
ޓީމު ދޫކޮށް ދިއުމުން ރޮނާލްޑޯ ސަސްޕެންޑްކޮށް ފިޔަވަޅު އެޅަނީ
ޓީމު ދޫކޮށް ދިއުމާ ގުޅިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑްކޮށް، އޭނާއާ މެދު އަދަބީ ފިޔަވަޅު އެޅުމުގެ މަރުހަލާ ޕޯޗުގަލް އިން ފަށައިފި އެވެ.
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤައުމީ ޓީމު ދޫކޮށް ދިއުމާ ގުޅިގެން ރޮނާލްޑޯ ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
މި މައްސަލަ މިހާރު ޑިސިޕްލިނަރީ އިންވެސްޓިގޭޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި، ތަޙްޤީޤް ނިމެންދެން އެކަމާ ގުޅޭ ތަފްސީލުތައް ސިއްރުކުރެވޭނެ ކަމަށްވެސް ފެޑެރޭޝަނުން ހާމަކޮށްފައިވެ އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޓީމު ދޫކޮށް ގޮސްފައިވަނީ، އިންޓަނޭޝަނަލް ބްރޭކްގެ ތެރޭގައި ކުޅެން ލިބޭ ވަގުތު މަދުވުމާ ގުޅިގެން އާ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ.
ރޮނާލްޑޯ ނުކުޅެ ބެންޗުގައި އިން ނުވަތަ ޓީމުގައި ނެތް ތިން މެޗުންވެސް ޕޯޗުގަލް މޮޅުވެފައިވާއިރު، އޭނާގެ ބަދަލުގައި ކުޅެން އެރި ގޮންޒާލޯ ރާމޯސް ވަނީ ތިން ލަނޑު ޖަހައި އޭނާގެ ހުނަރު ސާބިތުކޮށްދީފަ އެވެ.
އިންޓަނޭޝަނަލް ބްރޭކް ނިންމާލަމުން، އޭނާގެ 679 މިލިއަން ފޮލޯވަރުން ތިބި އިންސްޓަގްރާމްގައި ކުރި ދިގު ޕޯސްޓެއްގައި ރޮނާލްޑޯ ވަނީ ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވޯމްއަޕް ކުރަން ބުނުމަށްފަހު ކުޅެން ނޭރުވުމަކީ ކޯޗަށް ހެދުނު ގޯހެއް ކަމަށް ގަބޫލުކުރުމަށް އެދިފަ އެވެ.
ނަމަވެސް ކޯޗު ޖީސަސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ.
ފެޑެރޭޝަންގެ ޤަވާޢިދުތަކުގެ ދަށުން ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނަމުން، ރޮނާލްޑޯ ވަނީ ސަޕޯޓަރުންނަށް ވަދާއީ މެޗެއް ނުވަތަ މެޗުތަކެއް ފެންނާނެ ކަމުގެ ޔަގީންކަންދީފަ އެވެ.
ޕްރެކްޓިސް ކޭމްޕް ދޫކޮށް ދިއުމާ ގުޅިގެން ރޮނާލްޑޯއަށް ބޮޑު އަދަބެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
ފެޑެރޭޝަންގެ އަދަބީ ޤަވާޢިދު ބުނާގޮތުން، އެކަށީގެންވާ ސަބަބެއް ނެތި ޤައުމީ ޓީމުގެ ތަމްރީނުތަކަށް ނުވަތަ މެޗުތަކަށް ހާޒިރުނުވާ ނުވަތަ ދޫކޮށްދާ ކުޅުންތެރިއަކު އެއް މަހާއި ހަ މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށް، ޖޫރިމަނާ ކުރެވޭނެ އެވެ.
ރޮނާލްޑޯ ޓީމު ދޫކޮށްދާކަން ފެޑެރޭޝަނަށް އެންގި ނަމަވެސް، އެއީ ޤަވާޢިދުތައް ޤަބޫލުކުރާ ފަދަ މަގުބޫލު ސަބަބެއް ކަމަކަށް އަދި ސާފެއްނުވެ އެވެ.
މި ހަފުތާގައި ނެރުނު ބަޔާނުގައި ރޮނާލްޑޯ ބުނެފައިވަނީ، އޭނާ މައާފަށް އެދިފައިވާނެ ކަމަށާއި، ނަމަވެސް ކުރެވޭ ކަންކަމުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަން ގަބޫލުކުރާ ކަމަށެވެ. އަދި ފުޓްބޯޅައިގައި ކުޅުންތެރިއެއްގެ މަގާމާއި ދަރަޖައަށް ބެލުމެއް ނެތި، ޤަވާޢިދުތަކަކީ އެންމެންނަށްވެސް ހަމަހަމަ އެއްޗެއްކަން އޭނާ ފާހަގަކޮށްފައިވެ އެވެ.



