”ރިޔާޟަކީ މިހާރު އަމާންތަނެއް ނޫން“

”ރިޔާޟަކީ މިހާރު އަމާންތަނެއް ނޫން“: ހޫޘީންގެ ހަމަލާތަކާއެކު ސައުދީގެ ވެރިރަށަށް ލިބިފައިވާ ހަމަހިމޭންކަން ގެއްލިއްޖެ އެވެ.

ސަޢޫދީގެ މައި އެއާޕޯޓަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ ބޭރު މީހުންގެ މެދުގައި އޮތް ސަލާމަތީ އިތުބާރު ކުޑަވެ، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދުނިޔޭގެ މަރުކަޒަކަށް ވުމަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ އުންމީދުތަކަށް ވަނީ ބިރުވެރިކަން ކުރިމަތިވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މެދުއިރުމަތީގެ ހަލަބޮލިކަމުގެ ތެރެއިން ރިޔާޟަކީ އަބަދުވެސް އަމާން ބަނދަރެއްގެ ގޮތުގައި ފެންނަމުންދިޔަ ތަނެކެވެ.

ނަމަވެސް، ސަޢޫދީގެ މައި އެއާޕޯޓަށް ހޫޘީން ދިން ނުރައްކާތެރި ހަމަލާތަކާއެކު އެ އަމާންކަން ގެއްލި، އެ ޤައުމުގައި ދިރިއުޅޭ ބޭރުގެ އާއިލާތަކުން އެމީހުންގެ މުސްތަޤްބަލާ މެދު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

ވޭތުވެދިޔަ ހޮނިހިރު ދުވަހު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން ދިން ހަމަލާގައި މަދުވެގެން 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

ސަޢޫދީގެ އިރުމަތީ ސަރަހައްދުގައި ހުރި ތެޔޮ ވަސީލަތްތަކަށާއި ދައްމާމް އެއާޕޯޓަށް ކްރޫޒް މިސައިލް ހަމަލާތަކެއް ދިން ހޫޘީ ޖަމާއަތުން ބުނި ގޮތުގައި، މި ހަމަލާތަކަކީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސަރުކާރުގެ ފައުޖުތަކަށް ސަޢޫދީން ދޭ އެހީތެރިކަމާއި، މިއަހަރުގެ ކުރީކޮޅު ސަންޢާ އެއާޕޯޓަށް ސަޢޫދީން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެކެވެ.

ދައުލަތުގެ މީޑިއާ ’އަލް އިޚްބާރިއްޔާ‘ އިން ދެއްކި ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އުމްރާގެ އަޅުކަމަށް މައްކާއަށް ދިއުމަށް އިހުރާމް ބަނދެގެން ތިބި މީހުން، އެއާޕޯޓުގެ ލައުންޖަށް ދުމާއި ހިރަފުސް ފެތުރި، ސީލިންގްތައް ވެއްޓެން ފެށުމުން ސަލާމަތްވުމަށް ދުވާ މަންޒަރު ފެނެ އެވެ.

މަރުވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ދީނީ އިލްމުވެރިއަކާއި، ސީރިއާގެ ހަތަރު ކުދިންގެ މައަކާއި، އެމެރިކާގެ ރައްޔިތަކު ހިމެނެ އެވެ.

އޭގެ ޖެހިގެން އައި ދުވަހު ދިން ދެވަނަ ހަމަލާގައި އެކަކު މަރުވެ، މަދުވެގެން 11 މީހުންނަށް އަނިޔާވި އެވެ.

”ދީނީ ދަތުރެއްގައި ދާއިރު، ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރުވެރިކަން އުމްރާވެރިންނަށް އިހުސާސް ކުރެވިގެން ނުވާނެ،“ ރިޔާޟްގައި ހަތް އަހަރު ދިރިއުޅެފައިވާ އިނގިރޭސި ރައްޔިތެއް ކަމަށްވާ ބިލާލް ބުންޏެވެ.

”ހޫޘީންނަށް މިކަން ދިފާއެއް ނުކުރެވޭނެ. އާންމު ރައްޔިތުންނަށް ހަމަލާދިނުމަކީ އެއްވެސް ހަމައަކުން ބަލާއިރު އިންސާފުވެރިކަމެއް ނޫން. އަދި މީގެ އަހަރުތަކެއް ކުރިން ސަޢޫދީން އިސްވެ އޮވެ ހަނގުރާމައިގައި ކުރި ކަންކަމުގެ ބަދަލު ހިފުމުގެ ގޮތުން، އާންމުން ބޭނުންކުރާ ތަންތަނަށް ހަމަލާދިނުމަކީ ދިފާއު ކުރެވޭނެ ކަމެއް ނޫން.“

މި ހަމަލާތަކުގެ ސަބަބުން ގެއްލުނު ފުރާނައާއި މާލީ ގެއްލުންތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރިތަކާއި، ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތަކަށް ސަޢޫދީއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބިނާކޮށްފައިވާ ތަަސްވީރަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.