ޕްރޮވިންޝަލް ސަރުކާރު ސަސްޕެންޑްކުރުމަކީ ބަޣާވާތެއް – އިމްރާން ޚާން ގެ ޕާޓީ

ޕާކިސްތާނުގެ ޕްރޮވިންޝަލް ސަރުކާރު ސަސްޕެންޑްކުރުމާ ގުޅިގެން އިމްރާން ޚާންގެ ޕާޓީން އެއީ ’ބަޣާވާތެއް‘ ކަމަށް ސިފަކޮށްފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އޭނާގެ ސަޕޯޓަރުން މުޒާހަރާގެ ހިނގާލުންތައް ފެށިތާ ހަފުތާއެއް ފަހުން، ޕްރޮވިންޝަލް ސަރުކާރު އުވާލުމާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވެއްޖެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިމްރާންޚާންގެ ޕީ.ޓީ.އައި ޕާޓީން ހިންގަމުންދިޔަ ޕްރޮވިންސެއްގައި ޕާކިސްތާނު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، އެ ސަރުކާރު ވަނީ އުވާލާފަ އެވެ. މި ނިންމުމާ ގުޅިގެން ޕީ.ޓީ.އައިގެ ތަރުޖަމާނު ވިދާޅުވީ މިއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނަމުގައި ހިންގި ބަޣާވާތެއް ކަމަށެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ، އުތުރު ހުޅަނގު ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މަރުކަޒީ ސަރުކާރުން ބުނާ ގޮތުގައި މި ފިޔަވަޅު އެޅީ އަފްޣާނިސްތާނާ އިންވެގެން އޮންނަ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނުރައްކާ ހުއްޓުވުމަށް އެ ޕްރޮވިންސްގެ ސަރުކާރު ނުކުޅެދުމާ ގުޅިގެންނެވެ.

ޚައިބަރު ޕަޚްތޫންޚުވާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، އައު ގަވަރުނަރަކު އައްޔަންކުރުމަކީ އިމްރާން ޚާންގެ ޕީ.ޓީ.އައި އާއި ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެގެންދިޔަ ކަމެކެވެ.

މިއީ އިމްރާންޚާން މިނިވަންކުރުމަށް ގޮވާލައި އިސްލާމްއާބާދަށް ދިއުމަށް ޕީ.ޓީ.އައިގެ ސަޕޯޓަރުން އެ ޕްރޮވިންސަށް ޖަމާވިތާ ހަފުތާއެއް ފަހުން އެޅި ފިޔަވަޅެކެވެ.

މި މުޒާހަރާ ފެށުމުގެ ކުރިން ޕީ.ޓީ.އައިގެ އެތައް ސަތޭކަ އެކްޓިވިސްޓުންނާއި އިމްރާން ޚާންގެ ތިން އަންހެން ކޮއްކޮއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ޕީ.ޓީ.އައި އިން ބުނާ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ސިޔާސީ ހަރަކާތްތަކާ ދެކޮޅަށް ހިންގި އެންމެ ވަރުގަދަ ފިޔަވަޅުތަކެވެ.

އިމްރާން ޚާންގެ އެހީތެރިޔާ އަދި ޕީ.ޓީ.އައިގެ ތަރުޖަމާނު ޒުލްފިކާރު ބުޚާރީ ވިދާޅުވީ، ސަރުކާރުގެ މި ނިންމުމަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނިވާފަތްގަނޑުގައި ހިންގި ބަޣާވާތެއް ކަމަށާއި، މީގެ ސަބަބުން ޤައުމުގައި އިތުރު ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކަށް މަގުފަހިވެދާނެ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް މުޒާހަރާތައް ހުއްޓުވުމަށް ކުރި ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޕާކިސްތާނުގެ ޤާނޫނު އަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި ޕްރޮވިންސްތަކުގެ އިދާރީ ހިންގުން މަރުކަޒީ ސަރުކާރުގެ ދަށަށް ގެނައުމުގެ ބާރު ލިބިގެންވެ އެވެ. ޤާނޫނީ ވަޒީރު އާޒަމް ނަޒީރު ތަރާރު ވިދާޅުވީ، ފަހަކަށް އައިސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެފައިވާ ޚައިބަރު ޕަޚްތޫންޚުވާގެ ހިންގުމާ ދެން ހަވާލުވާނީ ޕްރޮވިންޝަލް ގަވަރުނަރު ކަމަށެވެ.

އިސްލާމްއާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރާރު ވިދާޅުވީ، ގަވަރުނަރުގެ ދަށުން އެ ޕްރޮވިންސް ހިންގާނީ ފުރަތަމަ ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށާއި، ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އެ މުއްދަތު އިތުރުކުރެވޭނެ ކަމަށެވެ.

ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

މަރުކަޒީ ސަރުކާރާއި އަސްކަރިއްޔާއިން ޕީ.ޓީ.އައި އަށް ތުހުމަތު ކުރަނީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމުގައި އިހުމާލުވެފައިވާ ކަމަށެވެ.

ނަމަވެސް ޕީ.ޓީ.އައި އިން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ޕާޓީން ބުނަނީ މަސައްކަތްތަކަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް މަރުކަޒީ ސަރުކާރުން ފޯރުކޮށްދީފައިނުވާ ކަމަށެވެ.

އެ ޕްރޮވިންސްގެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވި ސުހައިލް އަފްރީދީގެ ހަރަކާތްތަކަށް މިހާރު ހުރަސްތަކެއް ކުރިމަތިކޮށްފައިވާ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ.

ޕީ.ޓީ.އައި އާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން އިސްކޮށްފައިވާ ޖޭ.ޔޫ.އައި-އެފް ޕާޓީގެ ލީޑަރު މަައުލާނާ ފަޒްލުއްރަހުމާން ވެސް ވަނީ ސަރުކާރުގެ މި ފިޔަވަޅު ކުށްވެރިކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމަކީ ޑިމޮކްރަސީއަށް ދިން ކުއްލި ހަމަލާއެއް ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ޕާލަމެންޓާ ހަމައަށް ދިޔަ ނުދިނުމަށްޓަކައި، އިސްލާމްއާބާދުގެ މަގުތަކުގައި ކޮންޓޭނަރުތައް ޖަހައި ބަންދުކޮށް، އެތައް ހާސް ސަލާމަތީ ބާރުތަކެއް ވަނީ މަގުތަކަށް ނެރެފަ އެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.