއް ހުއްޓުވަމުންނެވެ.
ނަމަވެސް ހޫޘީން މިހާރު ވަނީ ސަޢޫދީގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލުމުގައި މާ ބޮޑަށް ހުށިޔާރުވެފަ އެވެ.
މިއީ އީރާނުން ދޭ އެހީތެރިކަމާއި، ރަޝިޔާގެ މަދަދުގެ އިތުރުން ރަތްކަނޑުގައި އާގުބޯޓުތަކަށް ދިން ހަމަލާތަކުން އެމީހުން ހޯދި ތަޖުރިބާގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.



