
ސޯސަންމަގު އެކްސިޑެންޓުގައި ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ސޯސަންމަގުގައި މިދިޔަ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ޙަސަން އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މި ހާދިސާގައި 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ އަންހެނަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް، ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް 26 އަހަރުގެ ޢާއިޝަތު މާހިދާ ވަނީ ނިޔާވެފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މާހު ހަސަންގެ ބަންދަށް ފުރަތަމަ ކޯޓުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުން އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގި ވަގުތު އުޅަނދު ދުއްވަން އިން މާހު ހަސަނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.



