ސޫރަތުލް އިންޝިޤާޤް (3)

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު، 23 ނޮވެންބަރު 2016 އާގުޅޭ..

(وَاللَّيْلِ وَمَا وَسَقَ ﴿١٧﴾  ) “އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.” ސަބަބަކީ ރޭގަނޑު ޖަނަވާރުތަކާއި އިންސާނުންނަށް ގޯނާކުރާ ޛާތުގެ ސޫފިތައް އެއްކުރެއެވެ.

(وَالْقَمَرِ إِذَا اتَّسَقَ ﴿١٨﴾  ) އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.

އިޝްތިހާރު Below Header ad

(لَتَرْكَبُنَّ طَبَقًا عَن طَبَقٍ ﴿١٩﴾  ) ޒަމާންވީ ވަރަކަށް ތިޔަބައިމީހުންގެ ޙާލަތު ބަދަލުވަމުންދާނެއެވެ. އަދި ތަނާއި ހަށިގަނޑަށްވެސް ބަދަލުތައް އަންނާނެއެވެ. އަދި ހިތްތަކަށްވެސް ބަދަލު އަންނާނެއެވެ.

ޒަމާން ބަދަލުވާ ގޮތަކީ: އެއްބައި ދުވަސްތަކަކީ ވަރަށް އުފަލުގައި އުޅޭ ދުވަސްތަކެއް ކަމުގައިވާނެއެވެ. އަނެއް ބައި ދުވަސްތަކަކީ ހިތާމާގައި އުޅެން ޖެހޭ ދުވަސްތަކެއް ކަމުގައިވެދާނެއެވެ. ސޫރަތު އާލުޢިމްރާންގެ 140 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ  ) މާނައަކީ: “ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ. ”

އިންސާނުން ދިރިއުޅޭ ތަން ބަދަލު ކުރައްވާ ގޮތަކީ އެކި ދުވަހު އެކިތަންތަނަށް ދަތުރުކޮށް އެންމެ ފަހުން ދުނިޔޭގެ ދުވަސްތައް ނިމި ކައްވަޅަށް ދަތުރު ކުރަން ޖެހުމެވެ.

އިންސާނުންގެ ހަށިގަނޑަށް ބަދަލު އަންނަ ގޮތް ބަޔާން ކޮށްދެއްވާ ސޫރަތުއް ރޫމްގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤﴾ ) މާނައަކީ: “ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”

އިންސާނުންގެ ހިތަކީވެސް ބަދަލުވާ އެއްޗެކެވެ. އާދަމުގެ ދަރިންގެ ހިތްތައް ވަނީ ﷲގެ ދެއިނގިލިފުޅު ދެމެދުގައެވެ. އެކަލާންގެ އިރާދަކުރެއްވި ގޮތަކަށް އެހިތްތައް އަނބުރާލައްވައެވެ. ﷲ އިރާދަކުރެއްވި އަޅަކަށް ހިދާޔަތް ދައްކަވައެވެ. އަދި އިރާދަކުރެއްވި އަޅަކު މަގުފުރައްދަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދުޢާގައި ވެއެވެ. (اَللَّهُمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ  ) މާނައަކީ: “ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ހިތްތައް ބަދަލު ކުރައްވާ އިލާހެވެ. މިއަޅާގެ ހިތް އިބަ ﷲ ގެ ދީނުގެ މަތީގައި ޘާބިތުކޮށް ދެއްވާފާންދޭވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިދުޢާ ކުރައްވާލެއް ގިނަކަމުން އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އިބަ ﷲ އަށް އީމާންވެއްޖައީމުއެވެ. ކަލޭގެފާނު ގެންނެވިތަކެއްޗަށްވެސް އީމާންވެއްޖައީމުއެވެ. އަދިވެސް ކަލޭގެފާނު އަހަރުމެންގެ މައްޗަށް ބިރުފުޅު ގަންވަނީތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. (نَعَمْ، إِنَّ الْقُلُوبَ بَيْنَ أُصْبُعَيْنِ مِنْ أَصَابِعِ اللَّهِ، يُقَلِّبُهَا كَيْفَ يَشَاءُ  ) މާނައަކީ: “އާއެކެވެ. ހަމަކަށަވަރުން ހިތްތައްވަނީ ﷲގެ ދެއިނގިލި ދެމެދުގައެވެ. އެކަލާންގެ އިރާދަކުރެއްވި ގޮތަކަށް އެހިތްތައް ބަދަލު ކުރައްވައެވެ.”

ބައެއް ފަހަރަށް ހިތްތައް ވަނީ ދުނިޔެއާއިގެން މަޝްޣޫލުވެފައެވެ. އަނެއްބައި ފަހަރަށް ދުނިޔޭގެ ކޮންމެވެސް ކަމަކާއިގެން މަޝްޣޫލުވެފައެވެ. ބައެއް ފަހަރަށް މުދަލާއި ހެދިގެންނެވެ. އަނެއްބައި ފަހަރަށް އަންހެނަކާ ހެދިގެންނެވެ. ނުވަތަ އެނޫންވެސް ކޮންމެވެސް ކަމަކާއި ހެދިގެންނެވެ. އަނެއްބައި ފަހަރަށް ﷲ ޛިކްރު ކުރުމުގައި މަޝްޣޫލުވާފަހަރުވެސް އާދެއެވެ. އެހެންކަމުން، އަބަދުވެސް ހިތް ދަތުރު ކުރަނީ ކޮންކަމަކާ ގުޅޭ ގޮތުންތޯ ފާރަވެރިވާން ޖެހެއެވެ. ﷲ ގެ މަގުން އެއްކިބާވާ ފަދަގޮތަކަށް ހިތްދަތުރުކުރާނަމަ އެކަމުން ދުރުހެލިވާން ޖެހޭނެއެވެ. އިންސާނާގެ ހަށިގަނޑުގައި ލޭދަތުރުކުރާ ފަދައިން ޝައިޠާނާގެ ވަސްވާސްތައް ދަތުރުކޮށްކޮށް ހުރެއެވެ. އެހެންކަމުން، ބައެއް ފަހަރަށް އިންސާނާ ނަމާދުން ޣާފިލު ކުރުވައެވެ. ނަމާދަށް އެރިނަމަވެސް އެކިކަހަލަ ޚިޔާލުތައް އައިސް ނަމާދުން ބޭރުގެ ޚިޔާލުތަކާއިގެން ނަމާދުގައި ކިޔާ ތަކެއްޗާއި މެދުގައި ވިސްނާނުލެވެއެވެ. ނަމާދަކީ އެންމެހައި ފާޙިޝް ކަންތަކާއި މުންކަރާތްތަކުން މީހާ ސަލާމަތް ކުރާ އެއްޗެއްކަމުގައި އަންގަވާފައި އޮތްނަމަވެސް ބައެއް ނަމާދުކުރާ މީހުންގެ ކިބައިން އެކަން ނުފެނެއެވެ. ސަބަބަކީ އެމީހުން ނަމާދު ކުރާއިރުގައި އެހެންކަންކަމާއިގެން މަޝްޣޫލުވެ، ނަމާދުގައި ކިޔާ ތަކެއްޗާއި މެދުގައި ވިސްނާ ފިކުރު ނުކުރާތީވެއެވެ. ނަމާދުގައި ކިޔުނީ ކޮން ސޫރަތްތަކެއްކަންވެސް ބައެއް ފަހަރަށް ނޭނގެއެވެ. އެވަރަށް މީހާ ހުންނަނީ އެހެން ޚިޔާލުތަކާއިގެން މަޝްޣޫލުވެފައެވެ. އެފަދަ ކަންކަމުން ސަލާމަތްވުމަށް އަންގަވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إنه ليس لك من صلاتك إلا ما عقلت منها، نصفها، ربعها، ثلثها، عشرها، خمسها  ) މާނައަކީ: “ތިބާގެ ނަމާދުން ތިބާ އަށް ލިބޭނީ ވިސްނައިގެން ކުރި މިންވަރެކެވެ. ދެބައިކުޅަ އެއްބައެވެ. ހަތަރުބައިކުޅަ އެއްބައެވެ. ތިންބައިކުޅަ އެއްބައެވެ. ދިހަބައިކުޅަ އެއްބައެވެ. ފަސްބައިކުޅަ އެއްބައެވެ.”

(فَمَا لَهُمْ لَا يُؤْمِنُونَ ﴿٢٠﴾  ) މިތަނުގައި ސުވާލު ކުރައްވާފައި މިވަނީ އެބައިމީހުން ކުރާ ހަޑިމުޑުދާރުކަންތައްތަކަށް ތައުބީޚު ކުރެއްވުމުގެ ގޮތުންނެވެ. “ތިޔަބައިމީހުންނަށް އީމާންވުމަށް ހުރަހަކަށްވީ ކޮންކަމެއް ހެއްޔެވެ؟ ތިޔަބއިމީހުން ﷲ އަށް އީމާންވެ، ﷲ ދެއްވި ތަކެތިން ޞަދަގާތް ކުރުމަށް ހުރަހަކަށްވީ ކޮންކަމެއް ހެއްޔެވެ؟ ފިރްޢާއުނު ގެ އާއިލާ އިން އީމާންވީ މީހަކު ބުނި ކަމަށް ސޫރަތު ޣާފިރުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقَالَ رَجُلٌ مُّؤْمِنٌ مِّنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّيَ اللَّـهُ وَقَدْ جَاءَكُم بِالْبَيِّنَاتِ مِن رَّبِّكُمْ ۖ وَإِن يَكُ كَاذِبًا فَعَلَيْهِ كَذِبُهُ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ الَّذِي يَعِدُكُمْ ۖ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ ﴿٢٨﴾ ) މާނައަކީ: “فرعون ގެ خاندان ގެ މީހުންކުރެ إيمان ކަން ވަންހަނާކޮށްގެންހުރި مؤمن ފިރިހެނަކު ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: موسى ގެފާނު) ތިޔަ قتل ކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، اللَّه އޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު ތިޔަބައިމީހުންނަށް އެ وعد ކުރައްވާ ކަންތަކުން ބައެއް ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން، އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.”

(وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ ﴿٢١﴾  ) “އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ.”

ސަޖިދަ ކުރުމުގެ މާނައަކީ ﷲ އަށް ކިޔަމަންގަތުމެވެ. ﷲ ގެ އާޔަތްތައް ކިޔެވޭ އަޑުއިވޭ ހިނދުގައި ކިޔަމަންތެރިކަން އަދާ ކުރުމެވެ. އޭނާގެ ނިތްކުރި ބިންމައްޗަށް ސަޖިދަ އަށް ތިރިނުކުރި ނަމަވެސް، އޭނާގެ ހިތް ﷲ އަށް ޓަކައި ކިޔަމަންތެރި ކުރުވުމެވެ. އެގޮތަށްކަންތައްކޮށްފިމީހާ ވަނީ މުއިމިނުންގެ ތެރެއިންނެވެ. ސޫރަތުލް އަންފާލްގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴿٢﴾ ) މާނައަކީ: “مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ.”

ގުރްއާނުގެ އާޔަތްތައް ކިޔެވޭ އަޑުއިވޭ ހިނދުގައި އެމީހެއްގެ ހިތަށް އީމާންކަމާއި ކިޔަމަންތެރިކަން ނުވަންނަނަމަ، އޭގެ މާނައަކީ ﷲ އަށް ސަޖިދަ ކުރުމަށް އިންކާރު ކުރާ މުޝްރިކުންނާއި އޭނާ އާއި އެއްގޮތްކަންތަކެއް ހުރުމެވެ. މި އާޔަތުން ދަލީލު ނަންގަވާ ތިލާވަތުގެ ސަޖިދަ ކުރުމަކީ ވާޖިބެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ސަޖިދާގެ އާޔަތެއް އަންނަ ހިނދު އެއާޔަތެއް ކިޔަވާފައި ސަޖިދަ ނުކޮށްފި މީހާ ފާފަވެރިވާނެއެވެ. ނަމަވެސް މި މައްސަލާގައި އެންމެ ރަގަޅު ގޮތަކީ ތިލާވަތުގެ ސަޖިދަ ކުރުމަކީ ވާޖިބެއް ނޫންކަމެވެ. ދަލީލަކީ ثبت في الصحيح أن أمير المؤمنين عمر بن الخطاب رضي الله عنه خطب الناس يوماً فقرأ سورة النحل فلما وصل إلى آية السجدة نزل من المنبر فسجد ثم قرأها من الجمعة الثانية فمر بها ولم يسجد، فقال رضي الله عنه: [ إن الله لم يفرض علينا السجود إلا أن نشاء ] وكان ذلك بمحضر من الصحابة ولم ينكر عليه أحد) މާނައަކީ: އަމީރުލް މުއިމިނީނަ ޢުމަރު ބިން އަލްޚައްޠާބުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު އެއްދުވަހެއްގައި މީސްތަކުންނަށް ޚުޠުބާ ދެއްވުމަށް ހުންނަވާ އައްނަޙްލު ސޫރަތް ކިޔަވާ ވިދާޅުވިއެވެ. އަދި ސަޖިދާގެ އާޔަތާއި އަރާހަމަވުމުން އެކަލޭގެފާނު މިންބަރުން ފައިބާ ވަޑައިގެން ސަޖިދަ ކުރެއްވިއެވެ. ޖެހިގެން އައި ހުކުރު ގައިވެސް ހަމައެއާޔަތް ކިޔަވާ ވިދާޅުވިއެވެ. ނަމަވެސް އެދުވަހު ސަޖިދަ އެއް ނުކުރައްވައެވެ. އަދި ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިލާވަތުގެ ސަޖިދަ ކުރުމަށް ﷲ އަހަރުމެންނަށް ފަރްޟު ކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނު އެގޮތަށް ވިދާޅުވެފައިވަނީ އެތައް ޞަޙާބީންނެއް ތިއްބެވި މަޖްލިސް އެއްގައެވެ. ނަމަވެސް، އެއްވެސް ޞަޙާބީ އަކު އެކަމާ އިންކާރު ނުކުރައްވައެވެ.” ޢުމަރު ރަޟިޔަﷲ ޢަންހުގެ ސުންނަތަކީ އަހަރުމެން ތަބަޢަވާން ޖެހޭ ސުންނަތެކެވެ. އެހެންކަމުން ތިލާވަތުގެ ސަޖިދަ ކުރުމަކީ ވާޖިބެއް ނޫނެވެ. ނަމަވެސް، ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ ، اعْتَزَلَ الشَّيْطَانُ يَبْكِي ، يَقُولُ : يَا وَيْلَهُ ، وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي ، أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ ، فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ) ރަވާހު މުސްލިމް. މާނައަކީ: “އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވާ ސަޖިދަ ކޮށްފިނަމަ، ޝައިޠާނާ ރޮމުން އެއްފަރާތަށް ޖެހެއެވެ. އަދި ބުނެއެވެ. “ހުރި ހާލާކެއްގެ ބޮޑު ކަމާއެވެ. އާދަމުގެ ދަރިޔާ އަށް ސަޖިދަ ކުރުމަށް އަމުރު ކުރެވުމުން އޭނާ ސަޖިދަ ކުރިއެވެ. އޭގެ ސަބަބުން އޭނާ އަށް ސުވަރުގެ ލިބިއްޖެއެވެ. އަހަންނަށް ސަޖިދަ ކުރަން އަމުރު ކުރެވުމުން އެކަމާ ދެކޮޅު ހެދީމެވެ. އަދި އޭގެ ސަބަބުން އަހަރެންނަށް ހުރީ ނަރަކައެވެ.”

ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.